ކޮވިޑް-19ގެ ސަބަބުން އިގްތިސޯދަށް ކުރި ނޭދެވޭ އަސަރުތަކާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކާއި މުސާރަ އުނިކޮށްފައިވާ ފަރާތްތަކަށް ދޭން ނިންމާފައިވާ "އިންކަމް ސަޕޯޓް އެލަވެންސް" ދިނުމުގެ އުސޫލު އާއްމު ކޮށްފިއެވެ.
އިންކަމް ސްޕޯޓް އެލަވަންސް ދިނުމުގެ އުސޫލުތައް ރައީސް އޮފީހުން ގެޒެޓް ކޮށްފައި ވަނީ މިއަދެވެ. އެ އުސޫލުތަކުގައި ބުނާ ގޮތުގައި މި އެލަވަންސް ލިބުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންނަށެވެ. އަދި އެލަވަންސް ލިބޭ މީހުންގެ ތެރޭގާއި ހިމެނެނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭއަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުންނެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައި ވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. އަދި މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށް ވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާ ހަމަވަންދެން ނުވަތަ 5000 ރުފިޔާއާ ހަމައަށް ލިބޭނެއެވެ.
ފްރީލާންސަރުންގެ ތެރެއިން 5،000 ރުފިޔާގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށް ކަމަށާއި އާމްދަނީ ލިބޭ މިންވަރު ދަށްވެފައިވާ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދު އުނިކުރުމަށް ފަހު ބާކީ ޖެހޭ އަދަދު ލިބޭނެއެވެ. ފްރީލާންސަރުންގެ ތެރެއިން ވަޒީފާއެއް އަދާ ކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވެސް އޭގައި ވެއެވެ.
ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދޭނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އެއީ މިދިޔަ އޭޕްރިލް މަހާއި މެއި އަދި ޖޫން މި ތިން މަހަށެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް މި އެހީގެ މުއްދަތު އިތުރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
މި ފުރުސަތުގައި އެހީ އަށް އެދި ހުށަހަޅަން ޖެހޭނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންނެވެ. އެހީ ލިބޭ މުއްދަތުގައި އާމްދަނީގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީ އަށް އަންގަން ޖެހޭނެއެވެ.
އަދި މި އެހީއަށް އެދި ހުށަހަޅާއިރު ދޮގު މައުލޫމާތު ދޭ މީހުންނަށް ދައުވާ ކުރުމުގެ ބާރު ވެސް އެ މިނިސްޓްރީ އަށް ލިބިގެންވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ވަނީ އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުން ތަކާ ކުރިމަތިލާން ޖެހިފައެވެ. މި ދަނޑިވަޅުގައި ރާއްޖޭގެ މަސައްކަތް ތެރިންނަށާއި ވިޔަފާރި ތަކަށް ވެސް ވަނީ ވަރަށް ބޮޑު ގޮންޖެހުން ތަކާ ކުރިމަތިލާން ޖެހިފައެވެ.
ވިޔަފާރި ނުހިންގިގެން ގިނަ އަދަދެއްގެ މުވައްޒަފުން ތަކެއް ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ނޯޕޭއަށް ވަނީ ފޮނުވާލާފައެވެ. ހަމައެއާއެކު ލިބޭ މުސާރައިގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ކުޑަ އަދަދެއް ލިބެމުން ދާ މަސައްކަތް ތެރިން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެފަދަ ފަރާތްތަކުން ޖޮބް ސެންޓަރުގައި ރަޖިސްޓާ ވުމަށް ހުޅުވާލި ފުރުސަތުގައި އަމިއްލަ މަސައްކަތް ކުރާ ބައެއް ފަރާތަތަކުންވެސް ވަނީ އެފަރާތް ތަކުން އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓިފައި ވާތީ އެ މައްސަލަވެސް ޖޮބްސެންޓަރަށް ހުށަހަޅާފައެވެ.
ހުރިހާ ރިސޯޓްތައް މުއްދަތުހަމަވުމުން ދައުލަތުން ނަގަންޖެހޭ. ޓޫރިޒަމް މިނިސްޓްރީގެ %80 ހިއްސާ ރައްޔިތުންނައްޓަކ ކާ އޮތްނަމަ މިހެންނުވީސް. ސަރުކާރަށްވެސް އުމްރާނީ ތަރައްގީ ކުރާގޮތަށް ރިސޯޓް ހިންގޭނެ. ޢަމިއްލަފަރާތްތަ ކުން މިހުރިހާ ދުވަހު ހިންގައިގެން 3މަސް ދުވަހު މުވައްޒަފުންނަ ދޭނެ ރުފިޔާއެއް ރއް ކާނު ކުރެވުނު. ޙުރިހާ ބުރައެއް ސަރުކާރަށް، ފަންޑުގައި ހުރީވެސް ރައްޔިތުންގެ ފައިސާ. ޓެ ކްސް ފައިސާ އަ ކީވެސް ރައްޔިތުންގެ ފައިސާ.