ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ނުރައްކާތެރި ހާލަތަކަށް ދިޔަ މެލޭޝިއާއިން ބަލިޖެހުނު މީހުންގެ ތެރެއިން އިތުރު 73 މީހަކު ބަލިން ރަނގަޅުވެ، މެލޭޝިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޝިފާ ލިބުނު މީހުންގެ ނިސްބަތް 80 ޕަސެންޓްއަށްވުރެ މައްޗަށް އަރާފައިވާކަމަށް މެލެޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މެލޭޝިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޑައިރެކްޓާ ޖެނެރަލް ނޫރު ހިޝާމް ޢަބްދުﷲ ވިދާޅުވީ ބަލިޖެހުނު މީހުންގެ ތެރެއިން ޝިފާ ލިބުނު މީހުންގެ އަދަދު 5512 އަށް އަރާފައިވާކަމަށާ، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރިޕޯޓްކޮށްފައިވަނީ 1247 މީހުން ކަމަށެވެ.

މީގެ ތެރެއިން 13 މީހަކަށް ފަރުވާ ދެމުންދަނީ އިންޓެންސިވް ކެއާ ޔުނިޓްގައި ކަމަށްވާއިރު، 5 މީހަކު ނޭވާލަމުންދަނީ އިތުރު އެހީއާއިއެކުގައެވެ.

ކަންމިހެން އޮތްއިރު ހޮނިހިރު ދުވަހުވެސް މެލޭޝިއާއިންވަނީ 17 މީހަކު ޕޮޒިޓިވްވެފައެވެ. އެގައުމުން ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު 6800 އަށްވުރެ މައްޗަށް އަރާފައިވާކަމަށް ޚަބަރު ލިބެއެވެ. މި ބަލީގައި މެލޭޝިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 113 އަށް އަރާފައެވެ.

މެލޭޝިއާގައި ކޮވިޑް-19ގެ ކޭސްތައް ކޮންޓްރޯލް ވާންފެށި އެންމެ ބޮޑު އެއް ސަބަބަކީ އެ ގައުމުގެ ސަރުކާރުން މާޗް 18 ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފެށި ހަރުކަށި މޫވްމަންޓް ކޮންޓްރޯލް އޯޑަރު ކަމަށް ބުނެވެއެވެ.

ބަލިމަޑުކަމުގެ ހާލަތު ރަނގަޅުވާން ފެށުމާއެކު، އިގުތިސޯދީ ބައެއް ހަރަކާތްތަކަށް ފުރުސަތު ފަހިކުރުމުގެ ގޮތުން މެލޭޝިއާއިންވަނީ މެއި މަހުގެ 4 ވަނަ ދުވަހުން ފަށައިގެން ބައެއް ފިޔަވަޅުތަކަށް ދޫދޭން ފަށާފައެވެ.

ތައުލީމު ފޯރުކޮށްދޭ ސްކޫލްތައް ބަންދުކޮށްފައިވާއިރު، މި ތަންތަން އަލުން ހުޅުވުމުގައި ސަރުކާރުން ބަރޯސާވަނީ ސިއްހަތާ ބެހޭ ވުޒާރާގެ ބަހަކަށް ކަމަށާ، ސްކޫލްތައް އަލުން ފެށުމުގެ ކުރިން 2 ހަފުތާގެ ނޯޓިސް ދެއްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވަނީ އިއްޔެގެ ވަގުތެއްގައި ހާމަކުރައްވާފައެވެ.

މީގެ އިތުރުން "މެލޭޝިއާ މައި ސެކަންޑް ހޯމް" މަޝްރޫއުގައި ބައިވެރިވާ ބޭރުގެ ފަރާތްތަކަށް މިއަދުން ފަށައިގެން މެލޭޝިއާއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަން މެލޭޝިއާގެ ފަތުރުވެރިކަމާ ސަގާފަތާ ބެހޭ ވަޒީރު ނޭންސީ ޝުކްރީ ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މި ފަރާތްތަކަށް މެލޭޝިއާއަށް އެތެރެވެވޭނީ ކޮވިޑް-19އަށް ޓެސްޓުކޮށް، ނަތީޖާ ނެގެޓިވް ވުމުން ކަމަށް މައުލޫމާތު ލިބެއެވެ.