އައިސީޔޫގައި 6 މީހުން އެބަތިބި ކަމަށް އެންއީއޯސީން ބުނެފިއެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ފިހެނަކާއި އަންހެނެކެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އިތުރު ފަރުވާ ބޭނުންވުމުގެ ސަބަބުން 6 މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ (އައިސީޔޫ) ގައި ތިބި އިރު، އޭގެ ތެރެއިން އެކަކު އައިސީޔޫއަށް ލާފައިވަނީ މިއަދެވެ. މީގެ ކުރިން އައިސީޔޫގައި 5 މީހަކު ތިބި ކަމަށް ރޭ މެންދަމު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސެއިން ވަނީ ވިދާޅުވެފައެވެ.

މިހާރު އައިސީޔޫގައި ތިބި ފަރާތްތަކުގެ ތެރެއިން 5 މީހަކީ ދިވެހިން ކަމަށްވާއިރު، އަނެއް މީހާއަކީ ޕާކިސްތާނު ރައްޔިތެކެވެ. އަދި އައިސީޔޫގައި ތިބި މީހުންގެ ތެރެއިން 5 މީހުންނަކީ ފިރިހެނުން ކަމަށް ޑޮކްޓަރުން މައުލޫމާތު ދެެއްވާއިރު، އެކަކީ އަންހެނެކެވެ.

މި މީހުންގެ ހާލަތާ ބެހޭގޮތުން 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިހާރު އޮކްސިޖަން ބޭނުންވަނީ ދެ މީހަކަށް ކަމަށާއި، ދެން ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެންމެންގެ ހާލުވެސް މިވަގުތަށް ސްޓޭބަލް ކަމާށް ޑރ. އަފްޒަލް މައުލޫމާތު ދެއްވައެވެ.

ރާއްޖެއިން މިއަދު އެކަނިވެސް ކޮވިޑް19 އަށް ޖުމްލަ 107 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 396 އަށް އަރާފައެވެ. ހަމައެއާއެކު އަންނަ މަހުގެ 30ގެ ނިޔަލަށް ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.