(فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَـٰذِهِ إِلَى الْمَدِينَةِ ) "ފަހެ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ!" މިއިން ދޭހަވާ ގޮތުގައި:
- ގަނެ ވިއްކުމުގައި މީހަކާ ޙަވާލު ކުރުމަކީ ހުއްދަ ކަމެއްކަން ދޭހަވެއެވެ. އެއްފަހަރެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޟްޙިޔާ އެއް ބައްލަވައިގަތުމަށްޓަކައި، އެކަލޭގެފާނުގެ ޞަޙާބީ އެއްގެ އަތްޕުޅަށް ދީނާރެއް ދެއްވިއެވެ. ދެން އެޞަޙާބީ ކަންކުރެއްވި ގޮތަކީ އެދީނާރަށް ދެބަކަރި ގަތެވެ. އަދި އެތަނުން އެއް ބަކަރި ދީނާރަކަށް ވިއްކާލާފައި އަނެއްބަކަރި ހިއްޕަވައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގާތަށް ވަޑައިގެން ބަކަރި އާއި ދީނާރު ޙަވާލު ކުރެއްވިއެވެ. އެހިނދު އޭނާގެ ވިޔަފާރީގައި ބަރަކާތް ލެއްވުން އެދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރެއްވިއެވެ. މި ޙާދިޘާ އަށް ބައްލަވާފައި ޢިލްމުވެރިން ވިދާޅުވަނީ ތިމާގެ އަތުގައި މީހެއްގެ ފައިސާހުރެ، އެމީހާ ރުހޭނެ ކަމުގެ ޔަގީންކަން އޮތްނަމަ އެއިން ވިޔަފާރި ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.
- މި އާޔަތުން ދޭހަވާ ގޮތުގައި އެންމެ ރަގަޅު ކާނާ ހޯދުމަށް އެދުމަކީ ހުއްދަ ވެގެންވާ ކަމެކެވެ. (فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا ) "އެންމެ ރަގަޅު ޙަލާލު ކާނާ އެއް ހޯދާށެވެ."
(فَلْيَأْتِكُم بِرِزْقٍ مِّنْهُ ) ގަނެގެން ހިފައިގެން އަންނާށެވެ. ވީމާ، އެބައިމީހުން އެވަނީ ގަތުމަށާއި، ގެނައުމަށް ބަޔަކާއި ޙަވާލުކޮށްފައެވެ.
( وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا ) " އަދި އެމީހަކު ރައްކާތެރިކަމާއެކު، މަޑުމައިތިރިވެ އުޅޭހުށިކަމެވެ! އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ خبر އެނގުނަދީގެން ނުވާނެއެވެ." މިއިން ދޭހަވަނީ އެބައިމީހުން އެހާ ދިގު މުއްދަތަކަށް ނިދާފައި ހޭލެވުނު ކަމުގެ އިޙްސާސް އެއްވެސް މީހެއްގެ ކިބައިގާ ނެތް ކަމެވެ.
(إِنَّهُمْ إِن يَظْهَرُوا عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِي مِلَّتِهِمْ وَلَن تُفْلِحُوا إِذًا أَبَدًا ﴿٢٠﴾ ) "ހަމަކަށަވަރުން، އެއުރެންނަށް ތިޔަބައިމީހުންގެ خبر އެނގިއްޖެނަމަ، ގަލުން ތަޅައި، ތިޔަބައިމީހުން މަރައިފާނެތެވެ. ނުވަތަ އެއުރެންގެ دين އަށް ތިޔަބައިމީހުން ވައްދައިފާނެތެވެ. އޭރުން، ތިޔަބައިމީހުން ދުވަހަކުވެސް ނުދިނޭނެތެވެ."
( وَلَن تُفْلِحُوا إِذًا أَبَدًا ) ތިޔަބައިމީހުން ރަށުގެ މީހުންގެ ދީނަށް އެނބުރި ގޮސްފިކަމަށްވަނީނަމަ، ދުވަހަކުވެސް ކަމިޔާބު ލިބިގެންވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާނެތެވެ.
މި އާޔަތުން ދޭހަވަނީ ޢަދާވާތްތެރިންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ހުރިހާ ގޮތަކުންވެސް ތައްޔާރުވެގެން ހުންނަން ޖެހޭނެކަމެވެ.
(وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّـهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾ )
(وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ ) އެމީހުން ނިދިން ހޭލެއްވި ފަދައިން، އެބައިމީހުންގެ ރަށުމީހުންނަށް ނެރެ ދެއްކެވީމެވެ.
(لِيَعْلَمُوا أَنَّ وَعْدَ اللَّـهِ حَقٌّ ) އެގައުމުގެ މީހުންނަށް އެބައިމީހުން ފެނުނީ ﷲގެ ވަޢްދުފުޅު ޙައްގުތެދުކަން އަންގަވައި ދެއްވުމަށްޓަކައެވެ. އެއީ އެކަމަކާއި މެދު އެބައިމީހުން އިންކާރު ކުރަމުން ގެންދާ ގިޔާމަތުގެ ވާހަކަތަށް އިންކާރު ކުރާ ކަންތައްކަމަށްވިޔަސް، ނުވަތަ އަނިޔާވެރި ގައުމުގެ މީހުންގެ ފަރާތުން އެޒުވާން ކުދިން މިންޖު ކުރެއްވުންކަމަށްވިޔަސްވެސް އެވެ.
( وَأَنَّ السَّاعَةَ لَا رَيْبَ فِيهَا )
(السَّاعَةَ) ގިޔާމަތްވުން،
(لَا رَيْبَ فِيهَا) ޝައްކެތް ނެތެވެ. ގިޔާމަތްދުވަސް އަންނާނެކަމީ ޝައްކެތްނެތް ޔަގީން ކަމެކެވެ.
(إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ) އެޒުވާނުންގެ ކަންތަކާއި މެދުގައި އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އަރާރުންވިއެވެ. އެޒުވާނުންނާއި މެދުގައި ކަންކުރާނީ ކިހިނަކުން ހެއްޔެވެ؟ ދޫކޮށްލާނީ ހެއްޔެވެ؟ ނޫންނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟
(فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ) "ފަހެ، އެއްބަޔަކު ބުނޫއެވެ. އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ!"
( رَّبُّهُمْ أَعْلَمُ بِهِمْ ) " އެ ޒުވާނުންގެ ކަންތައް ދެނެވޮޑިގަތުންބޮޑީ، އެއުރެންގެ ވެރިރަސްކަލާނގެއެވެ." ތިންސަތޭކަ ނުވަ އަހަރުވަންދެން އެބައިމީހުން ނުކައިނުބޮއި އެތަނުގައި ތިބީ ކިހިނަކުން ކަމާއި މެދުގައި އެބައިމީހުން ޙައިރާންވިއެވެ.
(قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ) " އެއުރެންގެ ކަންތަކުގެ މައްޗަށް ގަދަވެގަތްމީހުން ބުނޫއެވެ." އެއީ އެމީހުންގެ ތެރެއިން އަމީރުންނެވެ.
(لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا) އެބައިމީހުން ވަށައިގެން ޢިމާރާތެއް ހެދުމުގެ ބަދަލުގައި އެމީހުން ތިބިތަނުގައި މީސްތަކުން ނަމާދުކުރާނެ މިސްކިތެއް ބިނާކުރާނީއެވެ.
ގަބުރު މަތީގައި މިސްކިތް ބިނާކުރުމަކީ ޝިރްކުގެ ޢަމަލެކެވެ. އިސްލާމްދީނުގައި އެކަންތައް ވަނީ ވަރަށް ބޮޑަށް މަނާ ކުރައްވާފައެވެ. (لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ) މާނައަކީ: "މާތް ﷲ ޔަހޫދީންނާއި ނަޞާރާ އިންނަށް ލަޢްނަތް ލެއްވިއެވެ. އެބައިމީހުންގެ ނަބީބޭކަލުންގެ ގަބުރުތައް މިސްކިތަކަށް ހެދިއެވެ."
ހޮހޮޅައިގާ ތިބި މީހުންގެ ޢަދަދު ކުރުމުގައި އެބައިމީހުންގެ ތެރޭގައި އިޚްތިލާފު ވެފައިވާކަން އަންގަވާ ވަޙީ ކުރެއްވިއެވެ.
(سَيَقُولُونَ ثَلَاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا ﴿٢٢﴾ ) " އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ތިންމީހުންނެވެ. އެއުރެންކުރެ ހަތަރުވަނައަކީ އެއުރެންގެ ކުއްތާއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ފަސްމީހުންނެވެ. އެއުރެންގެ ހަވަނައަކީ އެއުރެންގެ ކުއްތާއެވެ. ހީއަކަށް غيب ގެ ވާހަކަ ދައްކަނީއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ހަތްމީހުންނެވެ. އެއުރެންގެ އަށްވަނައަކީ އެއުރެންގެ ކުއްތާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ عدد ދެނެވޮޑިގަތުންބޮޑީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. މަދުބަޔަކަށްމެނުވީ އެއުރެންގެ عدد އެއް ނޭނގެތެވެ. ފަހެ، ފާޅުވެގެންވާ جدل އަކުން މެނުވީ، އެއުރެންނާ ދޭތެރޭގައި ކަލޭގެފާނު جدل ނުކުރައްވާށެވެ! އަދި އެއުރެންނާ ދޭތެރޭގައި އެ جدل ކުރާ މީހުންކުރެ އެކަކާވެސް ކަލޭގެފާނު سؤال ނުކުރައްވާށެވެ!"
ހޮހޮޅާގައި ތިބި މީހުންގެ ޢަދަދު ކުރުމުގައި ތަފާތުވެފައިވާ ސަބަބު ދެގޮތަކަށް މުފައްސިރުން ބަޔާން ކުރައްވައެވެ. އެއީ:
- އެމީހުންގެ ތެރެއިން ބަޔަކު މީހުން ބުންޔެވެ. އެމީހުންގެ ޢަދަދު ތިނެކެވެ. ހަތަރުވަނަ އަށް އޮތީ ކުއްތާ އެކެވެ. އަނެއް ބަޔަކު ބުންޔެވެ. އެމީހުންގެ ޢަދަދު ފަހެކެވެ. ހަވަނަ އަށް އޮތީ ކުއްތާ އެކެވެ. އަނެއް ބަޔަކު ބުންޔެވެ. އެމީހުންގެ ޢަދަދު ހަތެކެވެ. އަށްވަނަ އަށް އޮތީ ކުއްތާ އެކެވެ.
- އެމީހުންގެ ޢަދަދު ގުނުމުގައި ޔަގީންނުވެ، ދެކޮޅަށް ކެނޑޭގޮތްވީއެވެ. ބައެއް ފަހަރަށް ތިނެކޭ، އަނެއްބައި ފަހަރަށް ފަހެކޭ، އަދި އަނެއްބައި ފަހަރަކަށް ހަތެކޭވެސް ބުނަނީއެވެ.
(رَجْمًا بِالْغَيْبِ ) އެމީހުންގެ ޢަދަދަކީ ތިނެކޭ ހަތަރުވަނަ އަށް އޮތީ ކުއްތާ އެކޭ، ނުވަތަ އެމީހުންގެ ޢަދަދަކީ ފަހެކޭ ހަވަނަ އަށް އޮތީ ކުއްތާ އެކޭ، މި ހުރހާ ޢަދަދުތަކެއް އެބައިމީހުން ބެނެފައިވަނީ ހީއަކަށް ބުރަވެގެންނެވެ. ޔަގީންވެގެންނެއް ނޫނެވެ.
(وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ) އެމީހުންގެ ޢަދަދަކީ ހަތެކޭ އަށްވަނަ އަށް އޮތީ ކުއްތާ އެކޭ އޮތްބަސްފުޅާއި އެކުގައި ( رَجْمًا بِالْغَيْبِ ) "އެބައިމީހުން އެހެން ބުނީ ހީއަކަށް ބުރަވެއޭ" ވަޙީ ނުކުރައްވައެވެ. މިފަދައިން ވަޙީ ނުކުރައްވައެވެ. އޭގެ މާނައަކީ އެމީހުންގެ އަސްލު ޢަދަދަކީ ހަތެއް ކަމެވެ. އަދި އަށްވަނަ އަށް އޮތީ ކުއްތާ އެއް ކަމެވެ.
މީގެ އެހެން މިޘާލަކީ ސޫރަތުލް އަޢްރާފްގެ 28 ވަނަ އާޔަތެވެ. (وَإِذَا فَعَلُوا فَاحِشَةً قَالُوا وَجَدْنَا عَلَيْهَا آبَاءَنَا وَاللَّـهُ أَمَرَنَا بِهَا ۗ قُلْ إِنَّ اللَّـهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّـهِ مَا لَا تَعْلَمُونَ ﴿٢٨﴾ ) މާނައަކީ: " އެއުރެން فاحش ކަމެއް ކޮށްފިނަމަ، ބުނެތެވެ. ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެކަމަށް اللَّه ވަނީ، ތިމަންމެންނަށް أمر ކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަމަކަށް ހަމަކަށަވަރުން، اللَّه أمر އެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟"
މިތަނުގައި އެމީހުން ފާޙިޝް ކަމެއްކޮށްފިނަމަ، ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީ ވަނިކޮށް ތިމަންމެން ދުށީމުއެވެ. އޮތް ބަސްފުޅަށް އިންކާރެއް ނުކުރައްވައެވެ. ނަމަވެސް " އެކަމަށް اللَّه ވަނީ، ތިމަންމެންނަށް أمر ކުރައްވާފައެވެ." މިހެން ބުނުމުން އެކަމަށް ރައްދު ދެއްވާ ވަޙީ ކުރެއްވިއެވެ. (قُلْ إِنَّ اللَّـهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّـهِ مَا لَا تَعْلَمُونَ ) " ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަމަކަށް ހަމަކަށަވަރުން، اللَّه أمر އެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟"
(قُل رَّبِّي أَعْلَمُ بِعِدَّتِهِم ) އެމީހުންގެ ޢަދަދާއި މެދުގައި ޚިޔާލުތަފާތުވުން އުފެދިއްޖެނަމަ ކަލޭގެފާނު ވިދާޅުވާށެވެ. "އެމީހުންގެ ޢަދަދަކީ ކޮބައިކަން މޮޅަށް ދެނެވޮޑިގެންވަނީ ތިމަންނާ ހައްދަވާ ގެންގުޅުއްވާ އިލާހެވެ."
އެމީހުންގެ ޢަދަދަކީ ކޮބައިކަން ﷲ އަންގަވާފައިވޭތޯ؟
ޖަވާބަކީ: އާއެކެވެ. އެމީހުންގެ ޢަދަދަކީ ހަތެއް ކަމާއި އަށްވަނަ އަށް އޮތީ ކުއްތާ އެއް ކަން ﷲ ވަނީ އަންގަވާފައެވެ.
( مَّا يَعْلَمُهُمْ إِلَّا قَلِيلٌ ) އެމީހުންގެ ސީދާ ޢަދަދަކީ ކޮބައިކަން ﷲ އެންގެވުމުގެ ކުރިން ގިނަބަޔަކަށް އެކަމެއް ނޭނގެއެވެ.
(فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا ) " ފަހެ، ފާޅުވެގެންވާ جدل އަކުން މެނުވީ، އެއުރެންނާ ދޭތެރޭގައި (އެއީ ކޮން ޒަމާނެއްގެ ބަޔެއް ކަމާއި، އެމީހުން ތިބީ ކޮންތަނަކު ކަމާއި، އެމީހުންގެ ކަންކަން ނިމިގެން ދިޔައީ ކިހިނެއް ކަމާއި) މި ކަންކަމާއި މެދުގައި ކަލޭގެފާނު جدل ނުކުރައްވާށެވެ!" ސަބަބަކީ އެކަންކަމާއި މެދުގައި ޖަދަލު ކުރައްވައިގެން ލިބިވަޑައިގަންނަވާނެ ކުރިއެރުމެއް ނެތެވެ. އެކަކު އަނެކަކަށް ރުޅި އައުން ފިޔަވާ އެހެންކަމެއް ނުވާނެއެވެ. ވީމާ، އެކަންކަމާއި މެދުގައި ޖަދަލު ނުކުރައްވާ ދޫކޮށްލައްވާށެވެ.
މި އާޔަތުން ދޭހަވާ ގޮތުގައި ޖަދަލުކުރުމުން ފައިދާ އެއް ނެތް ކަންކަމުގައި ޖަދަލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
(وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا ) ކަހަފްބައިގައިގެ މީހުންގެ ކަންތައްތަކާއި ބެހޭ ގޮތުން އަހްލުކިތާބީންނާއިވެސް އަދި އެނޫން މީހުންނާއި ވެސް ކަލޭގެފާނު ސުވާލު ކުރައްވާ ނުހައްދަވާށެވެ.
މިއިން ދޭހަވަނީ ކަމެއްގެ މަޢްލޫމާތު ސާފުކުރުމަށް ސުވާލު ކުރަންވާނީ އެކަމުގެ މަޢްލޫމާތު ހުރި މީހުންނާއި ކަމެވެ. ކަމާއި ނުބެހޭ މީހުންގެ ކުރެ އަހާ ހަދައިގެން ނުވާނެ ކަމެވެ.
( وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ )
(وَلَا تَقُولَنَّ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ.
މި އާޔަތް ބާވާލެއްވުނު ސަބަބު:
ގުރައިޝުން މަދީނާގައި ތިބި ޔަހޫދީންގެ ގާތަށް ބަޔަކު މީހުން ފޮނުވާ ބުންޏެވެ. "އަހަރުމެންގެ ތެރޭގައި ނަބީ ކަމަށް ދަޢްވާ ކުރާ މީހަކު އެބަ އުޅެއެވެ. ދެން ޔަހޫދީން އެބައިމީހުންގެ ގާތުގައި ބުންޏެވެ. އެކަލޭގެފާނާއި ތިން ކަމަކުން ސުވާލު ކުރާށެވެ. އެއީ:
- އެބައިމީހުންގެ ރަށުން ނިކުމެގެން ގޮސް ހޮހޮޅައަކަށް ވަން ޒުވާނުންގެ ވާހަކަ އާއި،
- ހުޅަނގާއި އިރުމަތީގެ ހުރިހާ ގައުމުތަކެއްގެ މިލްކުވެރިކަން އެމީހަކަށް ލިބުނު މީހެއްގެ ވާހަކަ އާއި،
- ފުރާނަ އާއި ބެހޭ ގޮތުން ސުވާލު ކުރާށެވެ.
ދެން އެބައިމީހުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ކަހަފް ބާގައިގެ މީހުންގެ ވާހަކަ އިން ސުވާލު ކުރި ހިނދުގައި ޙަދީޘް ކުރެއްވިއެވެ. "މާދަމާ ޖަވާބެއް ދެއްވާނަމެވެ." އެހެންނަމަވެސް ފަނަރަ ދުވަސް ވަންދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވަޙީ ބާވާނުލެއްވި މެދުކެނޑިގެން ދިޔައެވެ. ކުރީގެ އުއްމަތްތަކުގެ މީހުންގެ ވާހަކަ އަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެއްގޮތަކަށްވެސް އެނގިވަޑައިގަންނަވާ ވާހަކަ ތަކެއް ނޫނެވެ. އެކަލޭގެފާނަކީ ކުރީގެ ފޮތްތައް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް ނޫނެވެ. ސޫރަތުލް ޢަންކަބޫތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ ﴿٤٨﴾ ) މާނައަކީ: " އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافر ން شك ކުރީހެވެ". ސުލައިމާން ޢަލައިހިއްސަލާމް އިމްތިޙާނު ކުރެއްވި ފަދައިން މާތް ﷲ އެކަލާންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިމްތިޙާނު ކުރައްވާ 15 ދުވަހަށް ވަޙީ މެދުކަނޑުއްވާލެއްވިއެވެ. ސުލައިމާން ޢަލައިހިއްސަލާމް އެއް ދުވަހަކު ވިދާޅުވިއެވެ. "މިރޭ ތިމަންކަލޭގެފާނުގެ 90 އަނބިންނާއި ރޭކުރައްވާ ހުށީމެވެ. އެއިން ކޮންމެ އަންހެނަކުވެސް ﷲ ގެ މަގުގައި ޖިހާދު ކުރާނެ ކުއްޖަކު ވިހާނެއެވެ." އެހިނދުގައި އެކަލޭގެފާނުގެ ޞާޙިބް "އިންޝާﷲ" ބުނުމަށް ހަނދާންކޮށްދެއްވި ނަމަވެސް ސުލައިމާން ޢަލައިހިއްސަލާމް އެގޮތަށް ވިދާޅެއް ނުވެއެވެ. ސުލައިމާން ޢަލައިހިއްސަލާމް 90 އަނބިކަނބަލުންނާއި އެއްރޭ އެއްދާން ކުރެއްވިނަމަވެސް ލިބިވަޑައިގަތީ އިންސާނެއްގެ ފަޅިއެކެވެ." މިގޮތަށް މިކަން މެދުވެރިވީ، އިންސާނާ އަކީ ﷲ ގެ ޙަޟްރަތުގައި ކިތަންމެ މާތް މީހަކަށްވީ ނަމަވެސް، ﷲ ގެ އިރާދަފުޅާއި ނުލާ އެއްވެސް ކަމެއް ނުވާނެކަން ބަޔާން ކޮށްދެއްވުމަށެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަނަރަ ދުވަސް ވަންދެން ވަޙީ މެދުކެނޑިގެން ދިޔައެވެ. މި ކަމާއި އެކަލޭގެފާނު ވަރަށް ކަންތައްބޮޑުވެ ވަޑައިގަތެވެ. ސަބަބަކީ އޭގެ ސަބަބަބުން އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނުގެ ބަސް ދޮގުކުރުމަށް އޮތް ޙުއްޖަތަކަށް އެކަން ހަދާފާނެތީވެއެވެ. ޙަގީގަތުގައި މިއީ އެކަލޭގެފާނު ދޮގު ކުރަން އޮތް ޙުއްޖަތެއް ނޫނެވެ. ސަބަބަކީ ބޮޑުވަރަކަށް އެބައިމީހުން ބުނާނީ މުޙައްމަދުގެފާނުގެ މައްޗަށް ބާވާލައްވާކަމަށް ވިދާޅުވި ވަޙީ ކޮބައިހެއްޔޭ އެވެ؟ މާދަމާ ޚަބަރު ކުރައްވާނެކަމަށް ވަޢްދުވެވަޑައިގެން ކަންތައް ނުކުރައްވާ ކަމަށެވެ. ނަމަވެސް ޙަގީގަތަކީ، ވަޙީ ލަސްވެ، އެކަންތައްތަކުގެ ޚަބަރު ކުރެއްވުން ލަސްވުމުން ދޭހަވަނީ އެކަލޭގެފާނުގެ ތެދުވެރި ކަމެވެ. ސަބަބަކީ އެކަލޭގެފާނަކީ ދޮގުވެރިޔެއްނަމަ، ވާހަކަ އެއް ހައްދަވައިގެން އެބައިމީހުންނަށް ކިޔައިދެއްވައިފީހެވެ. ވަޙީ ލަސްވުމުން، އެވާހަކަތައް ކިޔާ ނުދެއްވާ ލަސްވުމުން ދޭހަވަނީ އެކަލޭގެފާނަކީ ތެދުވެރި ނަބިއްޔެއް ކަމެވެ.
(وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ ۚ ) "އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ."
ﷲ އިރާދަކުރެއްވިއްޔާ އޭ ބުނެ މުސްތަގްބަލްގެ ކަންތައްތަކަށް ބަސްބުނެފިނަމަ ދެފައިދާ އެއް ލިބެއެވެ. އެއީ:
- ﷲ އެކަމެއް ފަސޭހަކޮށްދެއްވައެވެ.
- އެކަމެއް ނުވިނަމަވެސް، އެމީހަކު ދޮގު ހެދި ކަމަކަށް ނުވާނެއެވެ. މިޘާލަކަށް: ﷲ އިރާދަކުރެއްވިއްޔާ މާދަމާ މިވެނި ކަމެއް ކުރާނަމޭ ބުނެ، އެކަމެއް ނުވިނަމަވެސް، އެމީހަކު ދޮގު ހެދި ކަމަކަށް ނުވާނެއެވެ. ސަބަބަކީ އެމީހެއްގެ ހިތުގައި އޮތީ އެކަމެއް ކުރުމެވެ. ނަމަވެސް، ﷲ ގެ އިރާދަފުޅުގައި ނެތީމާ ނުވީއެވެ.
(وَاذْكُر رَّبَّكَ إِذَا نَسِيتَ ) "އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު ހަނދުމަ ކުރައްވާށެވެ!" އެބަހީ މުސްތަގްބަލް އަށް އަޅުވާ ކަމެއް ކުރާނެކަމަށް ބުނާނަމަ "ﷲ އިރާދަކުރައްވައިފިނަމަ" މފިދައިން ބުނުމަށް އަމުރު ކުރައްވާފައިވާކަން ހަނދުމަފުޅު ކުރައްވާށެވެ.
- ނުނިމޭ -