ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމަށް ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ހަރަދުކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓާ ޑރ.އަހުމަދު ޒާހިރު ރޭ ޓީވީ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ޒަކާތު ފަންޑުން މިހާތަނަަށް ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެގޮތުން ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް އެހީވުމަށް ތިން މިލިއަން ރުފިޔާ ހަަރަދުކުރެވުނު ކަމަށެވެ.
ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށާއި ހާލަތަށް ރިއާޔަތްކޮށް ޒަކާތު ފަންޑުން ހަރަދުކުރާ އަދަދު މުރާޖައާކުރާނެ ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ތަނުގައި ވެސް ޒަކާތު ފަންޑުގައި ހުރި މިންވަރަކުން މިފަދަ ކަންކަމަށް ހަރަދުކުރާނެ ކަމަށްވެސް ޑރ.ޒާހިރު ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން ހާލުގައި ޖެހޭ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް 90 އަށް ވުރެ ގިނަ މީހުންނަށް އެ މިނިސްޓްރީން ވަނީ އެހީވެފައެވެ. އަދި މަގުމަތިވެފައިވާ އެންމެންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ މަސައްކަތްތަކެއް ޖެންޑާ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ވެސް އަންނަނީ ކުރަމުންނެވެ.