ރާއްޖެއިން އިތުރު 14 މީހަކަށް ކޮވިޑް19 ޖެހިއްޖެއެވެ. މިހާރު ޖުމްލަ ވަނީ 1000 އާ ކައިރި ކޮށްފައެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ޖުމްލަ 27 މީހަކަށް ބަލި ޖެހިފައިވާ ކަމަށެވެ. މީގެކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ 13 މީހަކު ޕޮޒިޓިވްވި ކަމަށް އިއުލާން ކޮށްފައެވެ. ނަމަވެސް ފަހުން ބަލި ޖެހުނު މީހުންގެ ތަފްސީލެއް އަދި ނޭނގެއެވެ.

މިއަދު ޕޮޒިޓިވްވި 27 މީހުންނާއި އެކު މުޅި ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު 982 އަށް ވަނީ އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި މީގެ އިތުރުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 46 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.