މީރު ފޮނިކާއެއްޗެއް ތައްޔާރުކޮށްލުމަކީ ބައެއް މީހުން ނަފްސު ހަމަޖައްސާލުމަށް ކޮށް އުޅޭ ކަމަކަށްވާއިރު، ބައެއް ފަހަރު މާ ގިނައިން މިފަދަ ތަކެތި ތައްޔާރު ކުރެވޭ ގޮތްވެއެވެ. އަނެއް ބައި މީހުންނަކީ ވަގުތު ލިބޭ މިންވަރަކުން ދުރާލާ ތަކެތި ތައްޔާރުކޮށްފައި ބަހައްޓާ މީހުންނެވެ. ކަންމިހެން އޮތްއިރު، ރަހައަށް މާ ބޮޑު ބަދަލެއް ނާންނާނެ ފަދަ ގޮތަކަށް މި ފަދަ ފިހުނު ތަކެތި ރައްކާކުރުމަކީވެސް އުކުޅެއް ކަމުގައި ދަންނަވަންޖެހެއެވެ.

ބްރައުނީ

ބްރައުނީއަކީ ރަނގަޅަށް ފިހެ ނިންމާލުމަށްފަހު ގަނޑުކުރާ ބައިގައި ރައްކާ ކުރެވޭނެ ބާވަތަކެވެ. ނަމަވެސް ބްރައުނީގައި އެކުލެވޭ ތަތްކަމެއްގެ ސަބަބުން، ގަނޑުކަން ކެނޑޭއިރު ހިސާބަކަށް ދިޔަ ހެދޭ ގޮތް ވެދާނެއެވެ. މިކަން މިހެން ވިޔަ ނުދިނުމަށްޓަކައި ބްރައުނީ ފިހެ ނިންމާލުމަށްފަހު، ކާން ހެޔޮވަރު ސައިޒަކަށް ބްރައުނީ ފޮތިފޮތިކޮށްލާށެވެ. އެއަށްފަހު ޕްލާސްޓިކް ރެޕް ބޭނުންކޮށްގެން ކޮންމެ ފޮއްޗެއް ވަކިވަކީން ބަންދުކޮށްލާށެވެ. ޕްލާސްޓިކް ރެޕްއިން ބަންދުކުރި ބްރައުނީ ފޮތިތައް ހަތަރެސްކަން ޓްރޭއެއްގައި، ރަނގަޅަށް ފިތިފައި ހުންނާނެ ފަދަ ގޮތަކަށް އަތުރާ، ގަނޑުކޮށްލާށެވެ. ރަނގަޅަށް ކަނޑުވުމުން، ޒިޕްލޮކް ބޭގަކަށް ބަދަލުކޮށްލާށެވެ. ގަނޑުކޮށްފައި ހުރި ބްރައުނީ ބޭނުން ކުރުމުގެ ކުރިން، ރަނގަޅަށް ފިނި ކަނޑުވާލަން ވާނެއެވެ.

ޗޮކްލެޓް ބްރައުނީ

ކޭކު

އެއް ލޭޔަރަށް ހުންނަ ކޭކާ، އެކި ލޭޔަރުތަކަށް ހުންނަ ކޭކާ، ޕާނެއް ގޮތަށް ފިހެފައި ހުންނަ ކޭކާ، މެދަށް ހުސްކޮށް ހުންނަ ކޭކު އެންމެ ރަނގަޅަށް ފްރިޖުގައި ރައްކާ ކުރެވޭނީ އޭގައި އައިސިންގް ނުވަތަ ފްރޮސްޓިންގް ނުހާކާ ހުންނަނަމައެވެ. އައިސިންގް ނުވަތަ ފްރޮސްޓިންގްއާއެކު ގަނޑުކޮށްފައި ބެހެއްޓުމަށްފަހު ފިނިކަނޑުވާލުމުން ކޭކު ތެރޭގައި ދިޔަ ހެދޭ ގޮތް ވެދާނެއެވެ.

ގިނަ ދުވަހަށް ކޭކު ރައްކާކުރަން ބޭނުން ނަމަ، އެކަށީގެންވާ ސައިޒަކަށް ކޭކު ބައިބައިކޮށްލާށެވެ. އަދި ކޮންމެ ބައެއް ވަކިން ޕްލާސްޓިކް ރެޕްގައި ބަންދުކޮށް، އޭގެ ބޭރުން ފޮއިލް ފަށަލައެއް ލާ، ބަންދުކޮށްލާށެވެ. މި ގޮތަށް ބަންދު ކުރުމަށްފަހު ގަނޑުކުރާ ބައިގައި 3 މަސްދުވަސް ވަންދެން ކޭކު ރައްކާކޮށްފައި ބެހެއްޓޭނެއެވެ. ފްރީޒަރުން ނަގާ ކޭކު ބައިތައް ރެޕުން ނެއްޓުމުގެ ކުރިން އެއްކޮށް ފިނި ކަނޑުވާލަން ވާނެއެވެ.

ދޮންކެޔޮ ކޭކް

މަފިން/ޕާން

މަފިން ނުވަތަ ޕާން ރައްކާ ކުރަން ބަލާއިރު ކޮންމެ މަފިންއެއް ވަކިވަކިން ނުވަތަ ޕާން ފޮއްޗެއް ވަކިވަކިން ޕްލާސްޓިކް ރެޕްގައި ރަނގަޅަށް ބަންދުކުރާށެވެ. އެއައަށްފަހު ފްރީޒާ ބޭގަކަށް އެޅުމަށްފަހު ފްރީޒަރުގައި ބަހައްޓާށެވެ. މި ގޮތަށް 2 މަހެއްހާ ދުވަސް ވަންދެން މި ބާވަތްތައް ރައްކާކޮށްފައި ބެހެއްޓޭނެއެވެ. ކާން ބޭނުން ވުމުން، ގަނޑުކުރާ ބައިން ނަގާ، ފްރިޖުގެ ފިނި ކުރާ ބައިގައި ބާވައިގެން، ހަރުކަން ކަނޑުވާލާށެވެ. އެއަށްފަހު، ޕްލާސްޓިކް ރެޕްއިން ނަގާ، ފޮއިލްކޮޅެއްގައި ބަންދުކޮށްގެން އަވަންގައި ހޫނުކޮށްލާށެވެ.

ބިސްކޯދު

ބިސްކޯދުގެ ފުއްގަނޑު ތައްޔާރު ކުރުމަށްފަހު ޕާޗްމަންޓް ޝީޓު އަޅާފައިވާ ޓްރޭއަކަށް ލާށެވެ. ރަނގަޅަށް ހަރުވަންދެން ގަނޑުކޮށްލުމަށްފަހު ފްރީޒާ ބޭގަކަށް ބަދަލުކޮށްލާށެވެ. މި ގޮތަށް ގަނޑުކޮށްފައި ހުންނަ ބިސްކޯދު ފުއްގަނޑުން ބިސްކޯދު ފިހުމުގެ ކުރިން މުޅިން ގަނޑުކަން ކަނޑުވާކަށް ނުޖެހޭނެއެވެ. ގަނޑު ކުރާ ބައިން ނެގުމަށްފަހު، ޕާޗްމަންޓް ޝީޓު އެޅި ޓްރޭއަކަށް ލާ، އަވަންގައި ފިހެލާށެވެ.

ކޮވިޑް-19 ތީމަށް ތައްޔާރުކޮށްފައިވާ ކުކީތަކެއް/ފޮޓޯ: ސީއެންއެން

ކުކީ

މިއީވެސް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނިކާއެއްޗަކަށްވާއިރު، މިއީ ރައްކާ ކުރަންވެސް މާ އުނދަގޫ އެއްޗެއް ނޫނެވެ. ކުކީ ފުއްގަނޑު ބައިބައިކޮށްލާށެވެ. ބޮޑަށް ރަނގަޅުވާނީ ކޮންމެ ކުކީއަކަށް ވާ ވަރަށް ވަކިވަކި ކޮށްލުމެވެ. ޕާޗްމަންޓް ޝީޓް އެޅީ ޓްރޭއެއްގައި މި ގުޅަތައް ދުރު ދުރުގައި އަތުރާ، ގަނޑު ކުރާ ބައިގައި ރަނގަޅަށް ގަނޑުކޮށްލާށެވެ. އެއަށްފަހު ޓްރޭއިން ނަގާ، ރަނގަޅަށް މަތި ބަންދުވާ ކޮންޓޭނެރަކަށް ބަދަލުކޮށް ގަނޑު ކުރާ ބަގައި ރައްކާ ކުރާށެވެ. ފިހަން ބޭނުން ވުމުން، ޕާޗްމަންޓް ޝީޓް އެޅި ޓްރޭއެއްގައި ކި ގުޅަތައް އަތުރާލާށެވެ. އަވަނުގައި ފިހުމުގެ ކުރިން، ގުޅަތަކުން ގަނޑުކަން ކަނޑުވާލަން ވާނެއެވެ.

މިއީ ލޮކްޑައުންގެ ދުވަސްވަރު ކަމުން، ވަގުތުގެ ނިއުމަތް ލިބިފައިވާއިރު ހެޔޮ ގޮތުގައި މި ވަގުތު ބޭނުން ހިފާ، ވަގުތު ސަލާމަތް ކުރެވޭނެ އެހެން ދުވަހުގެ ތާވަލު ރާވަލަމާތޯއެވެ.