ރާއްޖޭގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށް ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި، މާލެ ސަރަހައްދު ލޮކްޑައުންގައި އޮތް މި ހާލަތުގައި މިއަދު ފެމިލީ ކޯޓުން ކައިވެނި ކޮށްދީފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރި ކޮށެވެ.

ކަައިވެނި ކުރި ދެމީހުންނާއި ހެކިވެރިންގެ އިތުރުން ވަލީވެރިޔާ ވެސް ވީޑިއޯ ކޮންފަރެންސްއިން ގުޅާލައިގެން މިއަދު ކުރި ކައިވެންޏަކީ ރުޖޫއަ ކައިވެންޏެކެވެ. މި ކައިވެނި ކޮށްދީފައި ވަނީ މިއަދު ހަވީރުއެވެ.

މިއަދު އޮތް ކައިވެނީގެ މަޖިލީހުގައި ކައިވެނި އަގުދުކޮށްދިނުމުގެ އުސޫލުގައިވާ ގޮތުން، ކޯޓުން ދޭ އިގުރާރެއްގައި ކައިވެނިވެވޭ ދެ ފަރާތުންނާއި ވަލީވެރިޔާގެ އިތުރުން ދެ ހެކިން ސޮއިކޮށް ވަނީ ހުށަހަޅާފައެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރަކަލުގެ ހާލަތުގައި، ވީޑިއޯ ކޮންފަރެންސްް މެދުވެރިކޮށް ކައިވެނި ކޮށްދިނުމުގެ އުސޫލު އާންމުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ރާއްޖޭގައި ލޮކްޑައުންގެ މި ހާލަތުގައި ގިނަ އިދާރާތަކުގެ މަސައްކަތްތައް ވަނީ ޑިޖިޓަލް ކޮށްފައެވެ. އެގޮތުން ކޯޓު ދާއިރާތަކުގެ އެކިއެކި އޮފީސްތައްވެސް ޑިޖިޓަލްކޮށް ގުޅާލައި ވީޑިއޯގެ ޒަރީއާއިން މައްސަލަތައް ބެލުންފަދަ ކަންކަމަށް އަންނަނީ މަގުފަހި ކުރަމުންނެވެ.