އެއީވެސް ބަޔަކު މީހުން ގަސްތުގައި ކުރި ކަމެކެވެ. އިންސާނުން އުޅެން ހެޔޮ ނުވާވަރުގެ ތަންތަނުގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތައް ގެންގުޅުނީއެވެ. އެކަމުގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލައެއް ކުރިމަތިވަމުން ދާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ދިވެހިން މިއަދު ދެކެމުން މިދާ ބިރުވެރި އަދި ހިތްދަތި ދުވަސްތައް އައިސްދާނެ ކަމަކަށް އެއްވެސް މީހަކު ހިއެއް ނުކުރެއެވެ. ކަން މިހެން އޮތް އިރު، ބިދޭސީންގެ ކަންކަން ހައްލު ކުރާނެ ކަމަށް ކޮންމެ ސަރުކާރަކުން ބުނި ނަމަވެސް އެކަން ވެގެން ދިޔައީ ބިލާހަކަށެވެ.

މިހާތަނަށްވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ހުދު ސަރުކާރަކަށް ވެސް ނޭނގެ އެވެ. ރަސްމީ އެއްވެސް ލިޔެކިޔުމެއްގައި ވެސް އެ އަދަދެއް ފެންނާކަށް ނެތެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ވަނީ އަންދާޒާ އަދަދެއް މިދިޔަ އަހަރު ހާމަ ކޮށްފައެވެ. އަންދާޒާ ކުރީ 63000 އެވެ. ގިނަބަޔަކު ގަބޫލު ކުރަނީ އެ އަދަދު އެއަށް ވުރެވެސް އިތުރުވެގެން ދާނެ ކަމަށެވެ. ރާއްޖޭގެ ބޯ ހިމެނުމުގެ ތަފާސް ހިސާބުތަކުންވެސް ސާފު އަދަދެއް ނުފެނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ބިދޭސީން އުޅެމުން އަންނައިރު ފުރަ މާލެއަކީ އެންމެ ގިނަ ބިދޭސީން އުޅެމުންދާ އެއް ރަށެވެ.

ކޮންމެއަކަސް މިއަދު މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައި މިވާ ބަލާއާފާތް، ކޮވިޑް19 މިވަނީ ރާއްޖެއަށްވެސް ފޯރާފައެވެ. މި ތޫފާނުގެ ބާރުގަދަކަމުން މިއަދު މެދު މިނުގައި އެންމެ ހަލުވި ކަމާ އެކުގައި ތަރައްގީވަމުން އައި ކުޑަކުޑަ ދިވެހިރާއްޖެ އިގްތިސޯދީ ގޮތުން "ފުނޑިއްޖެ" އެވެ. ސިއްހީ ގޮތުންވެސް މިއަދު ރާއްޖެ މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ދުވާލެއްގެ މައްޗަށް 20 އިން މައްޗަށް ކޮވިޑް19 އަށް މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ. ގިނައީ ބިދޭސީންނެވެ.

ގަލޮޅު ބޯޅަ ދަނޑަށް ވަންނަން ގަވާއިދާ ހިލާފަަށް އުޅޭ ބިދޭސީން ހަދާފައިވާ ކިއު / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މި މީހުންނަކީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން އަންނަ މީހުންނެވެ. ކޮވިޑް ރާއްޖެއިން ފެނުމާ އެކު މީހުން ކިޔައި އުޅުނެވެ. މާލެއިން މި ބަލި ފެނިއްޖިއްޔާ ކޮންޓްރޯލް ކުރުމަށް ދަތިވާނެއެވެ. ސަބަބަކީ ތޮއްޖެހިގެން އެތައް ހާސް ބިދޭސީންނެއް ފުރަ މާލޭގައި އުޅޭތީއެވެ. މިއަދު މިކަމުގެ ނުރައްކާތެރި ކަމުން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް، ސަރުކާރަށް ޖެހުނީ ނެތް ފައިސާއެއްގައި ވެސް ތަންތަން ހަދަ ހަދައިގެން މާލެއިން އެމީހުން ބޭރު ކުރާށެވެ.

އެގޮތުން ސަރުކާރުން އަންނަނީ ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ހަދައިގެން އެމީހުން ބޭރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއާ އެކު ސޯޝަލް މީޑިއާގައި އަންނަނީ ސަރުކާރުން ގާއިމް ކޮށްފައިވާ އެ ފެސިލިޓީތަކުގެ ވީޑިއާއޯ ފޮޓޯތައް ޕޯސްޓުކޮށް އެއީ ސަރުކާރުން މީހުންނާއި މެދު ކަންކަން ކުރަންވީ ގޮތްތޯ ބުނެ ސުވާލު އުފައްދަމުންނެވެ. ރަނގަޅު ވާހަކައެކެވެ. އެއީ ރިސޯޓުތަކެއް ނޫނެވެ. އަދި އެތަންތަނުގައި އޭސީއެއް ނުވަތަ ކުއީން ސައިޒުގެ އެނދެއް ނެތެވެ.

އެކަމަކު އެފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާ މީހުން މީގެ ކުރިން އެމީހުން އުޅުނު ތަންތަނުގެ ހާލަތު ދުށްތޯއެވެ. އެންމެ ފަންކާއެއް ބަހައްޓައިގެން 40 ނުވަތަ އެއަށް ވުރެވެސް ގިނަ މީހުން އެއްތަނުގައި ނިދާ އުޅެފިއެވެ. އަދިވެސް އުޅެމުން އެބަދެއެވެ. ވާރޭ ވެހެންޏާ ނުނިދާ އެބަ ތިބެއެވެ. ޑިއުޓީ ބަހައިގެން ނިދާ ހަދައެވެ. އެކަކު ގައިމައްޗަށް އަނެކަކު ހުރަސްވާގޮތަށް ވެސް ނިދައެވެ.

މިއަދު ސަރުކާރުން އޭގެ ތެރެއިން ބައެއް މީހުން ބައިތިއްބާފައިވާ ތަންތަނަކީ ޔަގީނުންވެސް އެމީހުން އުޅެފައި ހުރި ތަންތަނާ އަޅާ ބަލާއިރު ހާސްބައި ފެންވަރު ރަނގަޅު، ހުދު އެމީހުންނަށް އަރާމުގައި ނިދާލެވޭނެ ފެންވަރުގެ ތަންތަނެވެ. ކޮންމެ މީހަކަށް އެނދެއް އެބަހުއްޓެވެ. ކޮންމެ މީހެއްގެ ބޮލާއި ދިމާލަށް އާއްމުކޮށް ދިވެހިން ކިޔާ އުޅޭ "އެނބުރޭ" ފަންކާއާއި ހޮޅިބުރިވެސް އެބަ ހުއްޓެވެ. ވައި ވަދެ ނުމުކެ ވާނެ ގޮތް ތަނުގެ ތެރޭގައި އެބަ ހުއްޓެވެ.

ގައުމު އޮތީ މިހާރު މިއޮތީ ކިރިޔަ ކިރިޔާއެވެ. މިއަދުވެސް އަޑު އިވުނީ ނުކުރާނެ ކަމަށް ބުނި އެތައް ކަމެއް ކުރަން ސަރުކާރަށް މަޖުބޫރުވެގެން ދިޔަ ވާހަތަކެވެ. ވަކި ވަރަކަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ޖެހުނީއެވެ. އެއީ ސަރުކާރެއް ނުވަތަ ދައުލަތެއް ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު ދައުލަތަށް އެނޫން ގޮތެއް ނެތެވެ.

ރޭން ސުރެން ފެށިގެން ކިޔުގައި ތިބި ބިދޭސީން / ފޮޓޯ: ސޯޝަލްމީޑިއާ

އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް އެ ބިދޭސީން ކިތައް އަހަރު އަހަރެމެންގެ ތެރެއިން ދިވެހިން ގެންގުޅެފި ތޯއެވެ. ބިދޭސީންގެ ގެ އެޖެންޓުންނާއި، ރާއްޖެ އެތެރވާ ބިދޭސީ މީހާގެ އަތުން ބޮޑު ލާރި ނަގައިގެން މުއްސަނދިވީ ކިތައް މީހުން އެބަތިބި ތޯއެވެ. އިމިގްރޭޝަންގެ ތެރޭގައި ކޮރަޕްޝަން އޮތީ އޭރު އެތާ އެންމެ މަތިން ތިރިއަށް މޫލާފައެވެ. އެކިފެންވަރުގައި ވަޒީފާއަދާކުރި މީހުން، ތިން ހަތަރު ރެސްޓޯރަންޓާއި، އޮޑިދޯނިފަރަހާ، ސްޕީޑް ލޯންޗު އެބަ ގެންގުޅެއެވެ. ނަމަވެސް "ޗުއްޕު" ވެސް ބުނެލަން ކެރުނު މީހަކު އެބަހުރި ހެއްޔެވެ. އެހެން ކަމުން ސަރުކާރުން ބިދޭސީން ބޭތިއްބުމަށް އެފަދަ ތަނެއް ގާއިމް ކުރީތީ ޝުކުރު ކުރުން ކީއްތޯއެވެ.