1.9 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލަ އެއްގައި ބިދޭސީއަކު ހައްޔަރުކޮށް ފައިސާގެ ބޮޑު ބައެއް ހޯދައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ 11 ވަނަ ދުވަހު މެންދަމުގެ ވަގުތެއްގައި ކޭއެސްޖޭ އޯވާސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން (ކޭއެސްޖޭ) މުވައްޒަފުންނަށް ދިިނުމަށް ނަގާފައިވާ ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޭއެސްޖޭގެ ނަމަކަށްކިޔާ ކުންފުންޏަކުން ވަގަށްނަގާފައިވާ 1.9 މިލިއަން ރުފިޔާގެ ތެރެއިން 1.5 މިލިއަން މިހާތަނަށް ހޯދައިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކަމަށާއި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވަގަށް ނަގާފައި ވަނީ 1921130 ރުފިޔާއާއި 25943.50 ގެ އަގުހުރި ޑޭޓާ ކާޑާއި ރައުޓަރާއި 11000ގެ އަގުހުރި ފަސް މޯބައިލް ފޯނާއި، 29500 ގެ އަގުހުރި ރީޗާޖް ކާޑު ކަމަށް ފުލުހުން ބުނެއެވެ. އަދި އޭގެ ތެރެއިން މިމަހުގެ 12 ވަނަ ދުވަހު ހޯދާފައި ވަނީ 1518130 ރުފިޔާ އާއި ޑޭޓާ ކާޑާއި ރައުޓަރުތަކާއި ފަސް މޯބައިލް ފޯނުގެ އިތުރުން ރިޗާޖް ކާޑުތައް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރިސޯޓުގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުނީގެ ފަރާތުން ފައިސާ ބަލާ މާލެ އައިސް ހުރި މީހަކު ފައިސާއާއި ހަވާލުވެ މި ފައިސާ ހިފައިގެން އެނބުރި ރިސޯޓަށް ފުރަންދެން ގެސްޓް ހައުސެއްގައި މަޑުކޮށްގެން ހުއްޓާ އެ ފައިސާއާއި އިތުރުބ ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.