ލޮކްޑައުންގައި ޕޮޒިޓިވް ވި ބައެއް މީހުންގެ ކޮންޓެކްޓް ޓްރޭސިން 200 އަށް އަރާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ، ލޮކްޑައުން އަކީ، ގޭގައި މަޑުން ތިބެން ޖެހޭ ހާލަތެއް ނަމަވެސް، ޕޮޒިޓިވް ވި ބައެއް މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުން ފާހަގަ ވީ، ލޮކްޑައުންގައިވެސް ގޭގައި މަޑު ނުތިބޭ ކަމެވެ. އެގޮތުން ޓްރޭސްވި މީހުންގެ އަދަދު 100 އިން 200 އަށް އަރާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނި ލޮކްޑައުން ކުރީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު، ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 137 އަށް އަރައިގެން ގޮސްފައިވާ އިރު، ޕޮޒިޓިވް ވި މީހުން ބައްދަލު ވި މީހުން ނުވަތަ ފަރާތްތައް ނެދެގަތުމަށް ކުރަމުން ދާ މަސައްކަތަށް އިޝާރާތް ކުރައްވާ އަމީން ވިދާޅުވީ، ލޮކްޑައުންވެގެން ތިބޭ ނަމަ، ކޮންޓެކް ވެފައި ހުންނަން ވަނީ މަދު އަދަދެއް (5 ނުވަތ 10) ވަރު މީހުންނާ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
އެމީހަކު ލޮކްޑައުންވެގެން އުޅޭ ގެއެއްގައި ތިބި ބައެއްގެ އިތުރުން ކޮންޓެކްޓް ވި މީހުންގެ ލިސްޓް 100 އިން 200 އިން އަރައިގެން ދިޔައިމާ އެނގެނީ ލޮކްޑައުންވާން އެންގީމައި މަދު ބަޔަކު ނަމަވެސް އެ ގޮތަށް އަމަލު ނުކުރި ކަމެވެ. މިނިސްތަރު އެހެން ވިދާޅުވި އިރު ގިނަ ބަޔަކު ލޮކްޑައުންވެގެން ތިބިކަންވެސް ފާހަގަ ކުރެއްވިއެވެ.
މާލެ ސަރަހައްދާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކޮވިޑް ފެތުރިފައިވާ އިރު، މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށެވެ. އެގޮތުން މިހާރު އޮތް ލޮކްޑައުންގެ ހާލަތު 4 ދުވަސް ތެރޭގައި ނިމުމަކަށް ގެނެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކޮވިޑަކީ ފަސޭހަ ކަމާއެކު ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ވުމާއެކު ގައިދުރު ކަމަކީ، މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާތަނަށް އޮތް ފަރުވާއެވެ. އެއް ގޭގެ 2 ފްލޯއެއްގައި އުޅޭ މީހުން ކަމުގައި ވިޔަސް އެއް ބަޔަކު އަނެއް ބަޔަކަށް ޒިޔާރަތް ނުކުރުމާއި، އެކުގައި ބާއްވާ ރޯދަ ވީއްލުންތައް ނުބޭއްވުމަކީވެސް މިވަގުތަށް މުހިންމު ކަންކަން ކަމަށް ސިއްހީ މާހިރުން ދަނީ ފާހަގަ ކުރަމުންނެވެ.