ތުއްތު ކުދިންނާ ކުޑަކުދިންނަކީ އެއްބަޔަކު އަނެއް ބަޔަކާއެކު ކުޅިވަރުކުޅެ، ސަކަރާތްޖަހާ މަޖާ ކުރުމަށް އިންތިހާއަށް ލޯބިކުރާ މައުސޫމު ބައެކެވެ. ނަމަވެސް ދުނިޔެއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ޕްލޭޑޭޓްތަކާ، އުމުރުފުރާގެ ގޮތުން އާއިލާ ތެރެއިން ގާތް ކުދިންނާއެކު ކުޅެއުޅުނު އުޅުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ބަލިމަޑުކަމުން ދިފާއުވެވެން މިވަގުތު އޮތް ހަމައެކަނި ގޮތަކީ އިޖުތިމާއީ ގައިދުރުކަން ތަންފީޒު ކުރުން ކަމަށް ވާއިރު، މިކަމަކީ އެ ޅަ ސިކުނޑިތަކަށް މާ ރަނގަޅަކަށް ފަހުމް ވާނެވެސް ކަމެއް ނޫނެވެ.
ގޭގައި ބަންދުވެފައި ތިބެން ޖެހުމަކީ އެ ކުދިންގެ ދިރިއުޅުމުން އުޖާލާކަން ގެއްލިގެންދާފަދަ ކަމަކަށް ވެގެން ނުވާނެއެވެ. މިއީ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، މިކަމުގައި ދަރިންނަށް އުފާވެރިކަން ހޯދާ ދިނުމަށް މައިންބަފައިންނާ ބެލެނިވެރިން ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ އދގެ ޖަމިއްޔާ ޔުނިސެފްއާއި ލެގޯ ފައުންޑޭޝަން އިންވަނީ މިކަމަށް ހާއްސަ އެހީއެއްވެސް އެކުލަވާލާފައެވެ. އެހެންކަމުން މި ހިއްސާކޮށްލަނީ ލޮކްޑައުންގެ ދުވަސްވަރު ގޭގައި ތިބެގެންވެސް ތުއްތު އަދި ކުޑަ ދަރިފުޅަށް އުފާވެރި ވަގުތުކޮޅެއް ހޮދާދިނުމަށް އެ ދެ ފަރާތުން ދީފައިވާ ބައެއް އިރުޝާދުތަކެވެ. ނުވަތަ ޖާގައިގެ ދަތިކަމުގައި ލޮކްޑައުން ވެފައި ތިބެމެ، ދަރިފުޅާއެކު ކުޅެލެވިދާނެ ބައެއް ކަހަލަ ކުޅިވަރުތަކެވެ.
ތުއްތު ކުދިން (0-9 މަހާ ދެމެދު)
ޕީކް-އަ-ބޫ
މިއީ ދިވެހިންނަށްވެސް ފަރިތަ ކުޅިވަރެކެވެ. މިއީ "ފީކޯއި-އަޖާ"އެވެ. މިކަމަށް ބޭނުންވާނެހާވެސް އެއްޗަކީ އަތްތިލައާއި ލޯބިލޯބި އަޑެކެވެ. ނުވަތަ ކުޑަ ތުވާލިކޮޅެކެވެ. ދަރިފުޅާއެކު މި ކުޅިވަރު ކުޅެމުންދާއިރު އެ މައުސޫމު މޫނު މައްޗަށް އަންނަ އުޖާލާ ބަދަލުތައް އިސާހިތަކު ފާހަގަވާން ފަށާނެއެވެ. ދަރިފުޅުގެ އުމުރުން ދުވަސްވަމުން ދާ ވަރަކަށް، އެ ތުއްތު ކުއްޖާވެސް މި ކުޅިވަރުގައި ބައިވެރިވާން ފަށާނެއެވެ. ނަކަލު ކުރަން ފަށާނެއެވެ.
ސީ-އެންޑް-ސޭ
މިއީ ގޭ ތެރެއިން ފެންނަ ތަފާތު އެކި އިއްޗިއްސަށް އިނގިލި ދިމާކުރުމަށްފަހު، އެތަކެތީގެ ނަމާ، އެއީ ކޮން އެއްޗެއްކަން ދަރިފުޅަށް ކިޔައިދެމުން ކުޅޭ ކުޅިވަރެކެވެ. މިސާލަކަށް "އެއޮތީ ބުޅަލެއް. އެއީ މުށި ކުލައިގެ ބުޅަލެއް" ކަހަލަ ބަސްތައް ބޭނުން ކުރާށެވެ. މިއީ ބޮޑުވަމުން އަންނަ ދަރިފުޅުގެ ބަސް-ޖާޑި މުއްސަނދިކޮށްދިނުމަށް އެހީއެކެވެ. ހަމަ އެހެންމެ، ބެލެނިވެރިޔާއާއި ދަރިފުޅުގެ ގުޅުންވެސް ބަދަހިކޮށްދޭނެ ކަމެކެވެ.
އާއިލީ ބޭންޑް
ދަރިފުޅާއެކު ލަވަކިއުމުގައި ވަގުތުކޮޅެއް ހުސްކޮށްލާށެވެ. އަދި ގޭތެރެއިން ލިބެން ހުރި ރައްކާތެރި އެއްޗިހި ބޭނުންކޮށްގެން މިއުޒިކް ކުޅޭ ސާމާނުވެސް ތައްޔާރު ކުރެވިދާނެއެވެ. މިސާލަކަށް ހުސް ފުޅިއަކަށް ގޮށް ކަހަލަ އެއްޗެއް އަޅައިގެން ބޮލިރަވައެއްވެސް ތައްޔާރު ކުރެވިދާނެއެވެ. ފުޅީގެ މަތިގަނޑު ރަނގަޅަށް ބާރުކުރަން ސަމާލުކަން ދޭންޖެހޭނެއެވެ. މިފަދަ އަޑުތަކާ ރާގުތަކަކީ ދަރިފުޅުގެ ހިއްސުތައް ތަރައްގީ ކުރުމަށް އެހީވެދޭނެ އަޑުތަކެކެވެ. އަދި ބޮލިރަވަ ފަދަ ތަކެތި ދަރިފުޅުގެ އަތަށް ދޫކޮށްލުމަކީ އެ ދަރިފުޅުގެ މޯޓޯ ސްކިލްސްވެސް ވަރުގަދަކޮށްދޭނެ ކަމެކެވެ. މުހިންމީ ވީހާވެސް އާދަޔާ ހިލާފު ގޮތަކަށް ޝައުގުވެރި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ.
ބޮޑީ-ގޭމް
މިއީ ހަށިގަނޑުގެ ބައިތަކާ ގުނަވަންތައް ބުނެދިނުމަށް ކުޅޭ ކުޅިވަރެކެވެ. އެގޮތުން ދަރިފުޅުގެ ހަށިގަނޑުގެ ގުނަވަންތައްވެސް ކިޔައިދޭށެވެ. އަދި އިނގިލީގެ އިޝާރާތުން އެ ގުނަވަންތައް ދައްކާދޭށެވެ. ދަރިފުޅުގެ ގުނަވަންތަކާ، މަންމަ ނުވަތަ ބައްޕަގެ ގުނަވަންތައްވެސް އެއްގޮތްކަމާ، ތަފާތު ކަން ބަޔާންކޮށްދޭށެވެ.
ކުޑަކުދިން (1-2 އަހަރާ ދެމެދު)
ފޮށިގަނޑު ކާރު
މިކަމަށް ބޭނުންވާ ހުސް ފޮށިގަނޑެކެވެ. އަދި އަރާމުކަން ގެނެސްދިނުމަށް ފޮށިގަނޑު ތެރޭގައި ރަޖާވެސް ބޭނުން ކުރެވިދާނެއެވެ. ފޮށިގަނޑު ތެރޭގައި ދަރިފުޅު ބައިންދާށެވެ. ނުވެއްޓޭނެކަން ކަށަވަރުކުރުމަށްފަހު އެކި ކޮޅުކޮޅަށް ދަރިފުޅާއެކު ފޮށިގަނޑު ބިންމަތީގައި ދަމާށެވެ. އަދި ކާރުތަކުން އިވޭކަހަލަ އަޑުތައް ނަކަލުކުރާށެވެ. މިއީ ތިބާއަށްވެސް ފައިދާހުރި ކަސްރަތަކަށް ވާނެއެވެ. ގޭތެރޭގައި މާ ބޮޑު ޖާގައެއް ނެތްނަމަ އެއް އަރިން އަނެއް އަރިއަށްވެސް ފޮށިގަނޑު ގުޑުވަމުން ކާރުން އިވޭ ކަހަލަ އަޑުތައް ލައްވަމުންދާށެވެ.
ބަދިގެ ބެރުވެރިޔާ
ފަސޭހައިން ހަލާކު ނުވާ ޒާތުގެ ބަދިގެ ކަންވާރު އެއްތަން ކުރާށެވެ. ތެއްޔާ ތާސް ފަދަ ތަކެތިވެސް ބޭނުން ކުރެވިދާނެއެވެ. ހުރިހާ އެއްޗެއް ބަންޑުން ބޭއްވުމަށްފަހު ދޭފަތެއް ކަހަލަ އެއްޗަކުން އެ އެއްޗިހީގައި ތަޅަން ދަސްކޮށްދޭށެވެ. މިއީ ދަރިފުޅަށް ފިސާރި ޝައުގުވެރިކަމަކަށް ވާނެއެވެ. މިއީވެސް ދަރިފުޅުގެ ފައިން-މޯޓޯ ސްކިލްސް ރަނގަޅުކޮށްދޭނެ ކުޅިވަރެކެވެ.
ފްރީ-ޑްރޯ
މި އުމުރަކީ ކަނޑައެޅިގެން ވަކި އިމެއްގެ ތެރޭގައި ކުލަޖައްސާ ހަދަން ދަރިފުޅަށް ގާބިލުކަން ލިބިގެންވާ އުމުރެއް ނޫނެވެ. އެހެންކަމުން ދަރިފުޅު އަތަށް ކަރުދާސްގަނޑަކާ ޗޯކުކުލަކޮޅެއް ދޭށެވެ. އަދި އެކުއްޖަކަށް ކުލަޖެއްސުނު ގޮތަކަށް އެ ގަނޑުގައި ކުލަޖައްސަން ދޫކޮށްލާށެވެ. ކުލަ ޖައްސާ ނިމުމުން، ދަރިފުޅަށް ބޭނުން ކުރެވުނު ކުލަތައް ކިޔައިދޭށެވެ. އަދި ކުރެހުމުން އެއްޗެއް ސިފަވާނަމަ އެވެސް ކިޔައިދޭށެވެ.
ބޯލް-ޕާސް
މިކަމަށް ބޭނުން ކުރާނީ މަޑު ބޯޅައެކެވެ. ބެލެނިވެރިޔާ އިންނަންވާނީ ދަރިފުޅުގެ ކުރިމަތިލައިގެންނެވެ. ބިންމަތީގައި ދަރިފުޅަށް ބޯޅަ ޕާސްކޮށްލާށެވެ. އަދި ދަރިފުޅު ލައްވާ ތިބާއަށްވެސް ހަމަ އެގޮތަށް ބޯޅަ ޕާސްކޮށްލެވޭތޯ ބަލާށެވެ. ދެ ތިން ބޯޅައެއް ބޭނުންކޮށްގެން މި ކުޅިވަރު އިތުރަށް ޝައުގުވެރި ކުރެވިދާނެއެވެ.
ޕްރީ-ސްކޫލް އުމުރުފުރާ (3-4 އަހަރާ ދެމެދު)
ޑްރެސް-އަޕް
ގޭގައި ތިބެން ހުރި އެކި ކަހަލަ އަންނައުނު ބޭނުންކުރާށެވެ. އަދި ދަރިފުޅުގެ ހިޔާލާ ފިކުރު ބޭނުންކޮށްގެން އެކުއްޖަކު އެންމެ ހިތް އެދޭ ކަހަލަ އާ ހެދުމެއް ތަޖުރިބާކޮށްލާށެވެ. ފިރިހެން ކުއްޖެއް ނަމަ ބައްޕަގެ ގަމީހާ ފަޓުލޫނު އަދި އޮފީހަށް ދާކަން ރަމްޒުކޮށް ދިނުމަށް ޓައީއެއްވެސް އެޅުވިދާނެއެވެ.
އަތްލާ ކުޅުން
މިއީ ގޭގައި ޖާގަ އޮތް ވަރަކުން ތަނަވަސްކުރެވިދާނެ ކުޅިވަރެކެވެ. ކިތަންމެ ޖާގަ ކުޑަ ކަމުގައި ވީ ނަމަވެސް މި ކުޅިވަރު ކުޅެވިދާނެއެވެ. ވީހާވެސް އުފާވެރި މާހައުލެއްގައި މި ކުޅިވަރު ކުޅުމުން، ޖާގައިގެ ދަތިކަންވެސް އިހުސާސް ނުވާނެއެވެ. މިއީ ދަރިފުޅުގެ ހަށިގަނޑުގައި ހުންނަ 'އެކްސެސް އެނާޖީ" ބޭރުކޮށްލަންވެސް އެހީވެދޭނެ ކުޅިވަރެކެވެ. މިއީ އާދަޔާ ހިލާފަށް ހަލަނިވެގެން އުޅޭ ވަގުތު، ދަރިފުޅު ހަމައަކަށް އަޅުވާލުމަށްވެސް ކުޅެވިދާނެ ކުޅިވަރެކެވެ.
އެއީ ކޮން އަޑެއް؟
ތަފާތު އެކި ކަހަލަ ޖަނަވާރު ލައްވާ އަޑުތައް ނަކަލު ކުރާށެވެ. އަދި އެއީ ކޮން ޖަނަވާރެއް ލައްވާ އަޑެއްތޯ ދަރިފުޅު ކުރެ ސުވާލު ކުރާށެވެ. މި ކުޅިވަރު ކުޅޭއިރު އަޑުއަޑު ލައްވަން ދަރިފުޅަށްވެސް ފުރުސަތު ދޭށެވެ.
ޓޮޑްލާ ޗެލެންޖް
މި އުމުރު ފުރާގެ ކުދިންނަކީ ޗެލެންޖުތަކަށް އާދަޔާ ހިލާފު ޝައުގެއް ހުންނަ ބައެކެވެ. ޖިސްމާނީ ގޮތުން ހަށިގަނޑު ހެދިބޮޑުވަމުން އަންނައިރު ތަފާތު ކަންކަން ތަޖުރިބާކުރަން ބޭނުން ވާނެއެވެ. އެހެންކަމުން ދަރިފުޅުގެ ހަށިގަނޑު ބޭނުންކޮށްގެން އާދަޔާ ހިލާފު ގޮތް ގޮތަށް އެ ގުނަވަންތައް ބޭނުން ކުރެވޭތޯ ބެލިދާނެއެވެ. މިސާލަކަށް އެއް ފައި މައްޗަށް ކޮޅަށް ހުރެގެން ފުމުން، ނުވަތަ އެއް އަތް އުފުލާ ލުމަށްފަހު ހަމަ އެއަތުން ފައިގެ ބޮޑުވާ އިނގިލީގައި ހިފޭތޯ ބެލުން ފަދަ ޓާސްކެއް ހަވާލު ކުރެވިދާނެއެވެ.
ޅަ ކުދިން (5-8 އަހަރާ ދެމެދު)
އޮބްސްޓަކަލް ރޭސް
ގޭގައި ލިބެން ހުރި އެކިއެކި ސާމާނު ބޭނުންކޮށްގެން އޮބްސްޓަކަލް ކޯހެއް ހަދާށެވެ. ބާލީސް، ފަރުނީޗަރު އަދި ކުޅޭ ސާމާނުވެސް ބޭނުން ކުރެވިދާނެއެވެ. ސަމާލުކަން ދޭންވީ ދަރިފުޅަށް އަނިޔާ ނުވާނެ ފަދަ ރައްކާތެރި ތަކެތި ބޭނުން ކުރުމަށެވެ. މި ތަކެތި ތެރެއިންނާ، މަތިން ނުވަތަ އަޑިން ދާނެ ގޮތް ދަރިފުޅަށް ކިޔައިދޭށެވެ. އަދި ވީ އެންމެ އަވަހަކަށް އެ ރޭސް ނިންމާލެވޭތޯ ދަރިފުޅަށް ހިތްވަރު ދޭށެވެ.
ވޮޝް-އަވޭ
ފެނު ތެރޭގައި ގެންގުޅެވޭ ކަހަލަ ކުޅޭ ސާމާނު ކޮޅެއް ހޯދާށެވެ. ބޯޅައެއް ނޫނީ ހުސްކޮށްފައި ހުންނަ ޕްލާސްޓިކް ތައްޓެއްވެސް ރަނގަޅުވާނެއެވެ. އެއަށްފަހު ބާލިދީއެއް ނުވަތަ ބިލިގާއެއް ކަހަލަ އެއްޗަކަށް ފެން އަޅާށެވެ. އަދި އެ ކުޅޭ އެއްޗިހި ދޮންނަން ދަސްކޮށްދޭށެވެ. މަޑު ފޮތިކޮޅެއް ބޭނުންކޮށްގެން ކުޅޭ އެއްޗިހި ސާފުކުރަންވެސް ދަސްކޮށްދެވިދާނެއެވެ. މިއީ އަމިއްލަ ޒިންމާއަށް އަހުލިވެރިކޮށްދޭނެ ކަމެކެވެ.
ލުއި ކާނާއެއް ތައްޔާރުކުރުން
މި ދުވަސްވަރަކީ ރޯދަ މަހުގެ ދުވަސްވަރު ކަމުން ހުރިހާ ވަގުތެއް ދަރިފުޅާއެކު ހޭދަކުރަން ނުލިބިދާނެއެވެ. މި އުމުރުފުރާގެ ކުދިންނަކީ ބަދިގެ ތެރޭގައި އަތްގާތްކޮށްލައިދޭން އުޅޭ ވަރުގެ ކުދިންނެވެ. ނަމަވެސް އަބަދު އެފަދަ މަސައްކަތް ކުރުވުމުގެ ބަދަލުގައި، ދަރިފުޅުގެ ހިޔާލަށް އަންނަ ލުއި ކާނާއެއް ތައްޔާރުކޮށްލަން ހަވާލު ކުރާށެވެ. ވީހާވެސް ބޮޑަށް، ސިއްހަތަށް ފައިދާހުރި ލުއިކާނާ ތައްޔާރު ކުރަން ބާރު އަޅާށެވެ. އަދި ސަލާމަތާ ރައްކާތެރިކަމަށްވެސް ވިސްނާށެވެ.
މިއިން ކޮންމެ ކަމަކީވެސް ދަރިފުޅާ މައިންބަފައިން އަދި ބެލެނިވެރިންގެ ގުޅުން ބަދަހި ކޮށްދޭނެ ކަމެކެވެ. މުހިންމީ، ނުތަނަވަސްނުވެ، އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމެވެ. ދަރިފުޅަށް މަސައްކަތް ފުރިހަމަ ނުކުރެވުނުނަމަވެސް މާޔޫސް ނުވާށެވެ. ދެވަނަ ފަހަރަކުން އެއަށްވުރެ ފުރިހަމަ ވާނެ ކަމަށް އުއްމީދާ ހިތްވަރު ދޭށެވެ.