ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓަރީން ބުނީ، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އަންގާފައި ވަނީ މިއަދުގެ މަޢްރިބް ނަމާދުން ފެށިގެން ކަމަށެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދަށް މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް އަންގާފައިވާ ކަމަށާއި އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި ވަނީ މާލެ، ވިލިމާލެ، ހުޅުމާލޭގެ އިތުރުން ރިސޯޓުތަކުގެ މިސްކިތްތަކުގައެވެ. ނަމަވެސް އެ މުއްދަތު މިއަދު ހަމަވާތީ އިސްލާމިކް މިނިސްޓީން ވަނީ މި މަހުގެ ނިޔަލަށް މާލެ، ހުޅުމާލެ، ވިލިމާލެ މިސްކިތްތަކުގެ އިތުރުން ސަރުކާރުން އަރާ ފޭބުން މަނާކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދު ޖަމާއަތުގައި ކުރުން މެދުކަނޑާލި މުއްދަތު އިތުރު ކޮށްފައެވެ.

ހަމައެއާއެކު މި މުއްދަތުގެ ތެރޭގައި ރަށެއް ލޮކްޑައުން ކޮށްފިނަމަ އެރަށެގެ މިސްކިތްތަކުގައި ވެސް އެ މުއްދަތުގެ ތެރޭގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ވެއެވެ.

ކޮވިޑް -19 އިން ރައްކާތެރިވުމަށް އެތައް ފިޔަވަޅުތަކެއް ސަރުކާރުން އަޅާމުން އަންނަ އިރު، މާލެ ސަރަހައްދުގެ މިސްކިތްތަކާއި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިފަދަ ގޮތަކަށް ހުއްޓާލި ފުރަތަމަ ފަހަރެވެ.