ށ. ނަރުދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކުވެސް ހިމެނޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިކަން ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދީފައެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި މާބަނޑު މީހާއަކީ، އަމާޒު ބޯޓުގެ ކައްޕީގެ ތިމާގެ ފަރާތެކެވެ.

ނަރުދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭއިރު، އެރަށުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 8 މީހެކެވެ. އަދި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ އެރަށުން ފެންނަނީ ކޮމިއުނިޓީ ޓްރާންސްމިޝަނެއް (ގައިން ގަޔަށް ބަލި އެރުން) ކަމަށް ވެސް ވިދާޅުވެފައެވެ.

އަމާޒު ބޯއްޓުގެ ކެޕްޓަނާ ކޮންޓެކްޓްވި 9 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އަމާޒު ބޯޓުުގެ ކެޕްޓަންގެ ކޭސްއާ ގުޅިގެން ޕްރައިމަރީ ކޮންޓެކްސް ނުވަތަ އޭނައާ ސީދާ ދިމާވި، 113 މީހަކު މިހާތަނަށް ވަނީ ހޯދާފައެވެ. އޭގެތެރެއިން ހައިރިސްކް 35 ފަރާތެއް ހިމެނޭ ކަމަށާއި 11 މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެނިފައިވެއެވެ. އެ ބޯޓުން އަލާމާތް ފެނުނު މީހުންގެ ތެރެއިން މިހާރު 9 މީހަކު ޕޮޒިޓިވްވެފައިވާއިރު އެކަކީ މިލަންދޫން ޕޮޒިޓިވްވި މީހެކެވެ.

އަމާޒު ބޯޓުގެ ކެޕްޓަން، އުމުރުން 49 އަހަރު (ކޭސް133) ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.