ދީދީގެ ހާލު ބަޔާންކޮށްދީ ނިމުން އިރު އޭނާއަށް ރޮވިއްޖެއެވެ. ނާއުންމީދުވެފައިވާ ދީދީގެ ކޮނޑުގައި ތައްކާނު ހިފާލަމުން އޭނާ އިޝާރާތްކޮށްލީ އޭނާގެ ގޭގައި ތިބި ހާދިމުންނަށެވެ. "ފިކުރީ ހޯދަނނުކުމޭ. ތުނޑީކޮޅުން ފެށިގެން ވަލުތެރެއާ އެކީ ނުބަލާ އެންމެ ތަނެއްވެސް އޮވެގެން ނުވާނެ. ފިކުރީއަކީ ހަމަ އަފިރިންގެ ދަރިއެއް ކަހަލަ ކުއްޖެއް. ކޮބާ އަވަސްކުރޭ..."

ރަށުގައި އެވަގުތު ތިބި ހުރިހާ ފިރިހެނުން ތައްކާނުގެ އަމުރާ އެއްގޮތަށް އިއްތޯބެއާގޭ ދީދީގެ ފިކުރީ ހޯދާން އަވަސްވެގަތެވެ.

*** *** *** *** *** ***

ރަށުގެ ފުއްޓަރު ފަރާތު ގޮނޑުދޮށުގައި ހުރި ޖޯލިފަތީގައި އައްބާސް އިނީ އޭނާ ކުރަމުން ދިޔަ މަސައްކަތަށް ސަމާލުކަން ދީގެންނެވެ. ބޮނބި ނަރު އޮށީތެރެއަށް ލައްވައިގެން އެ ނަރުގައި އޭނާ މަޅިއެއް ޖަހާލިއެވެ. ފުއްޓަރު ފަރާތަށް ފޭބި ހަސަންކޮއެއަށް އައްބާސް ފެނުމުން އެދިމާއަށް އޭނާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. މަޅިފަތި ހަދަން އިން އައްބާސް އިސް އުފުލާ ބަލާލީ އޭނާގެ މަގަތުގައި ހުރި ޖޯލިގައި ހަސަންކޮއެ އިށީނުމުންނެވެ.

"އަފިރިން ހިތަށް އެރިއޭ މީނަ ނުފެނިގެން ހޯދަންޏާ ފެންނާނީ މިތަނުންނޭ... އަދިވެސް ދޫންޏެއް ހިފޭ ގޮތް ނުވޭތަ؟ މިގަޑީ ކޮން ދޫންޏެއް ހިފޭނީ ހިނގާ ދެން ގެއަށް ދަމާ.." އައްބާސް ޖަހަމުންދިޔަ މަޅިފައްޗަށް ބަލަހައްޓައިގެން އިން ހަސަންކޮއެ ވާހަކަ ދެއްކިއެވެ.

ހަސަންކޮއެ ދެއްކި ވާހަކައަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ އައްބާސް ކުރަމުންދިޔަ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ހަސަންކޮއެއަކީ މާ ދޫނި ހިފަން ފޯރި ހުންނަ މީހެއް ނޫނެވެ. އެހެންވީމަ މިކަން ކުރާ ހިތުން އެޅޭ މީހަކު އުޅޭނެގޮތެއް އޭނާއަށް ނޭނގިދާނެ ކަމަށް އައްބާސް ދަނެއެވެ. ހަސަންކޮއެއާ ބަހުސް ކުރަން ފަށައިފިއްޔާވެސް މާ މޮޅުތަކެއް ނުވާނެކަން އިނގޭތީ އައްބާސް ގަސްތު ކުރީ ދޫނި ހިފުމާ ބެހޭ ގޮތުން މާ ބޮޑު ވާހަކައެއް ނުދައްކާ ހިމޭނުން އިނދެވޭތޯއެވެ.

"އަދިވެސް ފިކުރީ ނުފެނޭ... އަފިރިން ހިތަށް އަރާ އެޔަށް އެވީ ކީއްބާ އޭ.. އަނެއްކާ އެއީ ދޫނި ހިފަން އައިސްގެން ވީ ކަމެއް ނޫންބާއޭ..." އެތަނުން ދާން ބޭނުންވެފައި އިން ހަސަންކޮއެ ޖޯލިން ތެދުވަމުން އޭނާ އަނދެގެން ހުރި މުންޑުގަނޑު ރަނގަޅު ކޮށްލިއެވެ. ހަސަންކޮއެ އެތަނުން ދާން ހިނގައިގަތުމުން އެދިމާއަށް ބަލަން އައްބާސް އިނީ ފިކުރު ބޮޑުވެފައެވެ.

މަޅިފަތި ތައްޔާޜުކޮށް ނުމުނުން ތުނޑީ ކޮޅުގައި އޭނާ މަޅިފަތި ޖަހަން ތައްޔާރުކޮށްފައިވާ ދިމާއަށް ގޮސް އެ އޮށީގެ ބައެއް ފަސްލާ ވަޅުލިއެވެ. އަދި އެއްފަރާތެއްގައި ފަންގަނޑެއް ދަމާ ގެނެސް ބޭއްވުމަށްފަހު އޭނާގެ ދެއަތް ފޮޅާލައި، ޖޯލީގައި ހަމަޖެހިލައިގެން އިށީނެވެ. މަޅިފަތި ޖަހާފައި އައި ދިމާއަށް ބަލަން އިން އިރު އޭނާގެ ލޯމައްޗަށް ސިފަވެގެން ދިޔައީ ފިކުރީއާއެކީ އެންމެ ފަހުން ދޫނި ހިފަން ތުނޑީކޮޅަށް އައި ދުވަހެވެ.

އެއީ މީގެ ދުވަސްތަކެއް ކުރިއެވެ. ފިކުރީ ގެއްލުނު ދުވަހުގެ ކުރީ ދުވަހެވެ.

ދެމީހުންނަށް އެކުއެކީ ކަހަލަ ގޮތަކަށް މަޅިފަތީގައި ޖެހިފައިވާ ދޫނި ފެނި އެ ދިމާއަށް ދުއްވައިގަނެވުނެވެ. މަޅީގައި ޖެހިފައި އިނީ ފިނދަނައެކެވެ. ދޫނީ ހިފީ ފިކުރީއެވެ. އަދި އެ ދޫންޏަށް ބަލަން ހުރުމަށް އޭނާ ހިފަން ބޭނުންވަނީ ރަތަފައެއް ކަމަށް ބުނެ ވަލުތެރޭއާ ދިމާއަށް ފިކުރީ ހިނގައިގަތީ އައްބާސްގެ އަތަށް ފިނދަނަ ހަވާލުކޮށްފައެވެ.

އައްބާސް ޖެހިލުންވާ ގޮތްވީ އިރުއޮއްސުމުގެ ދަޅަ ދައްކަން ފެށުމުންނެވެ. އުޑުމަތިން ރަތްވިލާތައް ފެންނަން ފަށައިފިއެވެ. ރޭވުމުން އެމީހުންނަކީ ގެއިން ބޭރަށް ނުކުމެ އުޅޭ ބައެއް ނޫނެވެ. އެހެންކަމުން ގެއަށް މިހާރު ދާން ހިންގައިގަނެގެން ނޫނީ އިރުއޮއްސުމުގެ ކުރިން ގެއަށް ނުވަދެވޭނެ ކަން އައްބާސަށް އެނގުނެވެ. ފިކުރީއަށް ގޮވާލަމުން އެމީހުން ދޫނި ހިފަން ގެނައި ސާމާނުތައް ބަހައްޓާފައި ހުރި ޖޯލިފައްޗާ ދިމާއަށް އައްބާސް ދުއްވައިގަތެވެ.

*** *** *** *** *** ***

ފިކުރީ ގެއްލިގެން ހޯދަން ފެށުމާއެކީ މުޅި ރަށުތެރޭ އެންމެންނަށް ވަނީ ބިރުވެރިކަމެއް ވެރިވެފައެވެ. އޭނާ ގެއްލިގެން ހޯދަން ފެށުމުން އެކަމާ ހިތާމަ ކުރަމުން ދިޔައީ އެ އާއިލާ އެކަންޏެއް ނޫނެވެ. ކުޑަ އާބާދީއެއް އޮތް އެ ރަށުގެ ހުރިހާ އާއިލާތައް ވަނީ ގުޅިފައެވެ. ހައްތަހާވެސް ތިބޭނީ ތިމާގެ މީހުންނެވެ. އެހެންކަމުން ފިކުރީ ގެއްލިގެން ދިއުމަކީ މުޅި ރަށަށް ލިބުނު ފުން ހިތާމައެކެވެ.

މަޑިސީލަ ހިފައިގެން އުނދޯއްޔަށް އަރާ އިން ތައްކާނުގެ މޫނުމަތިން ފެންނަމުން ދިޔައީ އަބުއިކަމެވެ. މަޑުމަޑުން ބިންމަތީގައި ފައިވިއްދާ އުނދޯލި ހެއްލަމުން ދިޔައިރު އޭނާގެ ހިޔާލާއި ފިކުރު ވަނީ މާ ދުރު ހިސާބެއްގައެވެ. އެ ހިޔާލުތައް އެއްފަރާތްކޮށްލުމަށްފަހު ތައްކާނު ނޭފަތް ދަމާލާ މޫނުމަތީގައި އަތްހާކާލަމުން ހަމަޖެހެން މަސައްކަތް ކުރީ ގޭތެއަށް ވަދެގެން އައި ކާސިމު ގޮވާލި އަޑު ކަންފަތުގައި ޖެހުމުންނެވެ.

އެކަނިމާ އެކަނި ކާސިމް އެ ގެއަށް އައުމުން ތައްކާނު އިތުރަށް އަރިވެލާފައި އޭނާގެ ފަހަތުން އިތުރު މީހަކު އައިތޯ ބަލާލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދީދީގެ ހާލު ކިހިނެއްތޯ ބަލަން ތައްކާނު ސުވާލުކޮށްލީ މިއަދު ދީދީ އަދި އޭނާގެ ލޮލަށް ނުފެންނާތީއެވެ.

ކާސިމާއި ތައްކާނު އަދި ދީދީ އަކީ ގާތް ރަހުމަތްތެރިންނެވެ. އެ ތިން މީހުން އެކުއެކީގައި ބޮޑެވެގެން އައި އިރު އެ ތިން މީހުންގެ ދެމެދުގައި ދެބަސްވާންޖެހޭ ވަރުގެ އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ.

ތައްކާނަށް ވެފައި އިން ގޮތް ފެނުމުން ކާސިމަށް އުނދަގޫތަކެއް ކޮށްފިއެވެ. މަޑު ހިންގުމެއްގައި އައިސް ތައްކާނުގެ މަގަތުގައި އޭނާ އިށީނެވެ. އަދި ފުންނޭވާއެއް އެތެރެކޮށްލަމުން ހަމަޖެހެން މަސައްކަތް ކޮށްލިއެވެ. "އެކަހަލަ ގޮތެއް. އެ ސޮރު ފެނޭތޯ ލައްކަ ތަންތަން ހޯދިއްޖެ. ރަށު ފުއްޓަރު ފަރާތުން ބޭރުވެސް. ނުވިތާކަށް ކައިރީ ހުރި ފަޅު ރަށްރަށް ވެސް... ފިކުރީއެއް ދެން ނުފެންނާނެ..."

އުންމީދު ކަނޑާލަމުން ކާސިމް ކަނދުރާ ގުދުކޮށްލީ ފިކުރީ ނުފެންނާނެ ކަމަށް ގަބޫލުކޮށްފައެވެ. އަމިއްލަ ދަރިއެއް ފަދައިން ދެކުނު އެކުވެރި ދީދީގެ ދަރި ގެއްލުމުން ކާސިމާއި ތައްކާނަށް ވަނީ ފުން ހިތާމައެއް ކޮށްފައެވެ.

"ދެން ފެނާނޭ މަ ނުބުނާނަން. މަސް ދުވަސްވާން މި ދަނީ އަދިވެސް އެސޮރު ނުފެނޭ. މިއީ މީގެ ކުރިން ދުވަހަކުވެސް މިރަށުގައި ވީ ކަމެއް ނޫން. ރަށުން މީހަކު އެހެން ހުރެ ގެއްލެން ޖެހޭތަ. އެޔަގެ ހަށިގަނޑުވެސް ނުފެނުނީމަ މައްސަލައަކީ... އަފިރިން ހަމަ އަޖައިބު ވެއްޖެ" ތައްކާނުގެ ވިސްނުން ހުރިގޮތް ހާމަކުރިއެވެ. ނަމަވެސް އޭނާގެ ވާހަކަ މެދުކެނޑުނީ ގޭތެރެއަށް ވަދެގެން އައި ހަސަންކޮއެ އެމީހުންނާ އަރާ ހަމަކުރުމުންނެވެ.

ގޭގެ ފެންޑާތެރެއަށް ވަނުމުގެ ކުރިން ދޮރާށި ކައިރީ ބަހައްޓާފައި ހުރި ފެން ރުނބާގެ މަތި ނަގާ ހަސަންކޮއެ ފައި ދޮންނަން ނާށި ގަނޑަކުން ހަދާފައިވާ ކުޑަ ދާނިން ފެންފޮދެއް ދެފަޔަށް އަޅާ ދޮވެލައިފިއެވެ. އެއަށް ފަހު ކާސިމާއި އޭނާގެ ބައްޕަ ތައްކާނު ތިބި ދިމާއަށް އޭނާ ބަލާލީ ކާސިމު ކުރި ސުވާލަށް ޖަވާބު ދިނުމަށެވެ. "އައްބާސް އެބޭ އަތިރިމަތީ ދޫނި ހިފަން މަޅިފަތި ޖަހާގެން. އަފިރިން ގެއަށް ހިނގާށޯ ބުނިން. އެޔަ ނައިސް އެތާ މަޑުކުރީ..."

ހަސަންކޮއެ ގޭތެރެއަށް ވަދެގެން ދިއުމުން ކާސިމް އިސް ޖަހާލިއެވެ.

އެކުއެކީގައި އައްބާސްއާ ފިކުރީއާ ހަސަން ކޮއެ ބޮޑުވެގެން އައި ނަމަވެސް އެ ތިން މީހުންގެ ތެރެއިން އެންމެ ގާތް ގުޅުމެއް އޮންނަނީ ފިކުރީއާއި އައްބާސްއާ ދެމެދުގައެވެ. އެހެންކަމުން މިވަގުތު ފިކުރީ ގެއްލުމުން އެކަމާ އެންމެ ބޮޑު ހިތާމައެއް ކުރާނީވެސް އައްބާސް ކަން ކާސިމަށް އެނގެއެވެ.

*** *** *** *** *** ***

ދޫންޏެއްގެ ފިޔަފަތްގަނޑު ތަޅުވައިގެން އަޑަށް އައްބާސް ދިޔައީ ސިއްސައިގެންނެވެ. އަޑު އައި ދިމާއަށް އައްބާސް ބަލާލިއިރު އޭނާ މަޅިފަތި ޖެހި ދިމާލުގައި ވަނީ ދޫންޏެއް ޖެހިފައެވެ. ހިޔާލަކަށް ގެއްލިފައި އެހެން އޭނާ އިންނަތާ ވީ ކިހާ އިރެއްކަން ނޭނގެއެވެ.

މަޅިފަތީގައި ޖެހިފައިވާ ދޫނި އުދުއްސައިގަންނަ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ ސޮރުގެ ފައި ވަނީ ރަނގަޅަށް ބަނދެވިފައެވެ. ވީ އުފަލުން އައްބާސް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހައްޔަރުވެފައިވާ ދޫނި ހިފިއެވެ. އަދި އެސޮރުގެ ފައިގައި ބަނދެވިފައިވާ މަޅި ވަކިކޮށްލުމަށްފަހު އޭނާ އެ ދޫންޏަށް ރަނގަޅަށް ބަލާލިއެވެ.

އެއީ ފިކުރީ ހިފަން ބޭނުންވި ކަހަލަ ދޫންޏެކެވެ. ރަތަފައެކެވެ. އެސޮރުގެ ފަޔާއި ތުންކޮޅު ހުރީ ރަތްކުލައިގައެވެ. ފިނދަނަ ހެން މުށިކުލައިގެ ފިޔަތަކެއް ހުރި ނަމަވެސް ދިމަދިމާލުން ރަތްކުލައިގެ ފިޔަތަކެއް އެ ސޮރުގައިގައި ފަޅާފައި ހުއްޓެވެ. އެއީ ފިކުރީ ބުނިހެން ވަރަށް ރީތި ތަފާތު ދޫންޏެކެވެ.

ކުއްލިއަކަށް މޫސުން ގޯސްވެ ވައިގަދަވާން ފަށައިފިއެވެ. ކަޅުވިލާތަކުން އުޑުމަތި ބަނަކޮށްލައިފިއެވެ. ވައިގަދަވާން ފެށުމުން މުންޑުގަނޑުގައި ރަނގަޅަށް ހިފަހައްޓަމުން އައްބާސް އުޑުމައްޗަށް ބަލާލިއެވެ. މުޅި ދުނިޔެމަތި ވަނީ ކަޅު ވިލާތަކުން ބަނަކޮށްލާފައެވެ. އޭނާ ހިފައިގެން އިން ދޫނި އޭރުވެސް އަތުތެރޭގައި އިނެވެ. އެ ސޮރު އަޑެއް ލައްވާލުމުން އައްބާސް އެ ދޫންޏާ ދިމާއަށް ބަލާލިއެވެ.

އެވަގުތު އެސޮރުގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔަތަން އައްބާސަށް ފެނުނެވެ. ހަމައެއާއެކު އެސޮރުގެ ލޮލުން ރަތްކުލައިގެ ކަރުނަ ފޭދިގެން ފައިބަމުން ދިޔަ ތަން ފެނި އައްބާސްގެ ދެލޯ ބޮޑުވިއެވެ. ވިސްނާނުލާ ހުއްޓާ އެ ދޫނި އައްބާސްގެ އަތުގައި ކޮށައިގެންފިއެވެ. ވީތަދުން އައްބާސްގެ އަތުން އެ ދޫނި ވީއްލިގެން އުދުއްސައިގެންފިއެވެ. އުދުހިފައި އެ ދޫނި މިސްރާބު ޖެހީ ވަލުތެރެއާ ދިމާއަށެވެ. ކުރިއަށް ދާން ފިޔަވަޅެއް އަޅާފައިވެސް އައްބާސްގެ ފިޔަވަޅު މަޑުޖެހުނީ ފިކުރީ އެ ދުވަހު ވަލަށް ވަތް ހަނދާން ވުމުންނެވެ.

ހިތުގައި އަށަގެން ބިރުވެރިކަމާއެކު އައްބާސް މަޑުމަޑުން ފަހަަތަށް ފިޔަވަޅު އަޅާލިއެވެ.

(ނުނިމޭ)