ވެރިންގެ މުސާރަ ކުޑަ ކުރުމަށް ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހްސާން ފެއްޓެވި ޗެލެންޖު ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ގަބޫލު ކުރައްވާ މުސާރައިގެ 50 ޕަސެންޓު ކުޑަ ކުރަން ނިންމަވައިފިއެވެ.

އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހުސާން ފެއްޓެވި އެ ޗެލެންޖުގައި އޭނާ ވަނީ އޭނާގެ މުސާރައިން 43 ޕަސެންޓު ކުޑަ ކުރުމަށް ނިންމަވާފައެވެ. އެގޮތަށް ކަންތައް ކުރުމަށް އޭނާ ނިންމެވީ މިހާލަތުގައި މުވައްޒަފުންގެ މުސާރަތައް ކުޑަ ނުކުރުމުގެ ގޮތުންނެވެ.

އިހުސާން ވަނީ އެ ޗެލެންޖު ފައްޓަވާ އެ ޗެލެންޖުގައި ބައިވެރިވުމަށް ނާޒިމްގެ އަރިހުން އެދިވަޑައިގެންފައެވެ. އިހުސާންގެ އެ ޗެލެންޖު ގަބޫލުކުރައްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ޗެއާމަންކަން ވެސް ކުރައްވާ ނާޒިމް ވަނީ އޭނާގެ މުސާރައިން 50 ޕަސެންޓު ކުޑަ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ނާޒިމް ވަނީ ރިޕަބްލިކް އިންޖީނިއަރިން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އެ ޗެލެންޖްގައި ބައިވެރިވުމަށް ނޮމިނޭޓުވެސް ކުރައްވާފައެވެ.

ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ބައެއް ފަރާތްތަކުން އަންނަނީ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން މުވައްޒަފުން ނޯޕޭ އަށް ފޮނުވާފައި ވާކަން ފާހަގަކޮށްލެވެ. ކޮވިޑް19 ގެ މި ދަނޑިވަޅުގައި އަދާ ކުރާ ވަޒީފާއަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީގައި ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރަށް އެންގުމަށް ވަނީ އެދިފައެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް 2291 ފަރާތަކުން ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ވެފައިވެއެވެ. ނޯޕޭ ލީވް ދިނުމާއި ގުޅިގެން 639 މީހަކު ރަޖިސްޓްރީ ކޮށްފައިވެއެވެ. ވަޒީފާއިން ވަކި ކޮށްގެން 571 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު މުސާރަ ކުޑަކޮށްގެން 385 މީހަކު ރަޖިސްޓްރީ ކޮށްފައިވެއެވެ. ވަޒީފާއިން ސަސްޕެންޑު ކޮށްގެން 162 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން 280 މީހަކު ވަނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައެވެ.