ގަނޑުލޭކޮޅެއްގެ ސިފައިގައި މަންމަގެ ރަހިމުގައި ވީހިނދުވެސް މަންމަގެ ހިތާއި ކޮއްކޮގެ ހިތް ވީ ގުޅިލާމެހިފައެވެ. އެންމެ ފުރަތަމަ މަންމަގެ އަޑު ކޮއްކޮއަށް އިވުނީ ވަރަށް ދުރުންނެވެ. މަންމަގެ އެތެރެހަށީގައި ކޮއްކޮ ބޮޑަވަމުން ދިޔައިރު އެތައް ތަކުލީފެއް މަންމަ ހުރަސް ކުރަމުން ދިޔައެވެ. ދުވަސް ވާވަރަކަށް މަންމަގެ އަޑު ކޮއްކޮއަށް އިވެމުންދާ މިންވަރު ގާތްވަމުން ދިޔައެވެ. މަންމައަށް އިނގޭ ހެއްޔެވެ؟ މަންމަގެ އަޑު ކަންފަތުގައި ޖެހޭ ކޮންމެ ފަހަރަކު ކޮއްކޮ ވަރަށް ޝައުޤުވެރިކަމާއެކު އަޑުއަހަން އޮންނަމެވެ. މަންމަގެ އަޑުން ހިތަށް ހަމަޖެހުން ލިބެއެވެ. މަންމައާއި އެންމެ ގާތުން އިވޭ ފިރިހެން އަޑަށްވެސް ކޮއްކޮ ދިޔައީ ހޭނެމުންނެވެ. އެއީ ކޮއްކޮގެ ބައްޕައޭ ކިތައް ދުވަހު މަންމަ ބުނީމު ހެއްޔެވެ؟ މަންމައާއި ބައްޕަ ކޮއްކޮ ދުނިޔެއަށް އަންނާނެ ދުވަހަކަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރާ ވާހަކަ ބުނެލާ ކޮންމެ ފަހަރަކު އުފަލުން ނަށާލަމެވެ.
ކޮއްކޮގެ ހިތުގެ ވިންދު ލަސްކަމަށް ޑޮކްޓަރުން ބުނި ދުވަހު މަންމަ ރުއި ރުއިން ކޮއްކޮގެ ހިތަށް ތަދުކުރިއެވެ. ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް މަންމަ ރަނގަޅު ކާނާއާއި ބޭސް ބޭނުންކޮށް ކޮއްކޮއަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައި ދިނުމަށް ދިޔައީ އެތައް މަސައްކަތެއް ކުރަމުންނެވެ. މަންމަ ކޮއްކޮ ދެކިލާހިތުން އުޅޭ ވަރަށް ވުރެ ބޮޑަށް ކޮއްކޮ ހުރީ މަންމަ ދެކިލާހިތުންނެވެ. މަންމަގެ ތިދެއަތުގެ ތެރޭގައި ބޮނޑިވެލަން އިންތިހާއަށް ބޭނުންވެފައެވެ. ލޮލަށް ނުފެންނަނީސް ވެސް މަންމަ ކޮއްކޮއަށްޓަކައި ހާދަ ޚިދުމަތެއް އެބަކުރެއެވެ. ތިއީ ޚިދުމަތުގެ ރަންތަރިއެކެވެ.
މަންމައަށް އިނގޭ ހެއްޔެވެ؟ މަންމަ އެކުވެރިންނާއި އެކު ސަކަރާތްޖަހާ ހީލާ ހަދާ ކޮންމެ ފަހަރަކު ކޮއްކޮ އޮންނަނީ ވަރަށް އުފާވެފައެވެ. މަންމައަށް ނޭނގުނަސް އެ ސަކަރާތުގައި ބައިވެރިވެ މަންމައާއެކު ކޮއްކޮ ވެސް ކުޅެ ހަދަމެވެ. މަންމަގެ ބަނޑުގައި ކޮއްކޮ ފައި ވިއްދާލުމުން މަންމަ ހީލާފައި އެދިމާގައި އަތް ޖައްސައެވެ. މަޖާވެގެން ކޮއްކޮ ފައި އެތެރެއަށް ދަމައިގަންނަމެވެ. މަންމަ އެ މަންޒަރު ބައްޕައަށް ދައްކާލަން އުޅޭ ކިތަންމެ ފަހަރަކު ކޮއްކޮ ފިލަމެވެ. އެއީ ހަމަ ލޯބިން މަންމައާއި އެކީގައި ކޮއްކޮ ޖަހާ ސަކަރާތެވެ. މަންމަގެ ހަބަރެއް ނުވެ ގިނައިރު ވުމުން މަންމަ ނިދީކަން ކޮއްކޮއަށް އިނގެއެވެ. އެވަގުތުތަކުގައި ކޮއްކޮ އޮންނަނީ ވަރަށް ބަސްއަހައިގެންނެވެ. ނިދިން ހޭލެވުމާއެކު މަންމަ ބަނޑުގައި ފިރުމާލައެވެ. މަންމަ އެގޮތަށް ކަންތައްކުރަނީ ކޮއްކޮގެ ހާލު ރަނގަޅުތޯ ބެލުމަށްކަން ކޮއްކޮއަށް އިނގެއެވެ. މަންމަ އެންމެ ފުރަތަމަވެސް ބަލަނީ އަވަހަށް ކާއެއްޗެއް ކައިގެން ކޮއްކޮގެ ބަނޑުހައި ހޫނުކަން ފިލުވާދެވޭތޯއެވެ. މަންމަ ކޮއްކޮދެކެ ތިވަނީ ހާދަހާ މާތް ލޯތްބެކެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. ކޮއްކޮ ބަނޑަށް ލައިގެން މަންމަ ކިތައް ފިޔަވަޅު އަޅައިފިން ހެއްޔެވެ؟ މަންމައަށް ހަމަ ސާބަހެވެ. ތިއީ ހިތްވަރުގަދަ ކަމުގެ ނަމޫނާއެކެވެ. އެތައް ވޭނަކަށްފަހު ދެފަރާތުން އިންތިޒާރު ކުރި ވަގުތު އައިސް ޖެހިއްޖެއެވެ. ވިހެއުމުގެ ގަދަފަދަ ވޭނާއި ދެކޮޅަށް ހަނގުރާމަކޮށް މަންމަ ކާމިޔާބު ހޯދައިފިއެވެ. ދުނިޔެއަށް ކޮއްކޮ ދެލޯ ހުޅުވީ ވަރަށް އުފަލުންނެވެ. ބަޔާންކޮށްދޭކަށް ނޭނގެއެވެ. ކުއްލިއަކަށް ކޮއްކޮގެ ނޭވާ ހާސްވެއްޖެއެވެ. ހަތަރެސްފައިވެސް ތަޅުވައިގަނެވުނެވެ. މަންމަގެ އެތެރެހަށި ކޮއްކޮއަށް މާ ރަނގަޅޭ ހިތަށް އެރިއެވެ. ދުނިޔެއަށް އައި ވަގުތު ކޮއްކޮއަށް ރޮވުނީ އެހެންވެއެވެ. ކޮއްކޮއަށް އެއްވެސް ތަނެއް ނުފެނެއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި މަންމަގެ ހިތްގައިމު ވަސް ކޮއްކޮގެ ހިތާއި ހަމައަށް ފޯރައިފިއެވެ. މަންމަގެ ދެއަތްތިލައާއި ތުންފަތް ކޮއްކޮގެ މޫނާއި އަތާއި ދެފައިގައި އެއްވެސް ހުރަހަކާއި ނުލާ ޖެހުމާއެކު ދުނިޔޭގެ ހުރިހާ އުފަލެއް ކޮއްކޮއަށް ލިބުނުހެން ހީވިއެވެ. މަންމައަށް އިނގޭ ހެއްޔެވެ؟ ކޮއްކޮއަށް އެންމެފުރަތަމަ ފެނުނީ މަންމަގެ ތި ލޯބި މޫނެވެ. ކޮއްކޮއަށް ހޭން ދަސްކުރީ މަންމަގެ މޫނަށް ބަލައިގެންނެވެ. މަންމަގެ ހޫނު ނޭވާތަކުގެ ތެރޭގައި ލޯތްބާއެކު ކޮއްކޮ ބޮޑުވަމުން ދިޔައެވެ. ކޮއްކޮ މަންމަގެ ބަނޑުގައިވީ ހިނދުވެސް ކާންދިނީ މަންމަގެ ލެއިންނެވެ. ދުނިޔެއަށް އުފަންވުމަށް ފަހުވެސް ބަނޑުހައިހޫނުކަން ފިލުވަނީ މަންމަގެ ލެއިންނެވެ. މަންމައަކީ ކޮންފަދަ މަތިވެރި ކަމަނާއެއް ހެއްޔެވެ؟ ނިމުމެއްނެތް ޝުކުރު މަންމައަށެވެ.
ކޮއްކޮ ބަނޑުހައިވިޔަސް ނިދި އަޔަސް ގުނަވަނެއްގައި ވޭނެއް އެޅިޔަސް މަންމައަށް އިނގެއެވެ. އެކަމަކު މަންމާއެވެ! ކޮއްކޮގެ ހިތުގައި ނުފިލާ ޝަކުވާއެއް އެބަވެއެވެ. އެ ޝަކުވާތައް ކޮއްކޮ ބުނުމަކާއި ނުލާ މަންމައަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟
މަންމައަށް ކޮއްކޮ އުރާލުން ބުރައަކަށް ވެއްޖެކަމުގެ އިހުސާސް ކޮއްކޮއަށް އެބަކުރެވެއެވެ. ތަންތަނަށް ދާއިރު މަންމަގެ ހަށިގަނޑާއެކު ގުޅިފައިވާ ދަބަހެއް ކަހަލަ އެއްޗެއްގެ ތެރެއަށް ކޮއްކޮ ލަނީ ކީއްވެގެން ހެއްޔެވެ؟ އެވެސް މަންމަގެ މޫނު ކޮއްކޮއަށް ނުފެންނާނެ ހެންނެވެ. އޭތި ކޮއްކޮއަށް އަރާމެއް ނޫނެވެ. ހިތްހަމައެއްވެސް ނުޖެހެއެވެ. ކޮއްކޮއަށް ބިންމަތީގައި ފިޔަވަޅު އެޅޭވަރު ވަންދެން މަންމަގެ އަތްމަތިން ނުގެންގުޅެވޭނެ ހެއްޔެވެ؟ ނުވަމަހާއި ނުވަ ދުވަހު މަންމަގެ ބަނޑުގައިވެސް އުފުލީމެއް ނޫންހެއްޔެވެ؟
މަންމާއެވެ. މިއީ ކޮއްކޮގެ ހިތުގެ ޝަކުވާއެވެ. ކޮއްކޮއަށް ކުރެވޭ އިހުސާސެވެ. އަބަދުވެސް ކޮއްކޮ ހަނދާން ކުރާނަމެވެ. މިދުނިޔެއިން ކޮއްކޮ ދެކެ އެންމެ ލޯބިވާނީ އަބަދުވެސް މަންމައެވެ. ޅަފަތުގެ ބޮޑު ބުރަ ފިލައިގެން ދިޔަސް މަންމަގެ ޚިދުމަތްތައް ދެމިހުންނާނެކަމެވެ. މަންމަގެ ލޯތްބަށް ކޮއްކޮ ޝައްކު ކުރީކަމުގައި ފަހަރެއްގައިވެސް ހީނުކުރައްޗެވެ. ހަމައެކަނި މި ފާޅުކޮށްލީ ކޮއްކޮގެ ހިތުގެ އިހުސާސްތަކެވެ. ޖަންނަތުގައި މަންމަގެ އުނގުތެރޭގައި އިނދެލުން އެއީ ކޮއްކޮ އެދޭ އެންމެބޮޑު އެދުމެވެ.