މިއަހަރުގެ މާރޗް މަހު ރާއްޖެއިން ކޯވިޑް-19 ހުރި މީހެއް ފެނި އިތުރު ގިނަ މީހުން ފެނުނު ނަމަވެސް ބަލީގެ ހަޤީޤީ ބިރުވެރިކަން ދިވެހިންގެ ހިތްތަކަށް ވެރިވެގަތީ ދިވެހިންގެ ތެރެއިން މި ބަލި ފެނުމުންނެވެ. އެ ގޮތުން ހުސްވި އޭޕްރިލް މަހުގެ 15 ވަނަ ދުވަހު، މާލޭގައި ދިރިއުޅޭ މީހެއްގެ ގައިގައި ބަލި ހުރިކަން ކަށަވަރު ވިއެވެ. ބިރުވެރިކަން އިތުރުވީ އެ މީހާއަކީ ކައިރި މުސްތަގްބަލެއްގައި ރާއްޖެއިން ބޭރަށް ގޮސްފައިވާ މީހަކަށް ނުވާ އިރު އޭނާއަކީ މީގެ ކުރިން ބަލި ޖެހުނު މީހަކާ ބައްދަލުވެފައި ހުރި މީހެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނުމެވެ.
އެހެން ނަމަވެސް ކަމުގެ ހަޤީޤީ މަންޒަރު ފެނިގެން ދިޔައީ އޭގެ ދެދުވަސް ފަހުން އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ، ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ދެއްވި ޕްރެޒެންޓޭޝަން ގައެވެ.
ޑރ. ޝީނާ ވިދާޅުވީ، ބަލި އޭރު ފެތުރެމުން ދިޔަ ގޮތަށް ބަލާ އިރު އަޅާފައިވާ ފިޔަވަޅުތަކާ މެދު އާއްމުން ފަރުވާ ކުޑަކޮށްލައިފި ނަމަ ލައްކައަކަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ. އެރޭގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ބަލި ޖެހި ހާލު ބޮޑުވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުން އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތައިގެން ޚިދުމަތްތައް ނުދެވި އެތަށް ބަޔަކު މަރުވުމަކީވެސް އެކަށިގެންވާ ކަމެއް ކަމަށެވެ. އަދި އޭރުގެ ހާލަތަށް ރިޢާޔަތްކޮށް މި ބަލީގައި ދެ ހާސް މީހުން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. ޝީނާ ފާހަގަ ކުރެއްވިއެވެ.
މި އިންޒާރުވީ ސީދާ "ހިތަށް ހެރި ތީރަކަށް" އެވެ.
މިއަހަރުގެ ކުރީކޮޅުން ފެށިގެން ސަރުކާރުން ދެމުން އައި އިރުޝާދުތަކާ އިންޒާރުތަކަށް ކިޔަމަން ވުމުގައި ފަރުވާ ކުޑަކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ދިވެހިން އެންމެ ދެކެން ބޭނުން ނޫން ދުވަސް އައިސް ހަމަކުރުމެވެ. ފުރި ބާރުވެފައިވާ މާލޭގައި ގައިން ގަޔަށް ފަސޭހަކާއެކު އަރާ ކޯވިޑް-19 ފެތުރެމުން ފެށުމެވެ.
ޖެހިގެން އައި ތިން ހަފްތާގައި މާލޭއިން ފެންނަ ކޭސްތައް އިތުރުވަމުން ދިޔަ އިރު ގިނައީ ބިދޭސީންނެވެ. އެހެން ނަމަވެސް، އެފަރާތްތަކަކީ ޑެލިވަރީތަކާއި އެހެން ޚިދުމަތްތަކުގައި ވެސް މަސްއޫލުވެގެން އުޅޭ ފަރާތްތަކަށް ވުމުން ބަލި ފެތުރެމުންދާ ސްޕީޑް ހަލުވިއެވެ. މިގޮތުން އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 744 މީހުން ރާއްޖެއިން ކޯވިޑް-19 ޕޮޒިޓިވް ވީ އިރު މާލޭގެ އިތުރުން ރާއްޖެ ތެރޭގެ ބައެއް ރަށްރަށުން ވެސް ވަނީ ކޭސްތައް ފެނިފައެވެ.
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އާ ކޭސްތައް ފެންނަ އިރު އެއްބައި ފަހަރު ނިސްބަތުން މަދެވެ. ބައެއް ފަހަރަކު ފަންސާހަށް ވުރެ މައްޗަށް ކޭސްތައް އަރައެވެ. އެހެން ނަމަވެސް ގިނައީ ކޭސްތައް ތިރީހަށް ވުރެ މަދު ދުވަސްތަކެވެ. އެއީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކާމިޔާބު ވާ ކަމުގެ ސިގްނަލެއް ކަމެއް ނުވަތަ ޓެސްޓިން ކެޕޭސިޓީ ނެތިގެން ޓެސްޓް ނުކުރެވެނީ ތޯ ސުވާލު އުފައްދަން ޖެހެއެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކާ ހިލާފަށް ރާއްޖޭގެ ގްރާފު ފެންނަނީ ކުއްލި ކުއްލި މަތި ވުމާއި ކުއްލި ކުއްލި ދަށްވުމެވެ. "ކާވް ފްލެޓް" ކުރަން ނުވަތަ "ގުދު ތިރިކުރަން" ހިފަންވީ ހިސާބެއް ނޭނގޭ ފަދަ ގޮތަކަށެވެ.
އެހެން ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ އޮތް އެން.އޯ.ސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ އަނެއްކާވެސް މިވަނީ ކަމުގެ ބިރުވެރި އެހެން ނަމަވެސް ސާފު މަންޒަރު ކިޔައިދެއްވާފައެވެ.
އެރޭގެ ޕްރެސްގައި ޑރ. ޝީނާ ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެވޭނެ ވަރަށް، ބައްޔަށް މީހުން ޓެސްޓް ނުކުރެވޭ ކަމަށެވެ. އަދި މިހާރު ފެންނަމުންދާ އާ ކޭސްތައް ހަޤީޤަތުގައި އެތަށް ގުނައަކަށް އުފުލިގެން ދާނެ ކަމަށެވެ. ޑރ. ޝީނާ ވިދާޅުވީ، މިހާރު އަޅާފައިވާ ލޮކްޑައުންއާ އެކު ވެސް މޭއި މަހުގެ ތިރީސް ވަނަ ދުވަހަކީ ބަލި ފެތުރެމުން ދާ މިންވަރު އެންމެ މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވޭ ދުވަސް ކަމަށާ އެދުވަހު އެކަނި ވެސް 1600 މީހުން ބައްޔަށް ޕޮޒިޓިވްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ، ޖުމްލަ 70350 ބަލި ޖެހޭނެ ކަމަށެވެ. އަދި މީގެ ތެރެއިން 13268 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭ އިރު 5000 އައި.ސީ.ޔޫގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށެވެ.
އެރޭ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޑރ.ޝީނާ ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް 900 އެއްހާ މީހުން މިބަލީގައި މަރުވުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށާ ސިއްހީ ނިޒާމަށް ލިބޭ ބުރަ ކުޑަކުރެއްވިއްޖެ ނަމަ އެ އަދަދު ވެސް މަދުކުރެވޭނެ ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ، މިހާރެކޭ އެއް ގޮަތަށް ބަލި ފެތުރުން އިތުރުވެގެން ދާނީ ގިނަ ބަޔަކު އެއް ތަނެއްގައި އުޅެމުންދާ ތަންތަނުގައި ކަމަށާ މި ގޮތަށް މާލޭގައި ބިދޭސީންގެ އިތުރުން ދިވެހިން ވެސް އުޅެމުންދާ ކަމަށެވެ. އަދި އެތަންތަނުން ބަލި ފެންނަ ވަރު މަދުވާ ނަމަ މާލޭގެ ގޭ ބީސތަކުން ބަލި ފެންނަ ވަރު އިތުރުވެގެން ދާނެ ކަމަށާ ކޮންމެ ގެއެއްގައި ބަލި ޖެހުމުން ހާލު ދަށްވެގެން ދާނެ ބަލި މީހުން ތިބޭނެ ކަމަށް ވެސް ޑރ. ޝީނާ ވިދާޅުވިއެވެ.
ނިއުސް ކޮންފަރެންސްގައި ޑރ. ޝީނާއާ ކުރި ގިނަ ސުވާލުތަކަށް ސާފު ބަހުން ޖަވާބު ދެއްވަމުން ގެންދެވި އިރު ބަލަން ތިބި ފަރާތްތަކުގެ ހިތުގައި ބިރުވެރިކަން އުފެދުނު ނަމަވެސް ކަމުގެ އަސްލު ހަޤީޤަތާ ނުރައްކަލުގެ ތެރޭގައި ރާއްޖެ އޮތް މިންވަރު ވަރަށް ފުރިހަމަ އަށް ވެސް އަންދާޒާ ކުރެވިއްޖެއެވެ. މިއީ އަދި ދެ ހަފްތާ ގޭގައި ގައިދުވެގެން ތިބެގެން ނިންމާލެވޭނެ ކަމެއް ނޫން ކަން ވިސްނިއްޖެއެވެ.
ޕްރެސްއަށް ފަހު ގިނަ ބަޔަކު މިވަނީ ޑރ. ޝީނާ ދެއްވި ޕްރެޒެންޓޭޝަނަށް ތަޢުރީފުކޮށް ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުގައި ޚިޔާލު ފާޅުކޮށްފައެވެ. ގިނަ މީހުން ބޭނުން ވަނީ ކޮންމެ ރެއެއްގެ ޕްރެސްގައި ވެސް ޑރ. ޝީނާ އިންނަވާ މިފަދަ ހަޤީޤަތާ ގާތްކުރާ ގްރާފްތަކެއް ދެއްކެވުމަށެވެ. އެފަދަ އިންޒާރުތައް ދެއްވާ ސާފު މަންޒަރު ދައްކަވަމުން ގެންދިއުމަށެވެ.
ހަޤީޤަތަކީ، ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމައިން ރާއްޖެއަށް ކާމިޔާބު ލިބޭނީ ސަރުކާރާއި ރައްޔިތުން އެކުގައި މަސައްކަތް ކޮށްގެން ކަމަށްވާ އިރު، ކަމުގެ ހަޤީޤަތް ނޭނގި ތިބެ ސަރުކާރުގެ އިރުޝާދު ތަކަށް އެންމެ ފުރިހަމައަށް ކިޔަމަން ތެރި ނުވުމަކީ ވެސް ރައްޔިތުން އެކަނި ކުށެއް ނޫނެވެ.
މާލެ ސިޓީ ހުސްކުރަން އުޅެބަލަ ވާގޮތެއް ދެންވެސް ބަލަން... ރިސޯޓު ތަކުގެ ސްޓާފުން 14 ދުވަހަށް އެކަހެރިވެ ހުންނަން އައްޑޫ ޓާސްކްފޯސް އިން އެންގި... އެއްވެސް ކަހަލަ އަލާމާތެއް ނުފެނި ޕޮސިޓިވް ވަންޏާ ކޮންމެސް ގޮތަކުން ޓެސްޓް ކޮށްގެން ދެނެގަނެވޭނެ ގޮތެއް އޮންނާނެ. ސިއްހީ މާހިރުންވެސް ގައުމުގެ ބޮޑުންވެސް ގޮތް ދޫކޮށް ޓެސްޓް ކުރެވޭނެ ގޮތެއް ހޯދަން އެޅޭ.. ކޮންމެ މީހަކަށްވެސް އެހެންވީމަ ގެހިފައި ހުރެދާނެ... 31 މެއި ގައި 1600 އަށް އަރާނެ ކަމަށް ދައްކާ ވަސީލަތެއް އޮތަސް ތި ވީ ބޭކާރު އެއްޗަކަށް، ކޮބާ ވާ ފައިދާ އަކީ؟ ރައްޔިތުންނާއި ދޭތެރޭގައި ވިސްނާ!!! މާލޭގައިވެސް ތިބީ އިންސާނުން ވަކި ބަޔަކަށް ވަކި ގޮތް ނަހަދައި.. ގިނަ މީހުން މިތިބެނީ އާއިލާ މީހުން ކައިރިއަށް ދެވޭނެ ގޮތެއް ނެތިފައި އަދިވެސް
ރާއްގޭގައި މި ބޭނުންކުރަނީ އިމްޕީރިއަލް ކޮލެޖް މޮޑެލް އަދި މިއަށް ބިނާކޮށް ފެންނަ އަދަދުތައް. މި މޮޑަލްއަކީ ބޮޑު އޮޅުވާލުމެއް ކަމަށް މިހާރު މުޅި ދުނިޔެއަށް ވަނީ ފަޅާއަރާފަ. https://lockdownsceptics.org/code-review-of-fergusons-model/