ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ފޮނުވުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދަން ދަތިތައް ކުރިމަތި ވެފައިވާ ކަމަށެވެ. މިމަހުގެ 17 ވަަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް ޔޫއޭއީއަށް ދަތުރެއް ކުރަން ނިންމާފައިވާ ކަމަށާއި އެ ދަތުރުގައި ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ފޮނުވައިދޭން ނިންމާފައިވާ ކަމަށެވެ.

އަދި އެކަމަށް އެދޭ ފަރާތްތަކުން ފޮރިން މިނިސްޓްރީން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރާ ހުށަހަޅަން ވަނީ އެދިފައެވެ. ހަަމއެއާއެކު ފޮރިން މިނިސްޓްރީން ބުނީ ކޮންމެ އާއިލާއަކަށްވެސް 15 ކިލޯގެ ތަކެތި ފޮނުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތީގެ ތެރޭގައި ހިމެނެނީ:

  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި
  • ޗިލީ ޕޭސްޓް، މަސްމިރުސް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާ އެކު)
  • ހަވާދު ޕެކެޓް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާ އެކު)
  • ތެލުލި ބަބުކެޔޮ، އަލަ، ކުޅި ކާޖާ (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާ އެކު)

ތަކެތި ބަލައިގަންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލް ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ފެށިގެން މެންދުރު ފަހު 3:00 އަށް ކަމަށެވެ.

ސަރުކާރުން މިހާތަނަށް ވަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ތިބި އާއިލާތަކަށްވެސް ތަކެތި ފޮނުވުމުގެ ފުރުސަތު ދީފައެވެ. އަދި ބެންކޮކުގައި ތިބި ދިވެހި އާއިލާތަކަށްވެސް މާދާމާ ތަކެތި ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.