ރީނދޫ މުގުރިހައާ ބަތަކީ އެކުގައި ބޭނުންކުރުމުން ހީކުރާ ވަރަށްވުރެ ގިނަގުނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ ކެއުމެކެވެ. މިއީ އަވަށްޓެރި އިންޑިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގައިވެސް އާންމު ކެއުމެކެވެ. ދިވެހި ބަދިގެތަކަށް، ވަކިން ހާއްސަކޮށް ހުކުރު ދުވަސް ދުވަހަށް މިއީ ފަރިތަ ކެއުމެކެވެ. މުގުރިހައާއި ބަތަކީ ލޯފެޓް ޑައެޓެކެވެ. ފައިބަރާ ޕްރޮޓީންސްގެ މުއްސަނދިކަން ލިބިފައިވާ ކެއުމެއްވެސް މެއެވެ.

ބާސްމަތީ ހަނޑުލުގެ ނިއުޓްރިޝަނަލް ވެލިއު

ބާސްމަތީ ހަނޑުލުގެ 2 ބާވަތެއް ހުރެއެވެ. އެއީ އާދައިގެ ހުދު ބާސްމަތީ ހަނޑުލާ 'ބްރައުން' ބާސްމަތީ ހަނޑުލެވެ. ކައްކާފައި ހުންނަ ބްރައުން ބާސްމަތީ ބަތް ޖޯޑެއްގައި އެކުލެވިގެންވަނީ 218 ކެލަރީޒްއެވެ. އާދައިގެ ބާސްމަތީ ބަތް ޖޯޑެއްގައި އެކުލެވެނީ 242 ކެލަރީޒްއެވެ. ބާސްމަތީ ހަނޑުލުގައި ކައްކާފައި ހުންނަ ބަތް ޖޯޑެއްގައި 8.1 ގުރާމް ޕްރޮޓީންސް، 77.1. ގްރާމް ކާބޯހައިޑްރޭޓްސް، 0.6 ގުރާމް ފެޓް އަދި 2.2 ގުރާމް ފައިބަރު އެކުލެވޭކަންވެސް ފާހަގަކުރަންޖެހެއެވެ.

ރީނދޫ މުގުގެ ނިއުޓްރިޝަނަލް ވެލިއު

ކައްކާފައި ހުންނަ ރީނދޫ މުގު ޖޯޑެއްގައި އެކުލެވިގެން ވަނީ 147 ކެލަރީޒްއެވެ. ރީނދޫ މުގު ސާވިންގް އެއްގައި 1.2 ގުރާމް ފެޓް، 28 މިލިގުރާމް ސޯޑިއަމް، 12 ގުރާމް ފައިބަރު، 3 ގުރާމް ހަކުރު އަދި 25 ގުރާމް ޕްރޮޓީންސް އެކުލެވިގެންވެއެވެ. ރީނދޫ މުގަގީ ޕްރޮޓީންސްގެ މުއްސަނދިކަން ލިބިފައިވާ، ކައިބޯހައިޑްރޭޓްސްގެ މިންވަރަށް ދަށް ބާވަތެކެވެ.

މުގުރިހަ ތައްޓެއް/ފޮޓޯ: ޔަމީ ފުޑް ރެސިޕީ

މަސްތައް ވަރުގަދަކޮށްދޭ

މުގުގައި އެމީނޯ އެސިޑް އެކުލެވޭއިރު ބަތުގައި އެކުލެވެނީ ސަލްފާ-ބޭސް އެމީނޯ އެސިޑްއެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންސް އެއްކޮށްދިނުމަށް އެހީވެދޭ 2 މާއްދާއެވެ. މުގާއި ބަތް އެއްކޮށް ކެއުމަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންސްގެ މާއްދާތައް އެއްކޮށްދީ، ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދޭނެ ކަމެކެވެ.

ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ

މުގަކީ އޭގައި އެކުލެވޭ އެންޓި-އިންފްލަމޭޓަރީ އަދި އެންޓި-މައިކްރޯބިއަލް ސިފަތަކެއްގެ ސަބަބުން، ނުރައްކާތެރި ބެކްޓީރިއާތަކާ، ވައިރަސް އަދި އަރިދަފުސް ރޯގާތަކާ ހަނގުރާމަކުރުމަށް އެހީވެދޭ ބާވަތެކެވެ.

ބަތަކީ ބޮޑުކަމުދާ ތަކެތީގައި 'ދުޅަހެޔޮ' ބެކްޓީރިއާ އަށަގަންނަވަން އެހީވެދޭ ފައިބަރެއް އެކުލެވޭ ބާވަތެކެވެ. މިއާއެކު ދިފާއީ ނިޒާމުގެ ބާރުގަދަކޮށްދެއެވެ.

އިސްތަށިގަނޑާ ހަންގަނޑަށްވެސް ފަރުވާއެއް

މުގުގައި އެކުލެވޭ ޕްރޮޓީންސްއާއި ބަތުގައި އެކުލެވޭ ފައިބަރަކީ ހަށިގަނޑު ސާފުކޮށްދޭ މާއްދާތަކެއްވެސްމެއެވެ. މިއާއެކު ގައިގެ ހަންގަނޑާ، އިސްތަށިގަނޑަށް ދުޅަހެޔޮކަން ގެނެސްދެއެވެ.

މުގުރިހަ ތެއްޔެއް. ރީނދޫ މުގަކީ ހަށިގަނޑަށް ފައިދާ ހުރި ބާވަތެއް/ފޮޓޯ: އަރަޗަނާޒް ކިޗަން

ލޭ ރަނގަޅުކޮށްދޭ

ރީނދޫ މުގަކީ އޭގައި ދަގަނޑުގެ ބައިވެސް އެކުލެވިގެންވާ ބާވަތެކެވެ. މިއީ ލޭގައި ދައުރުވާ ރެޑް ބްލަޑް ސެލްސް އުފައްދަން އެހީވެދޭ މާއްދާއެކެވެ. ރީނދޫ މުގު ބޭނުންކުރުމަކީ ހަށިގަނޑުން މަދުވާ ދަގަނޑު ބައި ބެލަންސް ކުރުމަށް އެހީވެދޭ ބާވަތެކެވެ. މިއާއެކު ލޭ މަދުވުން ނުވަތަ އެނީމިއާގެ ނުރައްކަލާވެސް ރީނދޫ މުގުގެ ސަބަބުން ދުރުކޮށްދެއެވެ.

ހަމަ މިފަދައިން، މުގުރިހައާއި ބަތަކީ މެޓަބޮލިޒަމް ރޭޓް ރަނގަޅުކޮށްދޭ ކާނާގެ ބާވާތެއްކަންވެސް ފާހަގަކުރަންޖެހެއެވެ.

މިދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އެތައް ބަޔަކު ގޭ ބަންދުވެ، އާންމު ދިރިއުޅުމުގެ އާދަކާދައާއި ދުރުވާންޖެހި، އިގުތިސޯދީ ދިރިއުޅުމެއް އިހުތިޔާރު ކުރަންޖެހިފައިވާ ވަގުތަކަށް ވާއިރު މުގުރިހައާއި ބަތަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް، މިވަގުތަށް އެންމެ ރަނގަޅު އެއް ކެއުން ކަމުގައި ބެލެވިދާނެއެވެ.