މާލެގައި އުޅޭ ދިވެއްސެއް ކޯވިޑް-19 އަށް ޕޮސިޓިވް ވެފަ އިވާތީ ކުރިއަށް އޮތް 24 ގަޑި އިރަށް މާލޭ ސިޓީ ލޮކްޑައުން ކޮށްފައިވާ މިދަނޑިވަޅުގައި ވެމްކޯއިން ދޭ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި ވެމްކޯއިން ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭ އަދި އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެން.އީ.އޯ.ސީ)ގެ ލަފާގެ މަތިން މިކަމުގައި ރައްކާތެރި ވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، އެކުންފުނން މާލެ ސަރަހައްދުގައި ފޯރުކޮށްދެމުން ދާ އެންމެހާ ޚިދުމަތްތައް ލޮކްޑައުން، މުއްދަތުގައި ވަގުތީ ގޮތުން މެދުކަނޑާ ލުމަށް ނިންމާފައިވާ ކަމަށެވެ.

ވެމްކޯއިން ބުނެފައިވަނީ މި ދަނޑިވަޅުގައި ގޭބީސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާ އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތެއްގައި ރަނގަޅަށް ބަންދު ކުރުމަށް ކުންފުނީގެ ކަސްޓަމަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ހާލަތަށް ރިޢާޔަތްކޮށް ކަމާބެހޭ އިދާރާތަކުގެ ލަފައާއެކު ކޯޕަރޭޝަންގެ މެދު ކެނޑިފައިވާ ޚިދުމަތްތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުންނާއި ހިއްސާ ކުރަމުން ދާނެ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.