ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް މޫވްމަންޓް ކޮންޓްރޯލް އޯޑަރެއް ތަންފީޒު ކުރަމުންދާ މެލޭޝިއާގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ އެތައް ސަތޭކަ ރެފިއުޖީންނަކާ ހިޖުރަވެރިންތަކެއް ހައްޔަރުކޮށްފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.
ގިނަ އަދަދެއްގެ ހިޖުރަވެރިންތަކެއް މެލޭޝިއާގައި ދިރިއުޅެމުންދާއިރު އެގައުމުގައި ބަލިމަޑުކަން ފެތުރެމުންދަނީ އެފަދަ އާބާދީތަކުގެ ސަބަބުން ކަމަށާ، ސަރުކާރުގެ ވަސީލަތްތަކަށްވެސް އެކަމުގެ ސަބަބުން ބުރަ ބޮޑުވެފައިވާކަމަށް ބުނެ މެލޭޝިއާގެ ރައްޔިތުންގެ މެދުގައި ވަނީ ރުޅިވެރިކަމުގެ އޮއެވަރެއްވެސް ފެށިފައެވެ.
މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުގައި ދަފުތަރުކޮށްގެން އެގައުމުގައި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި ދިރިއުޅެމުންދަނީ ގާތްގަނޑަކަށް 2 މިލިއަނެއްހާ މީހުންނެވެ. ނަމަވެސް ސައްހަ ލިޔެކިއުންތަކާ ނުލާ ގިނަ އަދަދެއްގެ ބަޔަކު އެ ގައުމުގައި ދިރިއުޅެމުންދާކަމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުންވެސް ގަބޫލުކުރެއެވެ.
މެލޭޝިއާއަކީ ރެފިއުޖީން ބަލައިގަންނަ ގައުމެއް ނޫނެވެ. މެލޭޝިއާއިން ގަބޫލުކުރާ ގޮތުގައި ރެފިއުޖީންނަކީ، ސައްހަ ލިޔެކިއުންތަކާ ނުލާ، ގަވައިދާ ހިލާފަށް އެގައުމުގައި ދިރިއުޅެމުންދާ ބައެކެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހިއުމަން ރައިޓްސް ވޮޗް (އެޗް.އާރް.ޑަބްލިއު) އާ އޭޝިއާ ޕެސިފިކް ރެފިއުޖީ ރައިޓްސް ނެޓްވާކް (އޭޕީއާރްއާރްއެން) އިން ބުނާ ގޮތުގައި މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހިޖުރަވެރިންގެ އަދަދު 700އަށްވުރެ މައްޗަށް އަރައެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް ބުނެވެއެވެ.
އޭޕީއާރްއާރްއެންގެ ރޯހިންޏާ ވާކިންގް ގުރޫޕްގެ ޗެއާމަން ލިލިއަން ފޭން ވިދާޅުވީ، ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ފަރާތްތައް ހައްޔަރު ނުކުރާނެ ކަމަށް މެލޭޝިއާގެ ސަރުކާރުން މީގެ ކުރިން ބުނި ބުނުން ބަދަލުކޮށްފައިވާކަމަށާ، ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އުމުރުން އެންމެ 1 އަހަރުގެ ކުދިންވެސް ހިމެނޭ ކަމަށެވެ.
މިއީ ކޮވިޑް-19އަށް ކުރުމަށް މީހުން އަމިއްލައަށް އިސްނަގައިގެން ކުރިއަށް ނިކުންނަން ހިތްވަރު ދޭންވީ ވަގުތު ކަމަށާ، ނަމަވެސް މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ބިރުވެރިކަން އުފެދޭ ކަމަށް ވިދާޅުވެ، ލިލިއަންވަނީ މިކަމުން ސަލާމަތާ ރައްކާތެރިކަން ކަށަވަރުވޭތޯ ސުވާލު އުފައްދަވާފައެވެ.
ގަވައިދާ ހިލާފަށް މެލޭޝިއާގައި ދިރިއުޅެމުންދިޔަ މީހުން ހައްޔަރުކުރަމުންދިޔަ މަންޒަރުތައް ސޯޝަލް މީޑިއާގައިވެސް ވަނީ ދައުރުވެފައެވެ. ކަމާބެހޭ ފަރާތްތަކުން ސަލާމަތާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ހަރަކާތްޔެރިވި ނަމަވެސް، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ފެންނަނީ ހަމައެކަނި މާސްކެއް އަޅާފައިވާތީ ކަމަށް ޚަބަރު ލިބެއެވެ.
ގަވައިދާ ހިލާފަށް އުޅޭ މީހުން ވެހިކަލްތަކަށް ފުރެންދެން އަރުވައިގެން ގެންގޮސްފައިވަނީ މިފަދަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޑިޓެންޝަން ސެންޓަރުތަކަށް ކަމަށާ، އެއީވެސް ތޮއްޖެހިފައިވާ ތަންތަންކަމަށް މައުލޫމާތު ލިބެއެވެ.
ރެފިއުޖީންނާ ބެހޭ އދގެ ހައިކޮމިޝަނަރު ވިދާޅުވީ، ނިސްބަތުން މަދު އަދަދެއްގެ ބައެއްގެ އައިޑެންޓިފިކޭޝަން މަސައްކަތް ކުރުމުގެ ކަންކަން ކުރިއަށްދާކަމަށް އަންގާފައިވާކަމަށެވެ.
ހިޖުރަވެރި މަސައްކަތްތެރިންނަކީ މިއަދު މުޅި ދުނިޔެއަށް ބަލާއިރުވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ނާޒުކު ހާލުގައި ތިބި މީހުންނެވެ.