މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ހިދުމަތް މެދުކަނޑާލުމަށްފަހު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އީސްޓޯރުގެ ހިދުމަތް އަލުން ފަށައިފިއެވެ.

އެސްޓީއޯއިން ދެމުންދާ އީސްޓޯރުގެ ހިދުމަތް މެދުކަނޑާލީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން ޑެލިވަރީ ކުރުމަށް ނަގަން ޖެހޭ ހާއްސަ ހުއްދަ ނެގުމަށެވެ. އެސްޓީއޯއިން ބުނީ މިހާރު ޑެލިވަރީ ކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި، އީސްޓޯރުގެ ހިދުމަތް ކުރިއެކޭ އެއްފަދައިން އާއްމުންނަށް ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން ދެމުންދާ އީސްޓޯރުގެ ހިދުމަތް އަލުން ދޭން ފެށުމާއެކު ކުރިއެކޭވެސް އެއްފަދައިން ގެއަށް ބޭނުންވާ ތަކެތި އޮންލައިންކޮށް ގަނެވޭނެ ކަމަށެވެ. އެސްޓީއޯ ސުޕަމާޓުން ވިއްކާ ތަކެތި ގަންނަން ބޭނުންވާ ކަސްޓަމަރުން އެކުންފުނީގެ ވެބްސައިޓު sto.mv/product މެދުވެރިކޮށް އޯޑަރު ކުރުމުގެ އިތުރުން ފައިސާވެސް ދެއްކޭނެއެވެ. އަދި ކަސްޓަމަރުން ގަންނަ އެތަކެތި ގެއާއި ހަމަޔަށް ޑޭލިވަރީވެސް ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.