ރާއްޖެއިން ދިޔަ އިންޑިއާ މީހުންގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް 3 މީހުން ތިބިކަން ހާމަވެއްޖެއެވެ. އިތުބާރު ހުރި މަސްދަރަކުން އެކަން ވަނީ "ދަ ޕްރެސް" އަށް ޔަގީން ކޮށްދީފައެވެ.

މައުލުމާތު ދިން ފަރާތުން ބުނީ، އެ 3 މީހުން ޕޮޒިޓިވް ކަން އެނގުނީ، އިންޑިއާއަށް ގޮސް ހެދި ޓެސްޓުން ކަމަށެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖެއިން ފުރި 202 މީހުންގެ ޓީމުގައި ހިމެނޭ މި 3 މީހުންނާއެކު ބޯޓުން ފުރި މީހުން ރާއްޖެ ދޫކޮށް ދިޔަ އިރު ކޮވިޑަށް ޓެސްޓެއް ނުކުރެއެވެ.

ނަމަވެސް އެމީހުން އިންޑިއާގެ ކޮޗީއަށް ދިއުމުން ޓެސްޓްކޮށްފައި ވާ ކަމަށާ، ޕޮޒިޓިވްކަން އެނގުނީ އެހާ ހިސާބުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. މި 3 މީހުންނަކީ މިދިޔަ ހުކުރު ދުވަހު ރާއްޖެއިން ފުރި މަނަވަރުގައި ދިޔަ 3 މީހުން ކަންވެސް "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. އަދި މި 3 މީހުންނަކީ ރާއްޖެތެރޭގައި މަސައްކަތް ކުރި 3 މީހުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެ 3 މީހުން މަސައްކަތް ކުރީ އެއް ރަށެއްގައި ކަމެއް ނުވަތަ ވަކިވަކި ރަށްރަށުގައިކަމެއް އަދި ސާފެއް ނުވެއެވެ.

މި 3 މީހުން ޕޮޒިޓިވް ކަން އެނގިފައިވާ އިރު ރާއްޖެއިން ދިޔަ މީހުންގެ ތެރެއިން 2 މީހަކު ޕޮޒިޓިވް ވި ކަމަށް އިންޑިއާގެ ނޫހަކާ ހަވަލާ ދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ޖަހާފައި އޮތެވެ. ނަމަވެސް އެ 2 މީހުން ހިމެނެނީ މި 3 މީހުންގެ ތެރޭގައިކަން އަދި ސާފެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން އެޗްޕީއޭއިން ކޮމެންޓެއް ނުކުރެއެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

ރާއްޖެއިން އިންޑިއާއަށް ގެންދާ އެ ގައުމުގެ ރައްޔިތުން ބާލަނީ ކޮޗިންގެ ބަނދަރަށެވެ. އަދި ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުހުލަތުވެސް ފުރިހަމަ ކުރުން އެމީހުންގެ މައްޗަށް އޮންނަނީ ލާޒިމުކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕޮޒިޓިވް ވި 3 މީހުން އައިސޮލޭޝަނަށް މިހާރުވަނީ ގެންގޮސްފައެވެ.

މިދިޔަ އާދިއްތަ ދުވަހާއި ހުކުރު ދުވަހުވެސް އިންޑިއާގެ އަސްކަރީ މަނަވަރުގައި ރާއްޖޭން މީހުން ގެންދިޔައެވެ. އެ މަނަވަރުތަކުގައި ގެންދިޔައީ މާބަނޑު މީހުނާއި ކުޑަކުދިންނާއި ސިއްހީ މައްސަލަތައް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިން ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަ ކޮށްފައި ވެއެވެ.

ރާއްޖޭގައި އިންޑިއާގެ 27،000 އެއްހާ މީހުން މަސައްކަތް ކުރާ އިރު ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ނިއުދިއްލީ، ޗެންނާއީ، މުމްބާއީ އަދި ބެންގަލޫރު މީހުން ގެންދަށް ހާއްސަ ފްލައިޓުތަކެއް ބާއްވަންވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި އަންނަ ހުކުރު ދުވަހު އިތުރު ދަތުރެއް ކުރަން ނިންމާފައި ވާކަމަށާއި އެ ދަތުރުގައި ގެންދިއުމަށް ހަމަޖެހިފައިވަނީ ކެރެލާއަށް ނިސްބަތްވާ މީހުން ކަމަށް ހައިކޮމިޝަނުގެ އޮފިޝަލުން ވިދާޅުވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ބަލާ އެގައުމުގެ ކަނޑުގެ އަސްކަރިއްޔާގެ 2 މަނަވަރެއް ރާއްޖެއަށް ދަތުރު ކޮށްފައި ވާއިރު، ކަނޑުގެ އަސްކަރީ ފްލީޓްގެ 3 ވަނަ މަނަވަރެއް ރާއްޖެއަށް މިސްރާބު ޖަހަން ތައްޔާރުވަމުން ދާކަމަށް އިންޑިއާގެ ނޫސްވެރިއަކު ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން 900 އަށް ވުރެ ގިނަ މީހުން އިންޑިއާގެ އަސްކަރީ މަނަވަރުގައި ވަނީ ގައުމަށް ގެންގޮސްފަ އެވެ.