އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް އަހަރެން ކްލިނިކަށް ދިޔައީމެވެ. އަހަރެންނަކީ ވަޒީފާ އަދާ ކުރި އިރުވެސް ގަޑިޖެހިގެން ތަނަކަށް ދިޔަ މީހަކަށް ނުވާތީ އަހަރެން އެތަނަށް ދިޔައީ ބުނެފަިއވާ ގަޑީގެ 15 ވަރަކަށް މިނެޓް ކުރިންނެވެ. މަންމައާ އެކީ ވެއިޓިން އޭރިއާގައި ހުރި ގޮނޑީގައި އިށީނދެގެން ތިބި އިރު ދޭތެރެއަކުން ޑޮކްޓަރު ބަލަން ހަމަޖެހިފައިވާ ކޮޓަރީއާ ދިމާއަށް އަހަރެންނަށް ބަލާލެވެއެވެ.

މާގިނަ އިރެއް ނުވެ އަހަރެންގެ ނަމުން ކައުންޓަރުގައި އިން ކުއްޖާ ގޮވާލައިފިއެވެ. އެ ކްލިނިކްގައި މިވަގުތު މަންމައާއި އަހަރެންގެ އިތުރުން އިތުރު މީހަކު ނެތެވެ. އެހެންކަމުން ގޮނޑިން ތެދުވަމުން މަންމަ ގާތު ބޭރުގައި މަޑުކުރުމަށް އެދުނީމެވެ. އެއީ މަންމަ އެ ކޮޓަރިއަށް ވެއްދުމަކީ ރަނގަޅުކަމެއް ކަމަށް އަހަންނަށް ނުފެންނާތީއެވެ.

ޑޮކްޓަރު އިނީ އަހަރެން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެ އަހަރެން ޑޮކްޓަރުގެ މޫނަށް ފުން ނަޒަރަކުން ބަލާލީމެވެ. ފޮތަކާ ގަލަމެއް ހިފައިގެން އިން ޑޮކްޓަރު އެ މޭޒުމަތީ އޮތް ރިކޯޑަރު ޖައްސާލަމުން ވާހަކަ ދައްކަން ފެށިއެވެ. އަދި ކުރިން އެއްބަސް ވެފައިވާ ގޮތަށް މިއަދު ހުރިހާ ވާހަކަތަކެއް ހިއްސާކުރުމަށް އޭނާ އެދުނެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މޭޒުމަތީ އޮތް ރިކޯޑަރާ ދިމާއަށް އަހަރެން ބަލާލީމެވެ. ފައިގެ އިނގިލި ކުރި ޖައްސައިގެން އެއް ވަރަށް ހަލުވިކޮށް ތަޅުވާލަ ތަޅުވާލަ އިން އިރު އަތުގެ އިނގިތަކުން ހެދުމުގެ ފަސްބަޔާ އަހަރެން ކުޅެމުން ދިޔައީމެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯ ވަރަށް މަސައްކަތް ކުރުމަށްފަހު މޭޒުމަތީ ހުރި ފެންތަށިން އެތިފޮދެއް ބޯލީމެވެ. އަރުތެރެއިން ފެންފޮދު ދިރިގެން ދިޔަ ވަގުތު އަހަރެންގެ ލޯ މައްޗަށް އެ ދުވަސް އައިސް ހުއްޓިއްޖެއެވެ.

*** *** *** *** *** ***

އޮފީސް މަސައްކަތް ނިންމާލުމަށްފަހު އަހަރެން ގެއަށް އައި އިރު ގަޑިން ދަންވަރު 2 ޖަހާ ބޮޑުވެއްޖެއެވެ. އަހަރެން ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ސިޓިންގް ރޫމުގައި އަހަރެންގެ މަންމަ އިނީ ފޮތެއް ކިޔާށެވެ. ކިޔަން އިން ފޮތުން ނަޒަރު ދުރުކޮށްލުމަށްފަހު ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް މަންމަ ބަލާލީ ލައިގެން ހުރި ބޫޓު ބާލާ އަހަރެން ހަރުމަތީ ބަހައްޓަން އުޅުނު ވަގުތެވެ. ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ރަނގަޅު ކޮށްލަމުން މަންމަ ގޮނޑިން ތެދުވީ އަހަރެން ގެއަށް އައުމުން ނިދަން ދާށެވެ.

ގިނަ ވަގުތު އޮފީހުގައި މި ދުވަސްކޮޅު މަސައްކަތް ކުރަން ޖެހިފައިވުމުން އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ދެވޭ ގޮތެއް ނުވެއެވެ. މަސައްކަތް ކުރާ ދާއިރާގެ ގޮތުން މި ދުވަސްކޮޅަކީ ރެއާއި ދުވާލު އެތައް ވަގުތަކު އޮފީހުގައި މަސައްކަތް ކުރަން މަޖުބޫރުވެފައިވާ ދުވަސްކޮޅެކެވެ. އަހަރެން ކުރާ މަސައްކަތަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކޮންމެ ދުވަހަކުވެސް އާ އަޒުމަކާއެކު ވަޒީފާއަށް ނުކުންނަނީ ވަރުބަލިކަމެއް ނެތިއެވެ.

ފެންވަރަން މާގަނޑު ދަށަށް ވަތް އިރުވެސް އަހަރެންގެ ސިކުނޑިއަށް ލުއެއް ނުލިބޭ ކަހަލައެވެ. ހަމައަށް ރަނގަޅަށް ނިދާލެވުނު ދުވަހެއް އަހަރެންގެ ހަނދާނަކު ނެތެވެ. މަސައްކަތް ނިންމާލާފައި ގެއަށް އައި ނަމަވެސް އަހަރެންގެ ސިކުނޑިން އެ ހާދިސާތައް ފިލައިގެން ދާ ގޮތެއް ނުވިއެވެ. ބައެއް މީހުން ދައްކާ ވާހަކަތައް އަހަރެންގެ ކަންފަތުގައި ހަރުލާފައި ހުރެއެވެ. ނުވަތަ ކުށުގެ ވެށިން ފެންނަ ހެކިތަކާއި ވިކްޓިމަށް ކުރާނެ އަސަރު އިހްސާސްކުރެވި އަހަރެންގެ ހިތަށް އެތައް އުނދަގޫތަކެއް ވިއެވެ.

ޖަޒުބާތުގައި ޖެހިގެން ރަނގަޅަށް މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ އަހަރެންގެ ބޮސް ވަނީ ސިކުނޑި ބޭނުން ކުރުމަށް ނަސޭހަތް ދީފައެވެ. ނަމަވެސް ސިކުނޑިން މަސައްކަތް ކުރެވޭ ވަރަށް ވުރެ ތަހުގީގުކުރަން ލިބިފައިވާ ކޭސްތަކަކީ އަހަރެންގެ ޖަޒުބާތުތަކަށް އަސަރުކުރަމުން ދިޔަ ކޭސްތަކެކެވެ.

ފެންވަރާ ނިމުނު އިރުވެސް އަހަރެންގެ ސިކުނޑިއަށް އެއްވެސް އަރާމުކަމެއް ނުލިބުނެވެ. އެހެންކަމުން އިރުކޮޅެއް ވަންދެން ފެންތައް އޮހެމުންދިޔަ މާގަނޑު ދަށުގައި އަހަރެން މަޑުކޮށްލީ ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ދެލޯ މަރާލަމުން ފާރުގައް އަތް ވިއްދާލައިގެން ހުރެ ހަށިގަނޑުގައި ބީހެމުންދިޔަ ފެންތިކިތަކަށް ސަމާލުކަން ދިނުމަށް އަހަރެން މަސައްކަތް ކުރީމެވެ. އެވަގުތު އަހަރެންގެ ލޮލަށް ސިފަވެގެން ދިޔައީ މިއިން ދުވަހަކު އަހަރެން ހަނދާންކުރަން ބޭނުންވި ހަނދާންތަކެއް ނޫނެވެ. އެވާހަކަ ނުދެއްކުމަށް އަޒުމް ކަނޑައަޅައިގެން ހުރި ނަމަވެސް މިއަދު އެ ހަނދާންތައް އައިސް ކަޅު ވިލާތަކެއް ހެން އަހަރެން ވަށާލައިފިއެވެ. ތޫފާނެއް އަންނަ އުޅޭ ކަމުގެ ސިގްނަލެއް ދޭން އުޅޭ ކަހަލަ އިހްސާސެއް ކުރި ނަމަވެސް އެއީ ވަހުމެއް ކަމަށް އަހަރެން ނިންމީމެވެ.

ލޯމަރައިގެން ފުންކޮށް ނޭވާލާން އަހަރެން މަސައްކަތް ކުރީމެވެ. އެހަނދާންތައް އާކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދެން އިހްސާސްވީ ތަފާތު ކަމަކެވެ. އެ ފާހާނާތެރޭގައި ހުރީ އަހަރެން އެކަނި ނޫންކަން އިހްސާސްވިއެވެ. މާގަންޑުން ފައިބަމުން ދިޔަ ފެންތައް ތަޅުން މައްޗަށް އޮހެމުން ދިޔަ އަޑު ނޫން އިތުރު އަޑެއް އެިވޭތޯ އަހަރެން ސަމާލުކަން ދީގެން ހުރީމެވެ. ހާސްވެ ކަންބޮޑުވެފައި ހުރުމުން އަހަރެންގެ ހިތް ބަންބަންލާފައި ޖެހެމުން ދިޔަ އަޑު އަހަރެންނަށް އުނދަގޫކުރިއެވެ.

މޫނުމައްޗަށް ވެއްޓިފައިވާ އަހަރެންގެ ކުރު އިސްތަށިތައް މައްޗަށް ނަގާލަމުން މޫނުގައި އަހަރެން އަތް ހާކާލީމެވެ. އެވަގުތު ފޭރާމެއް ނެތް އަހަރެންގެ ހަށިގަނޑުގައި ބިޔަ ވަރުގަދަ އަތަކުން ބީހެމުންދިޔަ ކަން އިހުސާސް ވުމުން އަހަރެން އެ ހުރި ތަނަށް ގަނޑުވިއެވެ. ކަންފަތް ދޮށުގައި ހޫނު ނޭވާއެއް ބީހިލާފައި ދިޔައިރު އެމީހާގެ ނޭވާގައި ހަރުލާފައި ހުރި ދުންފަތް ވަސްގަނޑު ނޭފަތުގައި ޖެހުމާއެކު އަހަރެން ލޯ ހުޅުވާލީމެވެ. ސިހިފައި އަހަންނަށް ވަށައިގެން ބަލާލެވުނީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ. ނަމަވެސް އަހަރެން ހުރީ ފާހާނާތެރޭގައި އެކަންޏެވެ. އަވަހަށް ތިވާލިނަގާ ގައިގައި އޮޅާލައިގެން ކޮޓަރިއަށް ނުކުތީ ހިތަށް ވެރިވީ ބިރުވެރިކަމެއްގެ ބޮޑުކަމުންނެވެ.

ރީތިވާން ލޯގަނޑު ކައިރީ ހުރިއިރުވެސް އހަަރެންނަށް ވިސްނެމުންދިޔައީ ދެންމެ އިހްސާސް ކުރެވުނު ކަންތަކާ މެދެވެ. އެއީ މީގެ ފަންސަވީސް އަހަރު ކުރީގައި ހިނގި ކަމެއް މިއަދު ހަނދާންވުމުން މިރޭ ދެން ނުނިދޭނެ ކަން އަހަންނަށް ޔަގީންވިއެވެ.

މި ދުވަސްވަރަކީ އަހަރެން ދިރިއުޅެމުން އަންނަ ކުޑަ ގައުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ލިބޭ އެތައް މައްސަލަތަކެއްގެ ވާހަކަތައް ދެކެވެމުން އަންނަ ދުވަސްވަރެއްކަމުން އެ ވާހަކަތަކާ ގުޅުން ހުރި ލިޔުމެއް ނޫނީ ސޯޝަލް މީޑިއާ ހާވާލިއަސް ނުފެންނާނެއެވެ.

މަޑުންމަޑުން ކޮޓަރިން ނުކުމެ ކުދިން ނިދާފައި ތިބި ކޮޓަރިއާ ދިމާއަށް އަހަރެން ހިނގައިގަތީ އެކުދިންގެ މޫނު ފެނުމުން ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. މިވަގުތު ދެ ކުދިންވެސް ތިބޭނީ ނިދާފައިކަން އަހަންނަށް ޔަގީނެވެ. ނަމަވެސް މިރޭ އެކުދިން ކައިރިއަށް ދާން އަހަރެން ބޭނުންވިއެވެ.

ކުދިން ކޮޓަރިއަށް ވަދެ ހަގު ދަރުފުޅު ނިދާފައި އޮތް އެނދުގެ މަގަތުގައި އަހަރެން އިށީނީމެވެ. އުމުރުން ފަސްއަހަރުގެ އަންހެން ދަރިފުޅުގެ ބޮލުގައި ފިރުމާލުމަށްފަހު އެ ކުއްޖާގެ ނިތްކުރިއަށް ބޮސްދިން އިރު އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހިގެން ދިޔައެވެ. ހިތުގައި ނުފިލާ ރިހުމެއް އެކުލެވިފައި ވީއިރު އެ ރިހުން ކަރުނައިގެ ސިފައިގައި ބޭރުކޮށްލެވުނީ މިއަދު ހިނގި ހާދިސާގައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ހެދި ރަހުމު ކުޑަ ގޮތް ހިތަށް ވެރިވުމުންނެވެ.

އެ ކުއްޖާގެ އާއިލާ މީހަކު އެ ކުއްޖާގެ ތުއްތު ހަށިގަނޑުގައި ވަކި ހިއްޕާލިއިރު ކުށެއް ނެތް އެ މައުސޫމު ކުއްޖާގެ ހަށިގަނޑުގައި އަޅާނެ ވޭނާއި ރިހުން އަހަންނަށް އިހްސާސް ކުރެވުނު ކަހަލައެވެ. އެ އިހްސާސްތަކާއެކު އައިސް އަމިއްލަ ދަރިފުޅު ކުރިމައްޗަށް ހުއްޓުމުން އަހަރެންގެ އުދާސްތަކަށް ކެތްނުވީއެވެ. އަންހެން ދަރިއަކު އެފަދަ ނުބައި މީހުން އުޅޭ ތަނެއްގައި ހިމާޔަތް ދޭނެ ގޮތަކާ މެދު ޝައްކު އުފެދުނެވެ. އިތުބާރުކޮށްފައި ނުކުރާނީ ވަކި ކާކަށް ހެއްޔެވެ. ހިމާޔަތުގެ އަތެއް ދިއްކުރަން ތިބޭ މީހުންވެސް އެ ކުދިންނަށް ކުރަމުންދާ އަނިޔާތައް ހިތަށް ވެރިވުމުން އަހަރެނގެ މައިލަގޮނޑިއަށް ކެތްނުވީއެވެ.

ދަރިފުޅުގެ މޫނަށް އެތައް އިރަކު ބަލަން އިނުމަށްފަހު އަހަރެން ނުކުމެ ސިޓިންގްރޫމްގެ ސޯފާގައި އިށީނީމެވެ ފޯނުގެ ޑިސްޕްލޭ ހުޅުވާލުމަށްފަހު ފޯނު ހާވަން ފެށީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް ފޭސްބުކް ހުޅުވާލުމާއެކީ އަހަރެންގެ ހިތަށް އިތުރު ހާސްކަމެއް ވެރިވެގެން ދިޔައެވެ. ފުރަތަމަ ފެނުނު ޕޯސްޓުގައިވާ ކެޕްޝަން ކިޔާލެވުނު އިރު ހިތުގައި ބުނެދޭން ނޭނގޭ ބިރުވެރިކަމެއް އަށަގަތެވެ. 9 އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ބޮޑުބޭބެ ޖިންސީ ގޯނާ ކުރި ވާހަކަ އެކުއްޖާގެ ދުލުން ކިޔައިދީފައިވާ އޯޑިއޯއެއް ކަމަށް އެ ކެޕްޝަނުގައި އޮތުމުން ގަބޫލުކުރަން ދަތިވިއެވެ.

ތުރުތުރު އަޅަމުންދިޔަ އަތަކުން އަހަރެން އެ އޯޑިއޯ ހުޅުވާލީމެވެ. ހަމައެއާއެކު އިވިގެން ދިޔައީ މީހަކު އެކުއްޖާއަށް ކުރަމުންދިޔަ ސުވާލުތަކެވެ. އެ ކުއްޖާގެ ބޮޑުބޭބެ ހެދިގޮތްތައް ކިޔައިދަމުން ދިޔައިރު އެ ކުއްޖާގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ވިއެވެ. އެ މައުސޫމް ދުލުން ކިޔައިދެމުން ދިޔައީ އެތައް ދުވަސްތަކެއް ވަންދެން ބޮޑުބޭ ބިރުދައްކައިގެން ކުރަމުންދިޔަ އަނިޔާތަކުގެ ތަފްސީލެވެ. ޖިންސީ ގޯނާގެ ދަލުގައި ބަނދެވިގެން ހުރެ އެކަމާ ހަނގުރާމަކޮށް ބަލިވެފައި މައުސޫމް ކުއްޖާގެ ޝަކުވާތައް އަޑުއަހަމުން ދިޔައ ިރު އަހަރެންގެ ލޭ ކެކި ރުޅި ދިޔައީ ގަދަވަމުންނެވެ.އެ ކުއްޖާ ތަހައްމަލު ކުރި ކަންކަން ކިޔައިދެމުންދިޔަ އިރު އަހަރެންގެ ބައެއް ގުނަވަނަތަކުގައިވެސް އެ ރިހުން އާވަމުން ދިޔަ ކަހަލައެވެ.

ކުއްލިއަކަށް މުޅި ގެއިން ކަރަންޓު ދިއުމުން ސިއްސައިގެން ގޮސް ފޯނުގެ ޑިސްޕްލޭ އަނބުރާލާ ވަށައިގެން އަހަރެން އަލި ކުރަން މަސައްކަތް ކުރީމެވެ. ކަނު އަނދިރިކަމުގެ ތެރެއިން އަހަރެންނަށް އެއްވެސް ތަނެއް ފެންނަ ގޮތެއް ނުވިއެވެ. އެހިސާބުން އަހަރެންގެ ނޭފަތުގައި ޖެހުނީ މީގެ 25 އަހަރު ކުރިން އަހަރެންގެ ނޭފަތުގައި ޖެހުނު ދުންފަތް ވަސްގަނޑެވެ.

މިއީ ކުރެވުނު ޝައްކެއްކަމަށް ހީކޮށް އަހަރެން ނޭފަތް ރަނގަޅަށް އެތެރެއަށް ދަމާލީމެވެ. ނަމަވެސް އެއީ ހަމަ އެ ވަހެވެ. ގޭތެރެ ވަށައިގެން އަހަރެންނަށް ހޯދާލެވުނެވެ. ބިރުން ހުރެއެވެ. އެ ދުވަހުވެސް މުޅި ގޭތެރެ އޮތީ މިހެން އަނދިރިކޮށެވެ. އިސް އުފުލާ އަހަރެންނަށް ބަލާލެވުނީ ދަރިން ނިދާފައި ތިބި ކޮޓަރިއާ ދިމާއަށެވެ. ފޯނުން އަލިކުރަމުން އަހަރެން ކޮޓަރިއާ ދިމާއަށް ދިޔައީ ބިރުން ހުރެއެވެ. ދޮރު ހުޅުވާލަމުން ދަރިފުޅު ނިދާފައި އޮތް އެނދާ ދިމާއަށް އަހަރެން ބަލާލީ ޝައްކެއްގައި ހުރެއެވެ.

ފެނުނު މަންޒަރުން އަހަންނަށް ހަޅޭއް ލަވައިގަނެވުނެވެ. އަހަރެންގެ ބޮޑުބޭބެ އެއޮތީ މަގޭ 5 އަހަރުގެ ދަރިފުޅު ގައިގާ އޮޅުލައިގަނެގެންނެވެ. އޭނާ އަހަރެންނަށް ވެސް ހެދީ ހަމައެހެންނެވެ. އެކަމަކު މިއަދު އޭނައަށް ސަލާމަތެއް ނުވެވޭނެއެވެ. އަހަރެންގެ ދަރިފުޅު ގައިގައި އަތްލާފައި އެހެން ނުފިލޭނެއެވެ. އިންސާފު ހޯދަން ބޭނުންވެފައި ހުރި ވަރުންނާއި އައިސްފައި ހުރި ރުޅިން ގައި ހުރި ބާރެއްލާ އޭނާގެ ބުރަކަށި މައްޗަށް ވެއްޓިގަނެ ތަޅަން ފެށީމެވެ.

އެއަޑަށް އަހަރެންގެ ދެ ދަރިން ހޭލައިފިއެވެ. މަންމަވެސް ހޭލައިފިއެވެ. އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. މާޒީގައި އަހަންނަށް ކަންކުރި ގޮތުގެ ވާހަކަތައް ކިޔަމުން އަހަރެން އޭނާގެ ގައިގާ ތަޅަމުން ދިޔައީ ފުރާނަ ދިޔަޔަސް ވަރިހަމަ ކަމަށެވެ. ގައި ހުރި ބާރެއްލާ އޭނާގެ ދުވަސްދުއްވާލަން އަހަރެން އޭނާގެ ގައިގާ ތަޅަމުން ދިޔައީ މޮޔައެއް ހެންނެވެ.

މުޅިތަނަށް އަލިކަން ވެރިވި އިރު އަހަރެން ހުރީ ނޭވާވެސް ނުލެވޭ ވަރަށް ވަރުބަލިވެފައެވެ. ނޭފަތުންނާއި ލޮލުން ފައިބަމުންދިޔަ ފެންތައް އަތުގެ ނުފުށުން ފޮހެލަމުން ފަހަތަށް ބަލާލެވުނީ ބިރުގެންފައި ހުރި އަހަރެންގެ ދަރިފުޅު މަންމާއޭ ކިޔާ ގޮވާލުމުންނެވެ. އެހިސާބުން އަހަރެން ދަރިފުޅު ގައިގާ ބައްދާލީމެވެ. ދެން ބޮޑުބޭބެ ނާންނާނޭ ބުނެ ދަރިފުޅުގައި މޫނުގައި އަހަރެން ބޮސްދިނީމެވެ. ދުވަހަކުވެސް ދަރިފުޅު ގައިގާ ބޮޑުބޭބެއަށް އަތް ނުލެވޭނެއޭ ބުނި އިރު އެ ތުއްތު ކުއްޖާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.

އެނދު ކައިރިއަށް އައިސް ހުއްޓުނު އަހަރެންގެ މަންމަ ކޮނޑުގައި ހިފާލަމުން އަހަރެންގެ މޫނަށް ބަލާލިއެވެ. ބޮޑުބޭބެ އޮތް ދިމާއަށް އަހަރެން ބަލާލަމުން އަތް ދިއްކޮށްލީ އޭނާއަށް އިޝާރާތްކުރަމުން ބޮޑުބޭބެ އަހަރެންގެ ދަރިފުާ ބެހެން އުޅުނު ވާހަކަ ދކިޔައިދޭށެވެ. ނަމަވެސް އެތާކު ބޮޑު ބޭބެއެއް ނެތެވެ.

އަހަރެން ތަޅަމުން ދިޔައީ ދަރިފުޅު ބައްދަން ގެންގުޅުނު ބާލީހުގައެވެ. ދެލޯ ބޮޑުކޮށްލަމުން އަހަރެން ބަލާލީ މަންމައާ ދިމާއަށެވެ. މިއޮއްހާ ދުވަހު އަހަރެން އެ ވާހަކަތައް ސިއްރުކޮށްގެން ހުރި ނަމަވެސް އެ ވާހަކަތައް މިއަދު އަހަރެންގެ ދުލުން ބޭރުވެއްޖެއެވެ.

ބޮޑުބޭބެގެ ވަކިތަކުން ސަލާމަތްވެގެން މާލެއަށް ބަދަލުވެ ދުވަހަކުވެސް ރަށަށް ނުގޮސް ދިރިއުޅެމުން ދިޔަ ނަމަވެސް އެ ޒަހަމްތައް އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދެއެވެ. ކެތްތެރިކަމާއެކު މަސައްކަތަށް ސަމާލުކަން ދީގެން އުޅުނު ނަމަވެސް ފަސްލާ ފޮރުވާފައިވާ އެ ސިއްރު އަހަރެންގެ ދުލުން މިއަދު ބޭރުވެއްޖެއެވެ. އަހަރެން އެކަނިމާއެކަނި ސިއްރުކޮށްގެން ހުރި ވާހަކަތައް ބޭރުވީ އިރު ނަފްސާނީ ގޮތުން އަހަންނަށް ވަނީ އަސަރުތަކެއް ކޮށްފައިކަން އަހަރެން ގަބޫލު ކުރީ މިއަދު ކަންތައް ވީ ގޮތުންނެވެ. އެކަމަށް ފަރުވާއެއް ނުހޯދާ ހުރެފިއްޔާ ބޮޑުބޭބެގެ ހަނދާންތައް އާވެ އެފަދަ ދެވަނަ ހާދިސާއެއް ހިނގާނީ ކޮން ވަގުތަކު ކަމެއް އަހަންނަކަށް ނޭނގުނެވެ. މިއީ އެންޒައިޓީ ކަމެއް ޑިޕްރެޝަން ކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ނަފްސާނީ ގޮތުން އަހަރެން ދުޅަހެޔޮ ނޫން ކަމެވެ. ހަގީގަތާ ހިލާފް މަންޒަރުތައް ފެނި އަތުން ފައިން ގޯސް ހެދޭ ހިސާބަށް ގޮސްފައިވާ ކަމެވެ.

އެހެންކަމުން އަހަރެންގެ މަންމަގެ އެތައް އާދޭހަކާއެކު އަހަރެން އަދާކުރަމުންދިޔަ ވަޒީފާއިން ދުވަސްކޮޅަކަށް ދުރަށް ޖެހިލީމެވެ. އަދި ފަރުވާ ކުރުމަށް ސައިކޭޓްރިސްޓެއް ކައިރިއަށް ދިޔައީމެވެ. މަޑުމަޑުން އަހަރެން ހަމައަަކަށް އެޅެން ދެން ހަފްތާއަކު އެއްފަހަރު އަހަރެން ކްލިނިކަށް ދައްކަމުން ދިއައީމެވެ. އެންމެ ފަހުން އަހަރެން އެ ހުރިހާ ވާހަކަތަކެއް ފަރުވާ ދެމުންދިޔަ ސައިކޭޓްރިސްޓަށް ކިޔައިދޭން ނިންމީމެވެ. 25 އަހަރު ވަންދެން ފޮރުވައިގެން ހުރި ސިއްރު ކިޔައިދޭން އަހަރެން ފެށީ އިތުރަށް ސިއްރުކުރުމަކުން ވާނެ ފައިދާއެއް ނޯންނާނެކަމަށް ގަބޫލުކޮށްފައެވެ.

(ނިމުނީ)