ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތައް ހުޅުމާލޭ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން ހިދުމަތް ދެމުން ގެންދިޔަ އެމަޖެންސީ ރޫމް (އީއާރް)ގެ ހިދުމަތްތައް މިރޭ 11:30 އިން ފެށިގެން މެދުކަނޑާލެވޭނެ ކަމަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުން ހިދުމަތް ހޯދަމުން ގެންދާ އަދި ހިދުމަތް ބޭނުންވާ ފަރާތްތަކަށް، ވަގުތީ އެމަޖެންސީ ކްލިނިކްގެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ސެންޓަރު އިމާރާތުން މާދަމައިން ފެށިގެން ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އައުޓް-ޕޭޝަންޓް ކޮންސަލްޓޭޝަންގެ ހިދުމަތް ފޯރުކޮށްދޭނީ އެ ހޮސްޕިޓަލުގެ އީއާރް ކްލިނިކް އަދި ޓެލެމޭޑިސިން އެޕޮއިންޓްމަންޓްސް މެދުވެރިކޮށް ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ އީ.އާރް ކްލިނިކްގެ ހުދުމަތް ހޯއްދެވުމަށް 3351610 އަށް، އަދި އެންބިއުލެންސްގެ ހިދުމަތް ހޯދުމަށް 1610އަށް ގުޅޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ. މީގެ އިތުރުން އިތުރު މައުލޫމާތު ސާފުކުރުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އީއާރް ކްލިނިކުން މި ރަމަޟާންމަހު، ހިދުމަތް ލިބޭނީ ހެނދުނު 0930އިން ހަވީރު 3:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކަމަށް އެ ހޮސްޕިޓަލިން ބުނެއެވެ. އަދި އެ ހޮސްޕިޓަލްގައި ކޮވިޑް19އަށް ފަރުވާދެވޭ ހުރިހާ ބަލިމީހުން ދޫކޮށްލެވި ހޮސްޕިޓަލް އަލުން އާންމުންނަށް ހުޅުވުމަށް އަންދާޒާ ކުރެވެނީ، ކޮވިޑް-19 އަށް ފަރުވާދޭ ސެންޓަރަކަށް ބަދަލުކުރާތާ 90 ދުވަސް ފަހުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ދަނީ ދިވެހި ސަރުކާރާއި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރާއި (އެން.އީ.އޯ.ސީ) ގުޅިގެން ޤައުމީ ކޮވިޑް-19 ރެސްޕޮންސް މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ މަހު 26 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލާއި، ދިވެހި ސަރުކާރުގެ ފަރާތުން ނޭޝަނަލް ޑިސާސްޓަ މެނޭޖްމަންޓް އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އަދި މިދިޔަ އޭޕްރީލް 30 ވަނަ ދުވަހު، ނޭޝަނަލް ޑިސާސްޓަ މެނޭޖްމަންޓް އޮތޯރިޓީގެ އެންގުމުގެ މަތިން، މާދަމައިން ފެށިގެން، ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާދެވޭނީ ހަމައެކަނި އައިޖީއެމްއެޗްއިން ކޮވިޑް19އަށް ފަރުވާދިނުމަށްޓަކައި ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރެވޭ ބަލިމީހުންނަށެވެ. މި ނިންމުމާ ގުޅިގެން، ޓްރީޓޮޕް ހޮސްޕިޓަލުން ކުރިން ފަރުވާ ހޯދަމުން ގެންދިޔަ ފަރާތްތައް އައިޖީއެމްއެޗަށް ބަދަލުކުރެވި ފަރުވާދިނިމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.