މެއި 30 ގައި 1600 މީހުން ބަލިވާނެ ކަމަށް އަންދާޒާ ކޮށްފިއެވެ. އެއީ މިހާރު ލަފާ ކުރާ ޕީކަށް ދާނެ ދުވަހެވެ. މިހާރު ދަރުބާރު ގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވީ، މިހާރު ހެދިފައިވާ އަންދާޒާތަކުން މި ހިނގާ މޭމަހުގެ 30 އަދި 31 ގައި ބަލި ޖެހިގެން ފެންނަ މީހުން ގިނަ ވާނެ ކަމަށާއި އެއީ 14 ދުވަހުގެ ލޮކްޑައުން ނިމި ދެން އަންނާނެ ޕީކް ކަމަށެވެ.

ޑރ. ޝީނާގެ ވާހަކައިގައި، މިހާރު ރާއްޖެ ލޮކްޑައުންގައި އޮތަސް ބަލި ފެތުރެމުންދާ ގޮތުގެ އެންމެ ސާފު މަންޒަރެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެ މަންޒަރު ފެނިވަޑައި ނުގަންނަވަނީ އެކަށގެންވާ ވަރަށް ޑޭޓާ ނުވަތަ މައުލޫމާތު ލިބެން ނެތުމުން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މައުލޫމާތުގެ ވާހަކަ ފާހަގަ ކުރެއްވި އިރު، އެއީ ސީދާ ކޮން މައުލޫމާތެއްގެ ވާހަކަ ކަމެއް ފާހަގައެއް ނުކުރައްވައެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ ސާފު އަދަދު ނުފެންނަނީ ސާމްޕަލް ނެގޭ އަދަދު ނުވަތަ ޓެސްޓް ކުރެވޭ އަދަދު މަދުވުމުން ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.

ޑރ. ޝީނާ ހައްދަވާފައި ވާ އަންދާޒާއިން ފެންނަ ގޮތުން މިއަހަރުގެ ސެޕްޓެމްބަރާ ހަމައަށް ރާއްޖެއިން ކޮވިޑްގެ ބަލި މީހުން ފެންނަމުން ދާނެއެވެ. އޭނާ ވިދާޅުވީ، ކޮވިޑަކީ، ސީޒަނަލްކޮށް އަންނަ ބައްޔެއް ކަމެއް ނުވަތަ އެ ބައްޔާ ގުޅޭ ގިނަ މައުލޫމާތު ނެތުމުން، ރާއްޖެއިން ބަލި އަވަހަށް ނެތިގެން ދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެން ކަމުން އަންދާޒާ ކުރެވޭ ޕީކް ދުވަސްތަކުގައި ނުވަތަ ދުވަހުގައި މަދުވެގެން 34 މީހުން ހޮސްޕިޓަލުގައި އެޑްމިތް ކުރަން ޖެހޭނެ ކަމަށާއި، 12 މީހަކު އައިސޫޔޫއަށް ލާން ޖެހޭނެ ކަމަށެވެ. އަދި ޕީކް 14 ދުވަހަށް ދެމިގެން ގޮސްފިނަމަ، 6804 މީހަކު ބަލިވާނެ ކަމަށާއި، 281 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި 14 ދުވަސް ތެރޭ 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް ޑރ. ޝީނާގެ އަންދާޒާ ދައްކައެވެ.

ރާއްޖޭގެ ކޮވިޑްގެ މުޅި މަންޒަރަށް ބަލާނަމަ، ޖުމްލަ 77000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވާނެ ކަމަށާއި، 13000 އަށް ވުރެ ގިނަ މީހުން ހޮސްޕޮޓަލުގައި އެޑްމިޓްކޮށް 5000 އަށް ވުރެ ގިނަ މީހުން އައިސީޔޫއަށް ލާން ޖެހޭނެ ކަމަށްވެސް ބުނެއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވާ މީހުންގެ ޖުމްލަ އަކީ 642 އެވެ. އެއީ މިވަގުތު ބަލި މީހުންގެ ގޮތުގައި 618 މީހުން އެބަތިއްބެވެ.