ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގައި މިހާރުވެސް ތަންފީޒު ކުރަމުންދާ މޫވްމަންޓް ކޮންޓްރޯލް އޯޑަރު (އެމް.އޯ.ސީ)ގެ މުހުލަތު އަދި 4 ހަފުތާގެ މުއްދަތަށް އިތުރު ކުރާނެކަން، މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން އިއުލާންކުރައްވައިފިއެވެ.

ޓީވީ މެދުވެރިކުރައްވާ ވަގުތުން ދުރަށް ފޮނުވަމުންދިޔަ ތަގުރީރުގައި މުހްޔިއްދީން ވިދާޅުވީ، އަންނަ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް، އެމް.އޯ.ސީގެ މުހުލަތު ދެމިގެންދާނެ ކަމަށެވެ.

ސަރުކާރުގެ މި ނިންމުމަކީ ކޮވިޑް-19ގެ ބަލިމަޑުކަން ވީހާވެސް ބޮޑަކަށް ކޮންޓްރޯލް ކުރުމަށްޓަކައި ދުރާލާ އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ކިބައިން ރައްޔިތުން އެދެމުންދާ ދިއުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް ލަފާ ދީފައިވަނީ މެލޭޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިންކަންވެސް ބޮޑުވަޒީރު މުހްޔިއްދީން ވަނީ ފާހަގަކުރައްވާފައެވެ.

މުހުލަތު އިތުރުކުރި އެމް.އޯ.ސީއާ ބެހޭ ގޮތުން މުހްޔިއްދީން ވިދާޅުވީ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ބޯޑަރު ހުރަސްކޮށް ނުދެވޭނެ ކަމަށާ، އެމް.އޯ.ސީގެ މުހުލަތަކީ ގިނަ މުނާސަބާތަކެއްވެސް އެ މުއްދަތަކާ ދިމާވާ ދުވަސްރެއް ކަމަށެވެ. މިކަމަށްޓަކައި ރައްޔިތުން ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށާ، ނަމަވެސް ބޯޑަރު ހުރަސްކޮށް އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރުކުރުމުގެ ހުއްދަ ދެވެން ނެތީ ހަމަ ރައްޔިތުން ސަލާމަތާ ސިއްހަތުގެ ރައްކާތެރިކަމަށްޓަކައި ކަން ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މެލޭޝިއާގައި މިހާރު ތަންފީޒު ކުރަމުންދާ އެމް.އޯ.ސީގެ މުހުލަތު ހަމަވާން އޮތީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިއީ މެލޭޝިއާގައި އެމް.އޯ.ސީގެ މުހުލަތު އިތުރުކުރި 5 ވަނަ ފަހަރެވެ. ނަމަވެސް މިފަހަރުގެ އަމުރު އިއުލާންކޮށްފައިވަނީ، އިގުތިސޯދީ ސިނާއަތުގެ ބައެއް ހަރަކާތްތައް އަލުން ފެށުމުގެ ހުއްދަ ދިނުމާއެކުގައެވެ.