ކޮވިޑާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ދޭން ހަމަ ޖެއްސި އެހީގެ ބައެއް ސާމާނު މިއަދު ރާއްޖެ ގެނެސްފިއެވެ. މިއަދު ރާއްޖެ ގެނައި ތަކެތީގެ ތެރޭގައި ޗައިނާ ސަރުކާރާއި އަމިއްލަ ބައެއް ފަރާތްތަކުން ހަދިޔާ ކުރި ތަކެތި ހިމެނޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަދު ރާއްޖެ އައި ޗައިނާގެ ފްލައިޓުގައި ގެނައި ބައެއް ތަކެތި؛
- 10 ވެންޓިލޭޓަރު
- ޑިސްޕޯސަބުލް ޕްރޮޓެކްޓިވް މާސްކް (20،9080)
- އެން 95 ޕްރޮޓެކްޓިވް 11،500 މާސްކް
- ކޭއެން 95 ޕްރޮޓެކްޓިވް 20،000 މާސްކް
- އިންފްރާރެޑް ތާމޯމީޓަރު (50)
- ގޮގުލް (500)
- ފަރުވާދޭ 20 އެނދު
- ޓެސްޓިން ކިޓް 10،000)
ޗައިނާއިން ރާއްޖެއަށް މިއަދު ގެނައި އެހީއާ ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިންސާނީ އަދި އިގުތިސާދީ ގޮންޖެހުމުގައި އެކުވެރި ޗައިނާ އިން ވެދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޗައިނާގެ ރައީސް ޝީޖިންޕިން އާއި ފޮރިން މިނިސްޓަރު ވާންޔީ ރާއްޖޭގެ ހާލަތު ދެނެވަޑައިގެން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ ކަމަށް ވެސް ބަޔާނުގައި ޝާހިދު ވިދާޅުވެފައި ވެއެވެ.
ރާއްޖެ އަށް އެހީވި ޗައިނާގެ އަމިއްލަ ކުންފުނިތައް:
- އަލީ ބާބާ ފައުންޑޭޝަން/ ޖެކް މާ ފައުންޑޭޝަން
- ޗައިނާ މާޝަންޓްސް ޕޯޓް ގްރޫޕް ކޯ ލިމިޓެޑް
- ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން
- ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޯ ލިމިޓެޑް
- ޑޮންފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން
- ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް
- ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ
- ސެކަންޑް އިންޖިނިއަރިން ކޯ ލިމިޓެޑް
- ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް
ދިވެހި ސަރުކާރުން ކޮވިޑް19 އިން އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތަށް ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ ކުންފުނިތަކުން ވެސް އެހީތެރި ވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން, މިދިޔަ މަހު ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރު ކޮށްފައި ވާ 5000 ފޭސް މާސްކު ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އަދި މީގެ އިތުރުން މިއަދުގެ ފްލައިޓް ޗާޓަރު ކުރުމަށް ޗައިނާ އެމްބަސީއާއި ގުޅިގެން ސީއެމްއީސީ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ހަމަ އެއާއެކު ސަރުކާރުން ގާއިމުކުރާ އެމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިން އާރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުން ދަނީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން ކަންވެސް ފާހަގަ ކޮށްފައި ވެއެވެ.