ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ގައުމާ މުހާތަބު ކުރައްވަން ނިންމައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް ސޯލިހް ގައުމާ މުހާތަބް ކުރައްވަން ހަމަޖެހިފައި ވަނީ މިއަދު 15:45 ގައެވެ. އަދި ރައީސް ގައުމާ މުހާތަބް ކުރައްވާނީ ޓީވީ މެދުވެރިކޮށް ލައިވްކޮށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިއަދު ރައީސް ގައުމާ މުހާތަބް ކުރައްވަން ނިންމަވާފައި ވާއިރު، ކޮވިޑް19 އަށް މާލެތެރެއިން މިއަދު ވަނީ ދިވެއްސަކު ޕޮޒިޓިވް ވެފައެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮވިޑް19 އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި މިއީ ޓްރެވަލް ހިސްޓްރީއެއް ނެތި މާލެ ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވް ވި މީހާ ކަމަށާއި، މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވް ވި 6 ވަނަ މީހާ ކަމަށެވެ. އަދި މި މީހާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓިއަށް ގެންގޮސްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މާލެ ތެރެއިން ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ އިރު، މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އަދި މިއާއެކު މާލެ ސަރަހައްދުގައި އެއްގައު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ ވަގުތީގޮތުން މަނާވެފައެވެ. މީގެ އިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރަމުން ދާ ބަހާއި ފެރީގެ ހިދުމަތް ވެސް ވަގުތީ ގޮތުން މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ.
މާލެތެރެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވި އިރު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒުލާ ރަފީގު ވަނީ ކޮވިޑް19 ރާއްޖެއަށް އައިސް ފެތުރޭ ހާލަތެއްގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ މާލެ ސަހަރަހައްދުން 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް އަންދާޒާ ކޮށް ހިސާބުތަކެއް އާންމު ކުރައްވާފައެވެ.