އެންޒީން ގަންނަ ތަކެތީގެ ފައިސާ އޮންލައިކޮށް ނެގުމަށް ފަހު އެ ތަކެތި ޑެލިވާ ނުކުރެވެނީ ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށް އެންޒީން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެންޒީން ބުނީ ޑެލިވަރީ ލަސްވަނީ ގިނަ އޯޑަރުތަކެއް ލިބިފައި ވުމުން ކަމަށާއި ލިބިފައިވާ އޯޑަރު ތަކަށް މެދު ނުކެނޑި ޑެލިވާ ކުރަން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި މިހާތަނަށް ފައިސާ ދައްކާ ޑެލިވާ ނުކުރެވި ހުރި އޯޑަރުތައް ފެށޭ ހަފްތާގައި ޑެލިވާ ކުރެވޭނެ ކަމަށް ބުންޏެވެ.

މިދޭތެރެއަކުން، ސިސްޓަމަށް މައްސަލަ އެއް ދިމާވެގެން ބާރަށް ނުގެންދެވުނީ، ނަމަވެސް މިހާރު ސިސްޓަމް ރަނގަޅު ކުރެވި، ޑެލިވާ ނުކުރެވި ހުރި ތަންތަނަށް މި ފެށޭ ހަފްތާ ތެރޭގައި ކުރެވޭނެ
އެންޒީ

ރޯދަ މަހު ކަސްޓަމަރުންނަށް ފަސޭހަ ވާނެހެން އަދި ކަސްޓަމަރުންގެ ވަގުތުތައް ސަލާމަތް ކޮށްދިނުމުގެ ގޮތުން އެންޒީން ގޭގެއަށް ތަކެތި ޑެލިވާ ކޮށްދިނުމަށް ނިންމައިފައި ވީ ނަމަވެސް، ކަސްޓަމަރުން ގަންނަ ތަކެއްޗަށް ފައިސާ ނެގުމަށް ފަހު ތަކެތި ނުލިބޭ މައްސަލަ ވަނީ ބޮޑުވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެންޒީގެ ހިދުމަތް ހޯދާ ފަރާތަކުން ބުނީ މިމަހުގެ 6 ވަނަ ދުވަހު ކުރި އޯޑަރަކަށް 19 ވަނަ ދުވަހު ފައިސާ ދައްކާފައިވާނެ ކަމަށާއި މިހާރު ގުޅުމުން ފޯނު ނުނަގާ ކަމަށެވެ.

"3000 ރުފިޔާގެ އެއްޗެހި އަޅުގަނޑުމެން އޯޑާ ކުރީ، އަދިވެސް ނުލިބޭ، މިހާރު ގުޅިމަ ފޯން ބިޒީކޮށްލަނީ، ޑިލޭ ވަންޏާވެސް ބުނީމަދޯ އިނގޭނީ، ވާނުވާއެއް"
ކަސްޓަމަރެއް

މީގެ އިތުން "ދަ ޕްރެސް"އަށް މައުލޫމާތު ދިން ކަސްޓަމަރަކު ބުނިގޮތުގައި މިރެއާ ހަމައަށް ޖަވާބެއް ނުލިބިއްޖެ ނަމަ ޕޮލިހަށް މައްސަލަ ހުށަހަޅާނެ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ބަދަލުގައި އެކަމަށް ހައްލެއް ނުލިބޭ ކަމަށް އޭނާ ކިޔައިދިނެވެ.

އެންޒީގެ ސޯޝަލް މީޑިއާގެ ޕޭޖުތަކުން ބުނާ ގޮތުން ބޭނުންވާ ތަކެތި ވައިބާ ކުރުމުން މާލެ އަދި ހުޅުމާލެއަށް ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނެފައިވެއެވެ. ޑެލިވަރީ ކުރުމަށް މާލެއަށް ނަމަ 7248899 އަށް ގުޅުމަށާއި ހުޅުމާލެއަށް ނަމަ 7258899 އަށް ގުޅުމަށް އެދިފައި ވެއެވެ. މީގެ އިތުރުން ވައިބާ މެދުވެތިކޮށް އޯޑަރު ދޭ ފަރާތުގެ ނަމާއި ފޯން ނަންބަރާއި އެޑްރެސްގެ އިތުރުން ބޭނުންވާ ތަކެތި ފޮނުވުމަށްވެސް އެދިފައި ވެއެވެ. އެއަށްފަހު އެ ތަކެއްޗަށްވާ ފައިސާ އޮންލައިކޮށް ދެއްކުމަށް އެދިފައި ވެއެވެ.