މޭލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށް ހެލްތު އިންޝިއުރެންސް ސްކީމް "މެރަނާ"ގެ ހިދުމަތް ހޯދޭނެ އިންތިޒާމު އާސަންދަ އިން ހަމަޖައްސައިފިއެވެ.

އާސަންދައިން ބުނީ ދިވެހިންނަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ މެރަނާ ސްކީމް ގައި އެންލިސްޓުކޮށްފައި ނުވާ ކްލިނިކްތަކާއި ހޮސްޕިޓަލުތަކުންވެސް ދިވެހީންނަށް އެ ހިދުމަތް ލިބޭނެ ކަމަށެވެ.

މެލޭޝިއާގައި ކޮވިޑް-19 ފެތުރެމުން ދިއުމުގެ ސަބަބުން، މީހުން ދިރިއުޅޭ ތަނުން ފެށިގެން 10 ކިލޯމީޓަރަށްވުރެ ދުރަށް ދިޔުމަށް ވަނީ މަނާކޮށްފައިވާއިރު، އޭގެ ސަބަބުން އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީންނަށް މެރަނާ ހިދުމަތް ބޭނުންކުރުމަށް ތަފާތު ދަތިތަކާ ކުރިމަތިވަމުންދާ ކަން އާސަންދައިން ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ކަމުން މެލޭޝިއާގައި ދިރިއުޅޭ ސަރަހައްދާ 10 ކިލޯމީޓަރު ކައިރީގައި ސްކީމްގަައި ހިމެނޭ ސިއްހީ ހިދުމަތް ދޭ ސެންޓަރެެއް ނެތްނަމަ ބޭނުންވާ ހިދުމަތް ރަނގަޅު އަގެއްގައި ލިބެންހުރި ސިއްހީ ހިދުމަތްދޭ ތަނަކުން ހިދުމަތް ހޯދުމަށް ފަހު ހަރަދުވީ ތަފްސީލު އެނގޭނެ ބިލްތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަަށްވެސް އާސަންދައިން ބުނެއެވެ.

މެރަނަ ސްކީމްގެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހެވެ. އެ ސްކީމްގެ ހިދުމަތް ސްރީލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ލިބެއެވެ.