ރާއްޖޭގައި ކޮވިޑް19 އަށް ގިނައިން ޓެސްޓު ކުރެވޭ ނަމަ ލައްކައެއްހާ އިންފެކްޝަން ފެންނާނެ ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ. ޝީނާ އެހެން ވިދާޅުވީ، ސެޕްޓެމްބަރާ ހަމައަށް ލަފާކޮށް ހައްދަވާފައިވާ ހިސާބުތައް ހިއްސާ ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ، ޓެސްްޓިން ކެޕޭސިޓީއާއި ޓެސްތް ކުރެވޭ ނިސްބަތުން މިހާރު އެވަރު ނުފެންނަނީ ކަމަށެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި މިހާރު ކޮވިޑް19 އަށް ޓެސްޓު ކުރެވޭ ނިސްބަތް ވަރަށް ބޮޑަށް މަދު ކަމަށެވެ. އެގޮތުން މިހާރު ޓެސްޓު ކުރެވޭ ނިސްބަތް އިތުރުވާ ނަމަ 300 އެއްހާ މީހުން ދުވާލަކު ފެންނަން ޖެހޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ހުރި ޓެސްޓިން ސްޓްރެޓެޖީ ބަދަލު ކުރަންޖެހޭ ކަމަށެވެ.

"ޓެސްޓް ކުރާ އެއްޗެހި ލިބުމުގައި ވެސް ވަރަށް ގިނަ ދަތިތަކެއް އެބަހުރި. އެކަމަކު ޓެސްޓް ކުރެވެން ނެތީމަ އޭގެ މާނައަކީ ސައިލެންޓްކޮށް އެބަ މި ބަލި ސްޕްރެޑްވެއޭ."
ޑރ. ޝީނާ

ޑރ. ޝީނާ މިރޭ ވަނީ މިހާރު ރާއްޖޭގައި މިބަލި ފެތުރެމުން އަންނަ ގޮތަށް ބަލާއިރު މަރުވާނެ ކަމަށް ލަފާ ކުރެވޭ އަދަދު މީގެކުރިން ލަފާ ކުރިން މިންވަރަށް ވުރެ ދަށްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ މީގެކުރިން 2،000 މީހުން މަރުވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް މިހާރު ލަފާ ކުރެވެނީ 900 މީހުން މަރުވާނެ ކަމަށް ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ، ބަލިޖެހޭ ނިސްބަތް ދަށްކޮށް ފެންނަނީ ލޮކްޑައުންގައި އޮތުމުން ކަމަށާއި، އެޗްޕީއޭގެ އިރުޝާދުތައް ރައްޔިތުން އަޑުއަހާތީ ކަމަށެވެ.

ޑރ. ޝީނާ ހައްދަވާފައި ވާ އަންދާޒާއިން ފެންނަ ގޮތުން މިއަހަރުގެ ސެޕްޓެމްބަރާ ހަމައަށް ރާއްޖެއިން ކޮވިޑްގެ ބަލި މީހުން ފެންނަމުން ދާނެއެވެ. އޭނާ ވިދާޅުވީ، ކޮވިޑަކީ، ސީޒަނަލްކޮށް އަންނަ ބައްޔެއް ކަމެއް ނުވަތަ އެ ބައްޔާ ގުޅޭ ގިނަ މައުލޫމާތު ނެތުމުން، ރާއްޖެއިން ބަލި އަވަހަށް ނެތިގެން ދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.