ކަރައަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ މޭވާއެއް ނޫނެވެ. މުޅި އަހަރު ދުވަހަށް ބަލާއިރު ކަރައަކީ ބަރުދަން ލުއިކުރުމުގެ ދަތުރުގައި އުޅޭ މުސާފިރުންގެ އެކުވެރިއާއެވެ. ރަމަޟާން މަހަށް ބަލާނަމަ، ކަރައަކީ ކުދިބޮޑު އެންމެންގެ ބައިވެރިޔާއެވެ.

ހަށިގަނޑާއި ސިއްހަތަށް ފައިދާ ކުރުވަނިވި ގިނަ މާއްދާތަކަކުން މުއްސަނދި ވެފައިވާ ކަރައަކީ ހިތާއި، ކިޑްނީއަށްވެސް ހެޔޮ މޭވާއެކެވެ. ހަމަ މިފަދައިން ހީޓް ސްޓްރޯކްއާ ދުރުކޮށްދެއެވެ. ފޮނި ކާތަކެއްޗަށް އެދި ހަށިގަނޑު ގޮވާ ގޮވުމާވެސް ދުރުކޮށްދޭ ހިދުމަތްތެރިއެއް ކަމުގައި ކަރާ އޮންނަނީ ވެފައެވެ.

އިންޑިއާގެ ނިއުޓްރިޝަނިސްޓެއް ކަމަށްވާ ޑރ ޝިޕްލާ އަރޯރާ ވިދާޅުވާ ގޮތުގައި ކަރައެއްގައި 94 ޕަސެންޓް ހިއްސާކުރަނީ ފެނެވެ. ކަރާގައި އެކުލެވޭ މާއްދަތަކަށް ބަލާއިރު، ފައިބަރަކީ ހަޖަމް ކުރުމުގެ ނިޒާމަށް ވެސް ލުއިކަން ގެނުވާ މާއްދާއެއްކަން ފާހަގަ ކުރަން ޖެހެއެވެ.

ކަންމިހެން އޮތް ނަމަވެސް އިރު އޮއްސި 07:00 ގެ ފަހުން ކަރާ ބޭނުން ކުރަން އެދެވިގެން ނުވާ ކަމަށް ޑރ ޝިލްޕާ އަރޯރާ ވަނީ ފާހަގަ ކުރައްވާފައެވެ. ކަރައަކީ އެސިޑިކް މޭވާއަކަށް ވާއިރު، މިކަމުގެ ސަބަބުން ކުރިމަތިލާން ޖެހޭ ނޭދެވޭ ކަންތައްތަކެއް އެބަހުއްޓެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ކަރާ ފަޅިކޮށް އަގު ޖަހާފައި / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

ރޭގަނޑު ކަރާ ނުކާންވީ ކީއްވެ؟

ސިއްހީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި ރޭގަނޑުގެ ވަގުތުތަކުގައި އުޅެންވީ ވީހާވެސް ބޮޑަށް ކަރައާ ދުރުގައެވެ. އެކަމުގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ.

ރޭގަނޑު ކަރާ ކެއުމުގެ ސަބަބުން ހަޖަމް ކުރުމުގެ ނިޒާމަށް މައްސަލަތަކެއް ކުރިމަތި ވެ، ބޮޑުކަމު ދިއުމަށް ދަތިތަކާ ކުރިމަތި ކުރުވައެވެ. މިއާއެކު ޖެހިގެން އަންނަ ދުވަހު ބަނޑަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތި ވެއެވެ. މިކަން މެދުވެރި ވަނީ ކުރީ ރޭ، އެކަށީގެންވާ މިންވަރަށް ހަޖަމް ކުރެވިފައި ނުވާތީއެވެ.

ކަރައަކީ ގުދުރަތީ ހަކުރުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ މޭވާއެކެވެ. ރޭގަނޑުގެ ވަގުތުގައި ކަރާ ބޭނުން ކުރުމަކީ ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް ވެސް މަގުފަހި ކުރުވަފާނެ ކަމެކެވެ.

ކަރައަކީ އޭގައި ފެނުގެ މާއްދާވެސް އިންތިހާއަށް އެކުލެވޭ މޭވާއެއް ކަމުން ރޭގަނޑު މާ ގިނައިން ކަރާ ކައިފިނަމަ ގިނަ ގިނައިން ފާހާނާއަށް ދާންޖެހި، ނިންޖަށް ބުރޫ އަރާގޮތް ވެ، ޖެހިގެން އަންނަ ދުވަހު ވަރުބަލިކަން އިހުސާސް ކުރަން ޖެހެއެވެ.

އިންޑިއާގެ އަޔަރުވޭދާ ޑޮކްޓަރެއް ކަމަށްވާ ޑރ ވަންތްރީ ތިޔާގީ ވިދާޅުވާ ގޮތުގައި ރޭގަނޑު ކަރާ ކެއުމަކީ ބައެއް މީހުންނަށް ބޭރަށް ހިންގުމުގެ އުނދަގުލާ ކުރިމަތި ކުރުވާ ކަމެކެވެ. އަދި އަނެއް ބައި މީހުންނަށް ބަނޑު ހިކުމުގެ މައްސަލަތަކާވެސް ކުރިމަތި ކުރުވާ ކަމެކެވެ. އަދި ކަރާގެ ފައިދާ އެންމެ ބޮޑަށް ލިބޭނީ ގަންނަ ގޮތަށް، ވީހާވެސް ތާޒާކޮށް ބޭނުން ކުރުމުން ކަމަށް އޭނާ ވިދާޅުވެއެވެ.

މާލޭގެ މާރުކޭޓުގައި ކަރާ ވިއްކަން އަތުރާފައި

ކަރާގެ ފައިދާތައް އެނގުން މުހިންމު

ރޭގަނޑުގެ ވަގުތުތަކުގައި ކަރާ ބޭނުން ކުރުން އެދެވިގެން ނުވި ކަމުގައި ވީ ނަމަވެސް، ކަރައަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވިގެން ވާ، އަނގައަށް މީރު މޭވާއެކެވެ.

ކަރާގެ ފައިދާތަކުގެ ތެރޭގައި:

  • ހީޓް ސްޓްރޯކް އާ ދުރުކޮށްދޭ: ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކާ ވީހާވެސް ދުރުގައި ހުރުމަށް ގަވައިދުން ކަރާ ބޭނުން ކުރުން ބުއްދިވެރިއެވެ.
  • ކިޑްނީގެ އެކުވެރިއެއް: ކަރައަކީ ޕޮޓޭސިއަމްގެ މުއްސަނދިކަން ލިބިފައިވާ މޭވާއެކެވެ. ޕޮޓޭސިއަމްއަކީ ކިޑްނީގައި އެކުލެވޭ ވިހަ މާއްދާތައް ބޭރު ކޮށްލުމަށް އެހީވެދޭ މާއްދާއެކެވެ.
  • ހިތުގެ ދޯސްތު: ކަރާގައި އެކުލެވޭ ލައިކޮޕިންއަކީ ތަފާތު އެކި ބަލިތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތައް މަރާމާތު ކޮށްދީ، ހަށިގަނޑަށް ހިމާޔަތް ދޭ ބާރުގަދަ އެންޓިއޮކްސިޑަންޓެކެވެ. ހަމަ މިއާއެކު ކަރައަކީ ބީޓާ-ކެރޮޓީންގެ މުއްސަނދިކަން ލިބިފައިވާ މޭވާއެކެވެ. މިއީ ޒުވާންކަންމަތީ ހެލިފެލިވެ އުޅުމަށް އެހީވެދޭ މާއްދާއެކެވެ. މީގެ އިތުރުން ކަރާގައި ވިޓަމިން ސީ އާއި ޕޮޓޭސިއަމް އެކުލެވޭ އިރު، މިއީ ކޮލަސްޓްރޯލް ދަށްކޮށްދީ، ހިތަށް ރައްކާތެރިކަން ގެނެސްދޭ މާއްދާ ތަކެއްކަން ވެސް ފާހަގަ ކުރަންޖެހެއެވެ.

މީގެ އިތުރުން ލޮލަށްވެސް ކަރާ ރަނގަޅެވެ. ހަމަ މިފަދައިން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ވެސް ކަރާ އެހީވެދެއެވެ.

ކަރާ ބޭނުން ކުރާއިވެސް ހަކުރު އަޅައިގެން ބޭނުން ކުރުން އެދެވިގެން ނުވެއެވެ. ނަމަވެސް ލުނބޯ ހުތްކޮޅަކާއެކު ކަރާ-ޓޮނިކް، ކިއުކަމްބާއާއި ކަރާ ޖޫސް އަދި ހަމައެކަނި ކަރާ ސްމޫތީއަކީވެސް ކަރާ ބޭނުން ކުރެވިދާނެ ފައިދާހުރި ގޮތެކެވެ.