ކޮވިޑް19 ފެތުރެމުން ދާތީ މާލެ ލޮކްޑައުން ކޮށްފައި ވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވި 69 މީހަކު މިއަދު ޖޫރިމަނާ ކޮށްފައިވާ ކަމަށް ބުނެފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުން ވަޔަލޭޝަންއާ ހިލާފުވެގެން 67 މީހަކު މިއަދު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ ޓްރޭޑް ހުއްދައިގެ ގޮތުގައި 17،000 ހުއްދައެއް ދޫކޮށްފައިވާ ކަމަށެވެ. އަދި ގްރޮސަރީ ހުއްދައިގެ ގޮތުގައި 28،000 ހުއްދައެއް ދޫކޮށްފައިވާ ކަމަށެވެ.
މާލެއިން ކޮވިޑް19 މިދިޔަ މަހުގެ 15ވަނަ ދުވަހު ފެނުމާއި އެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކަށް ފިހާރައަށް ނުވަތަ ބޭރަށް ނިކުމެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެއާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކާއި މެދު ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ލޮކްޑައުންއާ ހިލާފުވާ މީހުންނަށް ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ މީގެކުރިންވެސް ބުނެފައެވެ. އެގޮތުން ލޮކްޑައުންއާ ހިލާފުވެގެން ގިނަ ބަޔަކު މިހާތަނަށް ފުލުހުން ހައްޔަރުވެސް ކޮށްފައިވެއެވެ.