ފުލުހުންނަށް އިންޒާރުދިން މައްސަލައެއްގައި އދ. ފެންފުށިން ހަތް މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ރޭ 23:30 އެހާއިރު ހަތް މީހުންގެ ގްރޫޕަކުން ފުލުހުންނަށް އިންޒާރުދީ ފުލުހުންގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ބިރު ދެއްކި މައްސަލައެއްގައި ރޭ ހަތް މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި 26 އަހަރާއި 34 އަހަރާއި 37 އަހަރާއި 32 އަހަރާއި 31 އަހަރާއި 22 އަހަރާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ފެންފދުށީގައި މަސްތުވާތަކެތި ބޭނުން ކުރާ ބަޔަކު މަގުމަތިން ހުއްޓުވާ ޗެކު ކުރުން ގިނަވުމާއި މާލެ ނުވަތަ އެހެން ރަށަކުން ފެންފުއްޓަށް އަންނަ ފޮށިގަނޑުތަކުގެ ތެރޭގައި އެމީހުންނަށް ނިސްބަތްވާ ތަކެތި މާ ގިނައިން ޗެކު ކުރާ ކަމަށްބުނެ އެކަމާ ހިތްހަމަ ނުޖެހިގެން އެރަށު ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ބިރު ދައްކާ މުދަލަށް [ޕޮލިސް ސްޓޭޝަން ދޮރު ހަލާކު ކޮށްލުން] ގެއްލުން ދިނުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހަތް މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު އދ. އޮމަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިއުމުން ދެ މީހަކަށް ފަސް ދުވަސް ޖަހާފައިވާ ކަމަށާއި އަދި ބާކީ ތިބި ފަސް މީހުންނަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.