އައްޑޫ ސިޓީ މިހާރު ލޮކްޑައުން ކޮށްފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ލޮކްޑާއުން ކޮށްފައި ވަނީ އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތީ ކަމަށް ސޯބެ ވިދާޅުވިއެވެ. ސޯބެ މިހެން ވިދާޅުވެފައި ވަނީ ދާދި ދެންމެ އައްޑޫ ސިޓީ ކައުންސިލުން ފޭސްބުކް ލައިވް މެދުވެރިކޮށް މައުލޫމާތު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 14 ދުވަހަށް ލޮކްޑައުން ވާނެ ކަމަށެވެ.

"ކޮންމެހެން އަޅުގަނޑުމެން އެންމެން އެދިގެން ހުރި ދުވަހެއް ނޫން މިއަދަކީ. އައްޑޫގައި ކޮވިޑް19 ފެތުރުނަ ނުދިނުމަށް އަޅާން ޖެހޭ ހުރިހާ ފިޔަވަލެއް މިދިޔަ ދުވަސްތަކުގައި އަޅަމުން މި ދިޔައީ. ނަމަވެސް ރޭގެ ވަގުތެއްގައި އައްޑޫން ބަލި މީހަކު މާލެއިން ގެންދެވި އެމީހާ ކުރި ޓެސްޓުން ފާހަގަވެފައި އޮތީ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކަން." ސޯބެ ވިދާލުވިއެވެ.

އޭޕްރިލް 15 އިން ފެށިގެން އައްޑޫގެ ހުރިހާ ރަށެއްގައި ވެސް ވާނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައި ކަމަށް ސޯބެ ވިދާޅުވިއެވެ. އެގޮތުން އެއް އަވަށޫން އަނެއް އަވަށަށް ދާ ނަމަ ހުއްދައެއް ނަގައިގެން މެނުވީ ނުދެވޭ ގޮތަށް ހަމަޖައްސާފައިވާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. ހަަމއެއާއެކު ފިހާރަަތަކުންވެސް ޑެލިވަރީގެ ހިދުމަތް ދެވޭ ގޮތަށް ކަންކަން ބަދަލުކޮށްފައިވާނެ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ނަމަވެސް އައްޑޫއީން މީހަކު ޕޮޒިޓީވްވުމާ ގުޅިޮގެން މިހިސާބުން ފެށިގެން އައްޑޫ އެއްކޮށް ކަަރަންޓީން ކުރާ ކަމަށް ޑީޖީޢާ ހަވާލާދެއްވައި ސޯބެ ވިދާޅުވިއެވެ. އައްޑޫ އެއްކޮށް ކަރަންޓީން ކުރުމުން ވަރަށް ބޮޑެތި ދަތިތަކާ ދިމާވާނެ ކަމަށާއި އެގޮތުން ދެން ހުރިހާ މީހުންވެސް ތިބެން ޖެހޭނީ ގޭގައި ކަމަށް ސޯބެ ވިދާޅުވިއެވެ. ގެއިން ނުކުމެވޭނީ ވަކިކަމަކަށް ހުއްދައެއް ލިބިގެން ކަމަށާއި އެކަން ފުލުހުން ބަލާނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ލޮކްޑައުންކޮށްފައި ވަނީ ރޭގެ ވަގުތެއްގައި މާލެއަށް ގެނައި ބަލި މިހާކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އޭނާ ޕޮޒޓީވްކަން އެނގިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ޕޮޒޓީވްވެފައި ވަނީ ފިރިހެނެކެވެ. އޭނާ އިއްޔެ ހެނދުނު އައްޑޫގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިާތޅުގެ އީއާރަށް ދައްކާފައި ވެއެވެ. އަދި އޭނާއަކީ ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހަކަށް ވާތީ އެ ހޮސޕިތަލުން ބައެއް ޓޭސްޓުތައް ހެދުމަށްފަހު އިތުރު ޓެސްޓުތައް ހެދުމަށް ވަނީ ރޭގެ ވަގުތެއްގައި މާލެއަށް ފޮނުވާލާފައެވެ.

މި ކޭސްއާ ގުޅިގެން ބަލި މީހާއާ ކޮންޓެކްޓް ވި ހުރިހާ ފަރާތްތަކަށް ގުޅައިގެން ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ކުރިއަށް ވަނީ ގެންގޮސްފައެވެ. ޑައިރެކްޓް ކޮންޓެކްޓްވީ މީހުން ދެނެގަތުމަށް މަސައްކަތް ކުރާއިރު މޯލްޑިވިއަންގެ ސްޓާފުންނާއި އެއާޕޯޓް މުވައްޒަފުންނާއި ބަލި މީހާއަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރި ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ހިމެނެއެވެ. އޭގެތެރޭގައި އެޓެންޑެންޓުން ނަރުހުން އަދި ޑޮކްޓަރުން ހިމެނެއެވެ. އަދި އެ ފަރާތްތައް ވަނީ ވަކިން ތަނެއްގައި އެކަހެރި ކުރެވިފައެވެ.

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފަރާތާއި މިހާތަނަށް 26 ފަރާތެއް ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފެނިފައިވެއެވެ. އޭގެތެރޭގައި 7 ޑޮކްޓާރުންނާއި 10 ނަރުހުން ހިމެނެއެވެ. އަދި ސެކަންޑަރީ ކޮންޓެކްޓްސް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.