837 ބިދެސީން ދިރިއުޅޭ 18 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ 800 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފައިވާ ކަމަށެވެ.
18 ތަނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، މިއަދު އެކަނި މާލެއިން ވަނީ 29 ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން މީ އެންމެ ގިނަ އަަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނުނު ދުވަހެވެ. މި އަދަދާއެކު ޖުމްލަ މިހާރު ވަނީ 177 އަށް އަރާފައެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީވެސް ބިދޭސީންނެވެ. 101 ބިދޭސީން ހިމެނޭ އިރު އޭގެ ތެރެއިން 72 މީހުންނަކީ ކޮމިއުނިޓީ ސްޕްރެޑްގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި ބަންގްލަދޭޝް މީހުންނެވެ. އަދި ކޮމިއުނިޓީ ސްޕްރެޑް ފެށުނުފަހުން މާލެ ސަރަހައްދުން ޕޮޒިޓިވް ވި ދިވެހިންގެ އަދަދު ވަނީ 73 އަށް އަރާފައެވެ.
ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ބިދޭސީންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައި ވާއިރު މާލެ ސަރަހައްދަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ސަރަހައްދެކެވެ. އިޖުތިމާއީ އެކި މަަސައްކަތްތައް ކުރަނީ އެމީހުންނެވެ. ކަންމަތީ ފިހާރަތަކުގައިވެސް އުޅެނީ އެމީހުންނެވެ. މުދާ އުފުލުމާއި އެނޫންވެސް މަސައްކަތްތައްކުގައި އެމީހުން އުޅޭއިރު އާންމުންގެ ގޭގެއަށް ވެއްދޭ ތަކެތި ރަނގަޅަށް ޑިސްއިންފެކްޓް ކުރަން ޖެހެއެވެ.