ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް އެގައުމުގައި ތަންފީޒު ކުރަމުންދާ ބައެއް ފިޔަވަޅުތަކަށް ދޫދެއްވާނެކަން، މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން މިއަދު އިއުލާން ކުރައްވައިފިއެވެ.
ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް މީގެ 6 ވަރަކަށް ހަފުތާ ކުރީއްސުރެ ފެށިގެން މެލޭޝިއާގައި ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދެއްވާނެކަން އިއުލާން ކުރައްވަމުން ބޮޑުވަޒީރު މުހްޔިއްދީން ވިދާޅުވީ، އެގައުމުގައި އޮޕަރޭޓްކުރާ ގިނަ ވިޔަފާރިތައް، މިމަހުގެ 4 ވަނަ ދުވަހުން ފަށައިގެން އަލުން ހުޅުވުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.
މުހްޔިއްދީން އިތުރަށް ވިދާޅުވީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ވި ގުރުބާނީ ތަކަކީ ބޭކާރުވެގެންދާނެ ގުރުބާނީއެއް ނޫން ކަމަށާ، މެލޭޝިއާގައި ބަލިމަޑުކަން ފެތުރިގެން ދިއުން ވަރަށް ބޮޑަށް މަޑުޖެހި، ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.
ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ މާޗް 18 ވަނަ ދުވަހުން ފެށިގެން މެލޭޝިއާގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާއިރު، ބަލިމަޑުކަން އެންމެ ބޮޑުވި ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ވަކިން ވަރުގަދައެވެ. މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން މެލޭޝިއާއަށް ލިބުނު ގެއްލުމުގެ އަގު 63 ބިލިއަން ރިންގިޓް ނުވަތަ ގާތްގަނޑަކަށް 14.7 ބިލިއަން ޑޮލަރަށް އަރާ ކަމަށްވެސް މުހްޔިއްދީން ވަނީ ވިދާޅުވެފައެވެ.
ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ދޫދޭން ނިންމި ކަމުގައި ވީ ނަމަވެސް، ކޮންމެހެން މަޖުބޫރުވެގެން މެނުވީ ސްޓޭޓްތަކުގެ މެދުގައި ދަތުރުފަތުރުކޮށް އުޅުމުގެ ހުއްދަ އަދިވެސް ދެވެން ނެތްކަން ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަމަޟާން މަސް ނިންމާ، އީދު ބަންދަށް މުސްލިމު އާއިލާތައް އެއްތަންވުމަށް ކުރާ ދަތުރުތަކަށް ފުރުސަތު ދެވެން ނެތްކަންވެސް މެލޭޝިއާއިންވަނީ ހާމަކޮށްފައެވެ.
މެލޭޝިއާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6002 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި މިވަގުތު 1729 ކޭހެއް ރެކޯޑްކޮށްފައިވާއިރު ކުރިޓިކަލް/ސީރިއަސް ހާލުގައި އޮތީ 40 މީހުން ކަމަށް މައުލޫމާތު ލިބެއެވެ. ރެކޯޑްތަކަށް ބަލާއިރު ކޮވިޑް-19ގައި މެލޭޝިއާއިން 102 މީހަކު ވަނީ މަރުވެފައެވެ.