ރާއްޖެއިން ކޮވިޑް19 އަށް އިތުރު 86 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝް އަށް ނިސްބަތްވާ 67 މީހަކު ޕޮޒިޓިވް ވި އިރިު މިއަދު ޕޮޒިޓިވް ވި ދިވެހިންގެ އަދަދަކީ 14 އެވެ. އިންޑިއާގެ ތިން މީހަކު ޕޮޒިޓިވް ވި އިރު ލަންކާ މީހަކާއި ނޭޕާލް މީހަކުވެސް ވަނީ މިއަދު ޕޮޒިޓިވްވެފައެވެ.

މިއާ އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 734 އަށް ވަނީ އަރާފައެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.