ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މާލެ ސިޓީ ލޮކްޑައުންކުރުމާ ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަން އިން ބުނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައި ވާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކިގޮތެއް އަންގަންދެން އެތެރޭގެ އުދުހުންތައް މިވަގުތައް މެދުކަނޑާލާފައިވާ ކަމަށެވެ. ހަަމައެއާއެކު ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ މަންޓާ އެއާ އިން ބުނީ ލޮކްޑައުން ހާލަތާ ގުޅިގެން އެ އެއާލައިނުން ކުރަން ނިންމާފައިވާ ޗާޓަރު ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެޗްޕީއޭ އިން ވަކި ގޮތެއް އެންގުމުން މާންޓާ އެއާއިން ދަތުރުތައް ފަށާނެކަމަށް އެ އެއާލައިނުން ވެސް ބުނެއެވެ.

މޯލްޑިވިއަނުން މީގެ ކުރިން ބުނެފައިވަނީ، ކޮވިޑް-19އާ ގުލީގެން އެ އެއާލައިނުން ރާއްޖެއިން ބޭރަށް ކުރަމުންދާ ވައިގެ ދަތުރުތައް ހުއްޓާލާފައިވުމުން އެ ކުްނފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށެވެ. އަދި މީހާލަތުގައި ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ވާނެކަމަށާއި ނަމަވެސް މުވައްޒަފުންގެ މުސާރައިން އުނި ނުކޮށް އެހެނިހެން ގޮތް ގޮތުން ހަރަދު ކުޑަކުރުމަށް ނިންމާފައިވާ ކަަމަށްވެސް އެ އެއާލައިނުން ބުނެއެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރަމުންދާ ބަހާއި ފެރީގެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުންވެސް ވަނީ މަނާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 21 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 6 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.