މުހިންމު ހިދުމަތްތައް ދިނުމަށްޓަކައި މަރުކަޒީ ބޭންކާއި ބޭންކުތައް ހުޅުވާފައި ހުންނާނީ، މިމަހުގެ 18 އާއި 20 އަދި 26 ވަނަ ދުވަހު ކަމަށް ބުނެފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ޒަރޫރީ ހިދުމަތްތައް ދިނުމަށްޓަކައި އެމްއެމްއޭ އާއި ބޭންކްތައް ހުޅުވާނީ މި މަހުގެ 18 އާއި 20 އަދި 26، މި ތިން ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މި މަހުގެ 28 އަށް ސަރުކާރު ބަންދުކޮށްފައި ވީ ނަމަވެސް ޒަރޫރީ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭންކުތައް އަންނަނީ ހަފްތާގެ ވަކި ދުވަސްތަކެއްގައި ހުޅުވަމުންނެވެ. އެ ގޮތުން މި މަހުގެ 28 ގެ ނިޔަލަށް ތިން ދުވަހު ބޭންކުތައް ހުޅުވުމަށް ވަނީ ނިންމާފައެވެ.
މީގެ ކުރިންވެސް މިފަދައިން ބޭންކުތައް ހުޅުވާފައި ވީ ނަމަވެސް ބޭންކުތަކުން ވަނީ އޮންލައިންކޮށް ހިދުމަތް ލިބޭ ކަންކަމަށް އޮންލައިންކޮށް ހިދުމަތް ހޯދުމަށް އެދިފައެވެ. މީގެ އިތުރުން ކުރިން އޮންލައިންކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ނުވާ ކަންކަން ވެސް އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމްތައް ބޭންކުތަކުން ވަނީ ހަމަޖައްސާފައެވެ.
ގައުމީ ބޭންކުން ބުނާ ގޮތުގައި އެ ބޭންކުގެ ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެއެވެ. ނަމަވެސް ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭއިރު އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ.