ފޯނު ފިހާރައަކުން 75000 ރުފިޔާއަށްވުރެ ގިނަ ފައިސާގެ ތަކެތި ވަގަށް ނަގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނ މިދިޔަ މާޗްމަހުގެ 23 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދުގައި ބިޒް މޯބައިލް ފިހާރަ ފަޅާލާ ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލިބެލުމުން 75،000 ރުފިޔާއަށްވުރެ ގިނަ ފައިސާގެ ތަކެތި ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށެވެ.

ބިޒް މޯބައިލް ފިހާރަ ފަޅާލާ، ވަގަށް ނެގި ތަކެތި ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އޭގެ ތެރެއިން 62000 ރުފިޔާއަށްވުރެ ގިނަ ފައިސާގެ ތަކެތި ހޯދާ ވެރިފަރާތަށް ވަނީ ހަވާލުކޮށްފައި ަކމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، ވަގަށް ނެގި ތަކެތިން މިހާތަނާސް ނުހޯދި ހުރި ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މާޗް 30 ވަނަ ދުވަހު އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.އަދި މާޗް 31 ވަނަ ދުވަހު އުމރުން 39 އަހަރުގެ ދިވެހި ފިިރހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ފިހާރައިން ވައްކަން ކުރި ކަމަށް އެ ދެ މީހުން ވެސް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މީހުންގެ ތެރެއިން އުމުރުން 39 ދިވެހި ފިރިހެން މީހާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ފަރުވާ ފުރިހަމަ ކުރުމަށް މުޖުތަމައަށް ދޫކޮށްލާފައި ހުރި މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ، އޭނާއަށް އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި އޭނާ ނުހިފީ ކަމަށް ބަލައި މާޗް 31 ވަނަ ދުވަހު އޭނާ ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.