ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލޭ މިސްކިތެއްގެ އިމާމުކަން ކުރާ މީހަކު ހިމެނޭކަން ހާމަ ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކީ ހެންވޭރުގައި ހުންނަ މިސްކިތެެއްގެ އިމާމެކެވެ. އޭނާ ޓެސްޓުކޮށްފައި ވަނީ މަގުމަތިން ރެންޑަން ސާމްޕަލް ނެގުމުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އޭނާގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން އަންގާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

މިދިޔަ ހަފްތާއިން ފެށިގެން އޭނާ މެންދުރު ނަމާދަށް ބަންގި ދިނުމަށް މިސްކިތަށް އަރާ ގޮތަށް މިސްކިތުން ފައިބެގެން ގެއަށް ދަނީ އިޝާ ނަމާދަށް ފަހުގައެވެ. އޭނާ ދިރިއުޅެނީ ވަކި ތަނެއްގައެވެ. އަދި ރޯދަ ވީއްލަން ދަނީ އެހެން ގެއަކަށް ކަމަށް އޭނާ ވަނީ "ދަ ޕްރެސް" އަށް ބުނެފައެވެ. ގާތްގަނޑަކަށް އޭނާގެ ކްލޯސް ކޮންޓެކްޓުންގެ ތެރޭގައި 13 ވަރަކަށް މީހުން ހިމެނޭކަންވެސް އޭނާ ވަނީ ބުނެފައެވެ.

މިވަގުތު އޭނާ ހުރީ އެޗްޕީއޭއިން އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމަށް އަންނަން ދެން މިސްކިތުގައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަނާ ކުރިއެވެ. ހަމައެފަދައިން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައި ފައި ވީ ނަމަވެސް ކޮންމެ ދުވަހަކު ފަސް ވަގުތު ބަންގި ދިނުމަށް އިމާމުން މިސްކިތަށް ދެއެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވް ވެފައި ވާ މީހުންގެ އަދަދު ވަނީ 1020 އަށް އަރާފައެވެ. އޭގެތެރޭގައި 352 މީހުންނަކީ ދިވެހިންނެވެ.