މިއަދު 24 މީހަކު ޕޮޒިޓިވް ވެ ޖުމްލަ 642 އަށް އަރައިފިއެވެ.

ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަޑޭޝްގެ 20 މީހަކާއި އިންޑިއާ މީހަކާއި 3 ދިވެހިންނެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ "ވަލްނަރަބަލް ހޯމްސް" ނުވަތަ ދިރިއުޅުމުގެ ހާލަތު ދަށް ތަންތަނުން ނެގި ސާމްޕަލް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވާ މީހުންގެ ޖުމްލަ އަކީ 642 އެވެ. އެއީ މިވަގުތު ބަލި މީހުންގެ ގޮތުގައި 622 މީހުން އެބަތިއްބެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ދެމީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މަރުވި ބަންގްލަދޭޝް މީހާ ބައްޔަށް ޕޮޒިޓިވް ކަން އެނގިފައި ވަނީ ފިޓު ޖެހި ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް އޭނާގެ ޓެސްޓު ހެދުމުންނެވެ. އަދި އޭނާ މަރުވީ ސިކުނޑިއަށް ލޭ އަރައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.