ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތި ވި ގައުމަކަށް މިއަދު ރާއްޖެވެސް މިވަނީ ވެފައެވެ. މި ބަލިން ރައްކާތެރި ވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުން ދާ އެއްބަޔަކީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. ސިފައިންނާއި ފުލުހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި އަދިވެސް ޓެކްނިކަލް މަސައްކަތްތަކުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެތައް ބައެކެވެ.
ބައިނަލްއަގްވާމީ ގޮތުން ނަރުހުންގެ ދުވަސް ފާހަގަކުރާ ދުވަހަށް މިއަދު ވީ އިރު ކޮވިޑް-19 އިން ރައްކާތެރި ވުމަށް މި ގައުމުގައި މަސައްކަތް ކުރާ ނަރުހުން ދަނީ ގައުމަށްޓަކައި އެތައް ގުރުބާނީ ތަކެއް ވަމުންނެވެ. މިބައްޔަށް ޝައްކުވާ މީހުން ދެނެގަތުމަށް ކުރާ މަސައްކަތާ ހަަމައިން ފެށިގެން ބަލީގައި ހާލުބޮޑުވެ އައިސީޔޫގައި އެޑްމިޓް ކުރެވިގެން ފަރުވާ ދޭން ޖެހޭ ބަލި މީހާއަށް ފަރުވާ ދިނުމުގައި ނަރުހުން ތިބީ ތައްޔާރަށެވެ.
މިއީ އެއްވެސް ހާލެއްގައި އެއްވެސް ގައުމެއްގެ އެއްވެސް ބަޔަކު ތައްޔާރުވެގެން ތިބި ދުވަހެއް ނޫނެވެ. މިފަދަ ބަލިމަޑުކަމެއް ފެތުރި ގޭގައި އެންމެން ތިބެން ޖެހިދާނެ ކަމަށް އެކަކުވެސް ހިއެއް ނުކުރެއެވެ.
މި ބައްޔަށް ރާއްޖޭގައި ފަރުވާ ދޭން ފެށި ހިސާބުން އެކި މަރުހަލާތަކުގައި ނަރުހުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އާއިލާއާ ދުރުގައި އެތައް ދުވަހެއް ހޭދަ ކުރަމުން ދާއިރު ސިއްހީ ގޮތުން ކުރިމަތި ވެފައިވާ މި ނުރައްކަލުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ނަރުހުންގެ ދައުރަކީ ފާހަގަ ނުކޮށް ދޫކޮށްލެވޭ ވަރުގެ ދައުރެއް ނޫނެވެ.
އެއްވެސް ޝަކުވާއެއް ނެތި އަރާމެއް ނިންޖެއް ނުލިބި ވަރުބަލިކަން ދޫކޮށް އެމީހުން މަސައްކަތް ކުރަނީ ހިނިތުން މޫނަކާ އެކުގައެވެ. އޯގާތެރިކަމާއެކު ލޯބިން ބަސްބުނެ ބަލި މީހުންނަށް ހިދުމަތް ދިނުމުގައި ނަރުހުން ދައްކުވައި ދެނީ ލާމަސީލް މިސާލެކެވެ. ކެތްތެރިކަމުގެ ނަމޫނާއެކެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 897 އަށް އަރާފައެވެ. އޭގެތެރޭގައި މި ބައްޔަށް ނަރުހެއްވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އައިޖީއެމްއެޗްގެ 21 ނަރުހަކު މިހާރުވެސް ވަނީ އެކަހެރި ކޮށްފައެވެ.
މިއަދު ރާއްޖޭގައި މި ބައްޔަށް ފަރުވާ ދެމުންދާ ޑޮކްޓަރުންނާއި ނަރުހުން މަދުކަން ވަނީ އެޗްޕީއޭއިން ފާހަގަކޮށްފައެވެ. އެހެންކަމުން މެޑިކަލް ދަރިވަރުން ވެސް މިހާރު ވަނީ މި ޕެންޑަމިކްގައި މަސައްކަތް ކުރުމަށް ޓްރެއިން ކުރެވިގެން މަސައްކަތުގެ މައިދާނަށް ނެރެފައެވެ. ނަރުހުންނާއި ޑޮކްޓަރުން މަދު ވުމަކީ މި ވަގުތު މަސައްކަތުގައި ތިބި މީހުން ގިނަ ވަގުތު މަސައްކަތް ކުރާނެ ކަމެއް ކަން ޔަގީނެވެ.
2018 ނިމުނު އިރު ރާއްޖޭގައި ތިބި ހެލްތު ޕްރޮފެޝަނަލުން؛
- ޑޮކްޓަރުންގެ އަދަދު: 961
- ނަރުހުން: 2881
- އެލައިޑް ހެލްތް ސްޓާފުން: 574
- ކޮމިއުނިޓީ ހެލްތް ޕްރޮފެޝަނަލުން: 453
- ފޫޅުމައިން: 53
އެގޮތުން ޕީޕީއީގައި ފުރާނަ އަތް މައްޗަށް ލައިގެން މަސައްކަަތަށް ނުކުންނަ ކޮންމެ ނަރުހެއްވެސް އެވަނީ ގައުމީ ޖިހާދެކެވެ. ފަރުވާއެއް ނެތް މި ބަލި މިހާރު ރާއްޖޭގައި އެތައް ބަޔަކަށް ޖެހިފައިވާ އިރު އެމީހުންނަށް ހިދުމަތް ދިނުމަށް ނަރުހުން ފަސްޖެހުމެއް ނެތި ކުރަމުން ދާ ހިދުމަތުގެ އަގު ވަޒަން ކުރުމަކީ ކޮންމެ ދިވެއްސަކުވެސް ކުރަންޖެހޭނެ ކަމެކެވެ. .
އާއިލާއާ ދުރުގައި މަސައްކަތް ކުރަމުންދާ ހުރިހާ ނަރުހުންގެވެސް މިއަދުގެ އެދުމަކީ އެއް އެދުމެކެވެ. އެމީހުން އާއިލާއާ ދުރުގައި މަސައްކަތް ކުރަމުން ދަނީ އެމީހުންގެ އާއިލާ ރައްކާތެރި ކުރުމަށާއި ބަލި ޖެހިފައިވާ އެތައް ބަޔަކަށް ހިދުމަތް ދީ އަވަހަށް މި ބަލިން އަރައިގަތުމަށް ޓަކައެވެ. އެ ނަރުހުންގެ އާދޭހަކީ ހުރިހާ އެންމެން ގޭގައި މަޑުކޮށްލަ ދިނުމަށެވެ. ބަލި ކޮންޓްރޯލް ކުރެވޭނީ ބަލި ޖެހިފައިވާ މީހުންނާ މީހުން ބައްދަލުވާ މިންވަރު މަދުކުރެވިގެންނެވެ.
ނުރައްކާތެރި މިބަލިން އަރައިގަތުމަށް ނަރުހުން ވަމުންދާ ގުރުބާނީ ބަލައި ގަނެ ހުރިހާ ދިވެހިން ވެސް ނަރުހުންގެ އެދުމާ އެއްގޮތަށް ގޭގައި މަޑުކޮށްލުމަކީ މިވަގުތު އެ ނަރުހުންނަށްޓަކައި ކޮށްދެވޭނެ ހިދުމަތަކަށް ވެދާނެއެވެ. އެމީހުންގެ އާދޭހުގެ އަޑު އަހާ މިއަދު ނަރުހުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ގޭގައި ތިބުމަކީ އެންމެ ރަނގަޅު ގޮތެވެ. އަމިއްލަ މީހާގެ ފުރާނައާއި އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އޮތީ ސިއްހީ މާހިރުން ދޭ އިރުޝާދުތަކަށް ބޯލަނބައިގެންނެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ނަރުހުންނަށް 'ދަ ޕްރެސް' ގެ ފަރާތުންނާއި ހުރިހާ ދިވެހިންގެ ނަމުގައި ތިޔަ ކުރައްވާ މަސައްކަތަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. ތި ކޮށްދެނީ ވަރަށް އަގު ބޮޑު ގައުމީ ހިދުމަތެކެވެ. އަދި ތިކުރާ މަސައްކަތުގައި މާތް ﷲގެ ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރަމެވެ. އާމިން.
ނަރުހުން ނައް ސުކުކުރު ، އެއްޗެއް ލިބޭނީ އިސްމާއިލް ވަހީދު އާއި އާތިފާ ސާކިރު އައް ލިބިފަ