ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިލާންޖެހޭ ނޭދެވޭ ބައެއް ކަންތައްތަކުގެ ސަބަބުން، އެމެރިކާއިން އިތުރު 75000 އެއްހާ މީހުންގެ ފުރާނަ ގެއްލި ހިނގައިދާނެ ކަމުގެ އިންޒާރު ދީފިއެވެ.

ގައުމީ ފެންވަރެއްގައި އާންމު ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ގުރޫޕެއް ކަމަށްވާ ވެލް ބީންގް ޓްރަސްޓް އިން ބުނީ، ކޮވިޑް-19ގެ ސަބަބުން، މަސްތުވާތަކެތީގެ އަވާގައި ޖެހުމާ، ރާ ބުއިމާ އަމިއްލައަށް މަރުވުމުގެ ހާދިސާތަކާ ގުޅިގެން އެމެރިކާއިން ގާތްގަނޑަކަށް 75000 އެއްހާ މީހުންގެ ފުރާނަ ގެއްލިދިއުމުގެ ބިރު އެބަ އޮތް ކަމަށެވެ.

މާޔޫސްވެ ކަންބޮޑުވެފައި ހުރި ފިރިހެނެއް/ފޮޓޯ: އެންޑްރޯލޮޖީ ސެންޓާ

ވެލް ބީންގް ޓްރަސްޓްއިން މިއަދު އާންމު ކުރި ރިޕޯޓްއެއްގައި ބުނެފައިވަނީ ސަރަހައްދީ، ލޯކަލް އަދި މައި ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތަކެއް ނާޅައިފިނަމަ، ވަޒީފާ ގެއްލިމުގެ މައްސަލައާއި، އިގުތިސޯދީ ހީނަރުކަމާ، އައިސޮލޭޝަންއާއެކު ކުރިމަތިވާ ނަފްސާނީ ނުތަވަނަވަސްކަމާ، ބަލިމަޑުކަމަށް ނިމުމެއް އަންނާނެ ވަކި ދުވަހެއް އެނގެން ނެތުމުގެ ނުތަވަނަސްކަމުގެ ތެރޭގައި މަރުވެދާ މީހުންގެ އަދަދު އިތުރުވުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

ވެލް ބީންގް ޓްރަސްޓްގެ ޗީފް ސްޓްރެޓެޖީ އޮފިސާ ޑރ ބެންޖަމީން އެފް މިލާ ވިދާޅުވީ، ނަފްސާނީ ފަރުވާ ފޯރުކޮށްދީ، ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކޮށްދޭ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ތަނަވަސްކޮށްދިނުމާ، އިޖުތިމާއީ ފެންވަރުގައި އާބާދީއަށް އެއްބާރުލުމާ އެހީތެރިކަން ލިބޭނެ ފުރުސަތުތައް ފަހިކުރުމަށް ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފައިފިނަމަ މަސްތުވާތަކެތި ބޭނުން ކުރުމާ އަމިއްލައަށް މަރުވުން ފަދަ ހާދިސާތައް ހިނގާފާނެ ކަމަށެވެ.

މާޔޫސްވެފައި ހުރި ފުރާވަރުއުމުރުގެ ފިރިހެން ކުއްޖެއް/ފޮޓޯ: އަންޑާސްޓޫޑް

2008 ވަނަ އަހަރު އެމެރިކާއިން އުފެދި، މުޅި ދުނިޔެއަށް ކުރިމަތިލާންޖެހުނު އިގުތިސޯދީ ހީނަރުކަމުގެ ސަބަބުންވެސް މިފަދަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. ކަންމިހެން އޮތްއިރު، އަދުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރުވެސް އެބައޮތެވެ. އެހެނީ މިއަދު ދެކެމުންދާ އިގުތިސޯދީ އަދި މާލީ ހީނަރުކަމަކީ، މީގެ އެތައް އަހަރެއް ކުރިން ދުނިޔެ ތަޖުރިބާކާރި ބޮޑު ތަށްފަހު ދުނިޔެ ދުށް އެންމެ ނުރައްކާ ބޮޑު ކާރިސާ ކަމަށް، ކަމާ ބެހޭ ތަޖުރިބާކާރުންވެސް ވަނީ އިންޒާރު ކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާއިން އިތުރު 75000 އެއްހާ މީހުންގެ ފުރާނަ ގެއްލި ހިނގައިދާނެ ކަމަށް ބުނެ، ވެލް ބީންގް ޓްރަސްޓްއިން ރިޕޯޓްއެއް އާންމުކޮށްފައިވާއިރު، ސީދާ ބަލީގެ ޝިކާރައަކަށްވެ، އެމެރިކާއިން ފުރާނަ ގެއްލުނު މީހުންގެ އަދަދު މިހާރު ވަނީ 76928 އަށް އަރާފައެވެ. މީގެ ތެރެއިން 16995 މީހަކު އޮތީ ކުރިޓިކަލް/ސީރިއަސް ހާލެއްގައި ކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1292623 އަށް އަރާފައެވެ.