އިތުރު 10 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު މިއަދުގެ ޖުމްލަ 96 އަށް އެރީއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ބަންގްލަދޭޝް ހަ މީހުންނާއި ހަތަރު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި 10 މީހުންނާ އެކު މިއަދު ކޮވިޑް19 އަށް ރާއްޖެއިން 96 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.

މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 744 އަށް އަރާފައެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.