އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ، 8 ދިވެހިން ކަމަށެވެ. މިއާއެކު މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު 117 އަށް އަރާފަިއވާއިރު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 137 އަށް އަރާފައެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލި މާލެ ސަރަހައްދުގައި ފެތުރެން ފެށިފަހުން 63 ދިވެހިންނާއި، 54 ބިދޭސީން ވަނީ ޕޮޒިޓިވެފައެވެ. އެއީ 46 ބަންގްލަދޭޝް ރައްޔިތުންނާއި 7 އިންޑިއާ ރައްޔިތުން އަދި ލަންކާ ރައްޔިތެކެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 137 އަށް އަރާފައިވާއިރު، ކޮވިޑް-19އާ ގުޅިގެން 125 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އައިސޮލޭޓްކޮށްފައެވެ. އަދި 1328 މީހަކު ވަނީ ކަރަންޓީނު ފެސިލިޓީތަކުގައި ކަރަންޓީނުކޮށްފައެވެ.

މި ބަލި ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން މިމަހު 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. އަދި 15 ވަނަ ދުވަހުން ފެށިގެން މާލެއިން އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ ހުރިހާ ފަރާތްތައް އެކަހެރިވުމަށް ވެސް ވަނީ އަންގާފައެވެ.