ހުރިހާ ރައްޔިތުން ގޭގައި ކަރަންޓީނު ކުރަން ޖެހިދާނެ ކަމަށް ތައްޔާރު ވުމަށް މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މިހާރު މާލެއިން ބަލި ފެންނަ ނިސްބަތަށް ބަލާއިރު ވަރަށްބޮޑަށް ފެތުރިފައިވާ ކަމަށާއި، ބަލި ފެންނަމުން ދަނީ ކުރިންވެސް ލަފާކޮށްފައި ވާ ބާރުމިނުގައި ކަމަށެވެ. އަދި މިހާރުވެސް ބަލި ފެތުރިފައިވާ ވަރުން ބަލި ކޮންޓްރޯލް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ކަމުން މިހާރު މަޝްވަރާ ކުރެވޭ އެއް ކަމަކީ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ވަކި ރަށެއްގައި އެމީހުން ބޭތިއްބުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ހެލްތު ޕްރޮފެޝަނަލުން ކޮންމެ ދުވަހަކު މަޝްވަރާތައް ކުރާ ކަމަށާއި އެންމެ ހާލަތު ގޮށްވެގެން ދާއިރު އެމީހަކު ތިބި ތަނެއްގައި ގޭގައި ކަރަންޓީނު ވާން ޖެހިދާނެ ކަމަށް ވިސަނައިގެން ތިބެން ޖެހޭ ކަމަށެވެ.

ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމަށްޓަކައި ޑޮކްޓަރުންނާއި، މެޑިކަލް ޓީމުތަކުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ދާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވވިދާޅުވީ، މިހާލަތުގައި އެންމެބޮޑު އިސްކަމެއް ދެއްވަނީ ހައިރިސްކު މީހުންނަށާއި، ބަލީގައި ފަރުވާ ހޯދަމުންދާ މީހުންނަށް ކަމަށެވެ. މީގެ އިތުރުން ބަލި ޖެހުނު މީހުންނާ ސީދާ ދިމާވި މީހުން ދެނެގަނެ އެމީހުންގެ ސާމްޕަލްތައް ނަގައި އަވަހަށް ޓެސްޓް ކުރުމަކީވެސް އިސްކަން ދެއްވާ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 137 އަށް އަރާފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން 125 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އައިސޮލޭޓް ކޮށްފައެވެ. އަދި 1328 މީހަކު ވަނީ ކަރަންޓީނު ފެސިލިޓީތަކުގައި ކަރަންޓީނު ކޮށްފައެވެ.

މި ބަލި ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން މިމަހު 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި 15 ވަނަ ދުވަހުން ފެށިގެން މާލެއިން އެހެން ރަށްރަށަށް ދަތުރު ކޮށްފައި ވާ ހުރިހާ ފަރާތްތައް އެކަހެރި ވުމަށް ވެސް ވަނީ އަންގާފައެވެ.